Advertisement

ރީފްސައިޑުން 28 މިލިއަން ރުފިޔާގެ ސުކޫކެއް ވިއްކަނީ

ރީފްސައިޑުގެ ސުކޫކު އޮފަރިންއާ ގުޅޭ މައުލޫމާތު ދެނީ: ރީފްސައިޑަކީ އަތުކުރީ ގަޑި އާއި އިލެކްޓްރޯނިކްސް ވިޔަފާރީގައި ފުންނާބު އުސް ކުންފުންޏެއް --- ފޮޓޯ: ރީފްސައިޑު


ރީފްސައިޑުން 28 މިލިއަން ރުފިޔާގެ ސުކޫކެއް ވިއްކަނީ

އަތުކުރީ ގަޑި އާއި އިލެކްޓްރޯނިކްސް ވިޔަފާރީގައި އެންމެ ފުންނާބު އުސް އަދި ޒަމާންވީ ދިވެހި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ރީފްސައިޑުން 28 މިލިއަން ރުފިޔާގެ ސުކޫކެއް ވިއްކަން އިއުލާންކޮށްފި އެވެ.

ރީފްސައިޑުން މި ސުކޫކު ވިއްކަނީ 1000ރ. ގެ މޫނުމަތީ އަގުގައި، މަދުވެގެން ފަސް ސުކޫކު ގަންނަ ކޮންމެ އިންވެސްޓަރަކަށް ބައިވެރިވެވޭ ގޮތަށެވެ. މިހެންކަމުން، މި ސުކޫކު އޮފަރިންގައި ބައިވެރިވާން މަދުވެގެން ބޭނުންވަނީ 5000ރ. އެވެ.

މިއީ ނުވަ އަހަރުން ހަމަވާ، އަހަރުގެ ދެ ކޮޅު 8.5 ޕަސެންޓުގެ ފައިދާ ލިބޭ އަދި، ސުކޫކެކެވެ. އަދި، މި މުއާމަލާތުގެ ދަށުން ސުކޫކު ގަނެވެނީ، ދިވެހިންނަށާއި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށެވެ. ރީފްސައިޑުން ބުނީ މޯލްޑިވްސް ސެކިއުރިޓީސް އެކްސްޗޭންޖުގެ ވިޔަނަ ޕޯޓަލްއިން މި ސުކޫކު ގަތުމުގެ މުއާމަލާތްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ސުކޫކު ވިއްކައިގެން ލިބޭ ފައިސާ ހަރަދުކުރަން ރީފްސައިޑުން ހުށަހަޅަނީ، އޭގެ ތެރެއިން 15.7 މިލިއަން ރުފިޔާއިން ދަރަނިތައް ދައްކާފައި، 11.5 މިލިއަން ރުފިޔާ ވާކިން ކެޕިޓަލްގެ ގޮތުގައި ބޭނުންކޮށް އިންވެންޓްރީއަށް ބޭނުންކުރުމަށެވެ. ބާކީ ހަތް ލައްކަ ރުފިޔާއަކީ ސުކޫކު ވިއްކުމުގެ އިންތިޒާމުތައް ހަމަޖައްސަން ހިނގާ ހަރަދެވެ.

އިޖާރާ އުސޫލުގެ (މުދަލާއި ހިދުމަތް ކުއްޔަށް ދިނުމުގެ އުސޫލުގެ) ދަށުން ދޫކުރާ މި ސުކޫކަށް ޔަގީންކަން ދޭން ބޭނުންކުރާ މުދަލަކީ އޯކިޑް މަގާއި ޗާންދަނީ މަގާވީ ހަތަރު އަނގޮޅި ކަންމަތީގައި ހުންނަ ކޭކޭއެމް ބިލްޑިން އެވެ. ރީފްސައިޑުގެ ބާނީ، ހަސަން ޒާހިރުގެ ނަން މަތީގައި ރަޖިސްޓްރީކޮށްފައިވާ 10 ފަންގިފިލާގެ މި އިމާރާތް އަގުކުރެވިފައި ވަނީ 36.3 މިލިއަން ރުފިޔާގަ އެވެ.

މި ފަހަކަށް އައިސް ގިނަ އަމިއްލަ ވިޔަފާރިތަކުން އަންނަނީ، ސުކޫކު ވިއްކައިގެން ފައިނޭންސިން ހޯދަމުންނެވެ. މިއީ، ޒަމާންތަކެއް ވަންދެން ދިވެހި ވިޔަފާރިތައް ބޭންކުތަކަށް އެކަނި ބަރޯސާވެފައި އޮތުން ނިމުމަކަށް ގެނެސް، ޒަމާނީ ކެޕިޓަލް މާކެޓުގެ ހައްލުތަކަށް ވާސިލުވާން އެހީތެރީވަމުން އަންނަ މުހިންމު ކަމެކެވެ. އަދި، ރާއްޖޭގެ އިންވެސްޓުމަންޓު ދާއިރާ ކުރިއަރަން އެހީތެރިވަމުން އަންނަ މެދުވެރިއެއް ވެސް މެ އެވެ.