Advertisement

މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 19،527.90ރ. ކަމަށް ކަނޑައަޅައިފި

މީގެ ކުރިން ޒަކާތް ބެހުމުގެ ތެރެއިން -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ


މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 19،527.90ރ. ކަމަށް ކަނޑައަޅައިފި

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަށް ބަދަލުގެނެސް މޯލްޑިވްސް ޒަކާތު ހައުސްއިން އެކަން އިއުލާނުކޮށްފި އެވެ.

ޒަކާތު ހައުސްއިން މިއަދުކުރި އިއުލާނުގައި ބުނީ މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 19،527.90ރ. ކަމަށެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ޒަކާތުގެ ނިސާބުގެ ގޮތުގައި މިހައި ބޮޑު އަދަދެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ.

މުދަލުޒަކާތުގެ ނިސާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. ފައިސާއިން ޒަކާތް ދައްކާނަމަ، ފައިސާ އަގުކުރެވޭނީ ރަން ނުވަތަ ރިއްސަށެވެ. ރާއްޖޭގައި ޒަކާތް ނެރެނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގު ރާއްޖޭގައި ކަނޑައަޅަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީންނެވެ.

ޒަކާތު ހައުސްއިން ބުނީ މުދަލު ޒަކާތުގެ ނިސާބު ކަނޑައަޅާފައި ވަނީ ރިހި ގްރާމަކަށް 32.82ރ. ރޭޓުން 595 ގްރާމަށްވާ އަދަދު ކަމަށެވެ.

އެހެންކަމުން، އެ މީހެއްގެ މިލްކިއްޔާތުގައި 19،527.90ރ. އެއް އަހަރު ވަންދެން ހުރެއްޖެ ނަމަ، އޭގެ ސާޅީސް ބައިކުޅަ އެއްބައި (2.5 ޕަސެންޓު) މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބު ވާނެ އެވެ.

މީގެ ކުރިން، އޯގަސްޓު މަހު، މުދަލު ޒަކާތުގެ ނިސާބުގެ ގޮތުގައި ކަނޑައަޅާފައި އޮތީ 11،191.95ރ. އެވެ. އޭގެކުރިން އޭޕްރިލް މަހު ނިސާބުގެ ގޮތުގައި ކަނޑައަޅާފައި އޮތީ 9264.15ރ. އެވެ.

މުދަލު ޒަކާތް ނެރުން ވާޖިބުވެގެން ވަނީ ފަސް ބާވަތެއްގެ މުދަލުންނެވެ. އެއީ:

  • ރަނާއި ރިހި އަދި ފައިސާ
  • ބިމުގެ ތެރެއިން ނެގޭ މައުދަންތަކާއި ރިކާޒު
  • ވިޔަފާރި މުދާ
  • ގޮވާމާއި މޭވާގެ ތެރޭގައި ހިމެނޭ ގިނަދުވަހު ހަލާކުނުވެ ހުންނަ ތެކެތި
  • ގެރި، ބަކަރި އަދި ޖަމަލު

އޭގެ ތެރެއިން ރާއްޖޭގައި އާންމުކޮށް ޒަކާތް ނެގެންހުރި ތަކެއްޗަކީ ރަނާއި ރިއްސާއި ގޮވާމުގެ އިތުރުން ވިޔަފާރި މުދަލެވެ. ނިސާބު ހަމަވާ މީހާގެ މައްޗަށް އަހަރަކު އެއްފަހަރު ނެރުން ވާޖިބުވާ މުދަލު ޒަކާތަކީ އިސްލާމްދީނުގެ ތިން ވަނަ ރުކުނެވެ.