about 2 hours 0
އަހުމަދު އާއިދު
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ޒުހައިރު އާއި އެ ކުންފުނީގެ އިސްވެރިން ---- ފޮޓޯ: އެޗްޑީސީ
about 2 hours 0
ހުޅުމާލޭގެ ތިން ފިޔަވަހީގެ ބިންތަކުގެ މިލްކުވެރި ފަރާތް ކަމަށްވާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑު މެންބަރުން ރާއްޖެއިން ބޭރުގެ އިންވެސްޓަރުން އަތުން މިލިއަން ޑޮލަރުގެ ރިޝްވަތު ނަގާކަމުގެ ތުހުމަތު އާންމުންގެ މީހަކު ކޮށްފި އެވެ.
ރައީސް މުހައްމަދު މުއިއްޒު މިރޭ ހުޅުމާލެ ފުރަތަމަ ފިވަހީގައި ދިރިއުޅޭ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދެއްކި އެ މީހާ ފުރަތަމަ ބުނީ އެ ވާހަކަ ދައްކަން ބޭނުންވަނީ ލައިވް ޓީވީގައި ނޫން ކަމަށާއި މުއިއްޒު އަރިހުގައި ކަމަށެވެ. ނަމަވެސް ކޮންމެ ވެސް ވަރެއްގެ ތަފުސީލެއް ދިނެވެ.
އެގޮތުން، ބޭރުގެ އިންވެސްޓަރުން ލައްވާ އެޗްޑީސީއިން 300 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓު ގެންނަން މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަސައްކަތުގެ ތެރެއިން އެ ކުންފުނީގެ ބޯޑު މެންބަރުން އެތައް ލައްކައެއްގެ ޑޮލަރު އަމިއްލަ ޖީބަށް ޖަމާކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.
"މިހާރު، އެޗްޑީސީ ބޯޑުގެ ބައެއް މެންބަރުންގެ ޖީބަށް އަޅުގަނޑު ގަބޫލުކުރާ ގޮތުގަ 500،000 ޑޮލަރު ވަރު ވަދެއްޖެ. އެއް މިލިއަން ޑޮލަރު ނުދީގެން ހަމަ ބަރާބަރަށް ދުބާއި ތަންތަނުގަ ތިބި މީހުންނާ ތަޅާފޮޅާތީ އެ ވާހަކަ ބުނެލީ،" އޭނާ ބުންޏެވެ.
މި އަހަރުގެ ކުރީކޮޅު ފެންމަތިވި ގޯތި ވައްކަމުގެ ވާހަކަ ވެސް އޭނާ ދެއްކީމު ކަމަށާއި ނަމަވެސް އެ ހިޔާނާތުގައި ބައިވެރިވި އެޗްޑީސީގެ ބޯޑު މެންބަރުން އަދި ވެސް އެ ކުންފުނީގައި އެބަތިބި ކަން އޭނާ ފާހަގަކުރި އެވެ. މި ވާހަކަ ހިއްސާކުރީ އެފަދަ ހިޔާނާތެއް ތަކުރާރުވާން ނޭދޭތީ ކަމަށް ވެސް ބުންޏެވެ.
އެޗްޑީސީ އަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މުއިއްޒުގެ ވެރިކަމުގައި ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވާ ކުންފުންޏެކެވެ. އެގޮތުން، ހިޔާ ފުލެޓުގައި ލިފްޓު ބެހެއްޓުމާއި ހުޅުމާލޭގެ މަގުތައް ހެދުމާއި ގޯއްޗާއި ފުލެޓުތައް ވިއްކާލުމުގެ ތެރެއިން ބޮޑެތި ތުހުމަތުތަކެއް މިވީ ދެ އަހަރުގެ ތެރޭގައި އެ ކުންފުނީގެ ބޯޑަށާއި ވެރިންނަށް އަމާޒުވި އެވެ.
މީގެ ތެރެއިން އެންމެ ފާޅުގައި ކޮރަޕްޝަނުގެ ތުހުމަތު އަމާޒުވީ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް ފަޒުލް ރަޝީދު އަށެވެ. އޭނާ އެ ކުންފުނީގެ ލިޔެކިޔުންތަކެއް ނައްތާލި ކަމަށް ބުނާ މައްސަލައިގައި އޭނާއާ ދެކޮޅަށް ދައުވާކުރާ ކުރަން ވެސް ފޮނުވި އެވެ.
ނަމަވެސް ހެކި ނެތް ކަމަށް ބުނެ އެ ދައުވާ ނުކުރާން ދައުލަތުން ވަނީ ނިންމާފަ އެވެ. ކޮރަޕްޝަނުގެ ތުހުމަތުތަކާއެކު ފަޒުލް އިސްތިއުފާދެއްވި ފަހުން އޭނާ ވެރިކަންކުރާ ޕީއެންސީގެ އިސް ސަފުން ވަނީ ފެނިފަ އެވެ.
އެޗްޑީސީއަށް ކުރިމަތިވާ ކޮރަޕްޝަނުގެ ތުހުމަތުގެ ތަކުގެ ސިލްސިލާގެ ދަށުން އެންމެ ފަހުން ފެންމަތިވެފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 1.3 މިލިއަން އަކަފޫޓުގެ ބިޔަ ބިމެއްގައި ލަގްޒަރީ ހައުސިން މަޝްރޫއުއެއް ހިންގަން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހަޅަން އެންމެ ހަ ދުވަސް ދީ މިދިޔަ ހަފުތާގައި ކުރި އިއުލާނެވެ.
މި މަޝްރޫއު އިއުލާނު ކުރުމާއެކު އަދަދު ނޫހާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ފާހަގަކުރި ގޮތުގައި، މީގެ ކުރިން މިއަށްވުރެ މާ ކުދި މަޝްރޫއުތަކަށް ވެސް މިއަށްވުރެ ދިގު މުއްދަތު ދީފައި އެބަހުއްޓެވެ. 6 ދުވަހުގެ ތެރޭގައި ފަންނީ ދިރާސާތައް ހަދައި، ފައިނޭންޝަލް މޮޑެލްތައް ތައްޔާރުކޮށް ބިޑު ހުށަހެޅުމަކީ އާންމު އިންވެސްޓަރަކަށް ކުރެވޭނެ ކަމެއް ނޫނެވެ. މިއީ މިކަމުގެ މައުލޫމާތު ކުރިން ލިބި، ހުރިހާ ލިޔެކިޔުމެއް ތައްޔާރުކޮށްގެން ތިބި "ވަކި ބަޔަކަށް" މަގުފަހިކޮށްދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް ބެލުމުގެ ޖާގަ ބޮޑެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment