Advertisement

ކަޅު ފައިސާ އާއި ވަގުފާރީގެ ހަބަކަށް ރާއްޖެ

about 2 hours 0


ކަޅު ފައިސާ އާއި ވަގުފާރީގެ ހަބަކަށް ރާއްޖެ

about 2 hours 0

ރާއްޖޭގެ ޖިއޮގްރަފިކް ލޮކޭޝަންގެ ގޮތުންނާއި ގާނޫނާއި ގަވާއިދުތައް އެކަށީގެންވާ ތަންފީޒު ނުކުރެވޭތީ ރާއްޖެއަކީ ވަގުފާރިން ހޯދާ ކަޅު ފައިސާ ދައުރުކުރާ ހަބަކަށް ވުމުގެ ފުރުސަތު އޮތް ކަމަށް އޭޭޝިއާ ޕެސިފިކް ގްރޫޕް އޮން މަނީ ލޯންޑަރިން (އޭޕީޖީ) އިން ނެރުނު އިވެލުއޭޝަން ރިޕޯޓުގައި ބުނެފި އެވެ.

ރާއްޖޭގައި އޮތް މަނީ ލޯންޑާ ކުރުން ހުއްޓުވުމާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ނިޒާމުން ނަތީޖާ ނެރެވޭ މިންވަރު ވަޒަންކޮށް ރާއްޖޭގެ އިވެލުއޭޝަން ރިޕޯޓު އެ ޖަމާއަތުން ނެރުނީ އިއްޔެ އެވެ. އެ ނިޒާމަށް އޮތް އެންމެ ބޮޑު ހުރަހެއްގެ ގޮތުގައި އޭޕީޖީން ފާހަގަކުރަނީ ކަންކަން ނިންމުމުގެ މަރުހަލާގައި އޮތް ސިޔާސީންގެ ނުފޫޒާއި ބާރެވެ.

އޭގެ ސަބަބުން ނިޒާމުގައި ހުރި ބާގަނޑުތައް އެ ޖަމާއަތުން ވަނީ ފާހަގަކޮށްފަ އެވެ. ޓެރަރިޒަމަށް ފައިނޭންސް ކުރުމާ ދެކޮޅު ގާނޫނަކާއި އެންޓި މަނީ ލޯންޑަރިން ގާނޫނެއް އޮތް ނަމަވެސް އެ ގާނޫނުތަކުން އެދެވޭ ނަތީޖާއެއް ނުނެރެވޭ ކަމަށް އޭޕީޖީން ބުނެ އެވެ.

ރާއްޖޭގެ އިގުތިސޯދުގެ ބޮޑު ބައެއް އަދިވެސް ބިނާވެފައިވަނީ ނަގުދު ފައިސާއަށް ކަމަށްވުމާއެކު އެއީ ޓެރަރިޒަމަށް ފައިނޭންސް ކުރުމާއި މަނީ ލޯންޑަރިންއަށް ފަހިވާ ކަމެއް ކަމަށް އޭޕީޖީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ބޭރު ފައިސާ މާރުކުރުމަށް ރަސްމީ ރޭޓެއް ކަނޑައަޅާފައިވީ ނަމަވެސް އެ ރޭޓު ތަންފީޒު ކުރުމަށް އިދާރާތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރާތީ ޑޮލަރުގެ ކަޅު ބާޒާރެއް އޮތްކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އެފަދަ ވިޔަފާރިތައް ހުއްޓުވުމަށް އިދާރާތަކުން މަސައްކަތް ނުކުރާތީ އޭޕީޖީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އޭގެ އިތުރުން ރިއަލް އެސްޓޭޓް މެދުވެރިކޮށް މަނީ ލޯންޑަރިންގެ ހަރަކާތްތައް ހިންގަމުންދާއިރު ވެސް ރެގިއުލޭޓަރީ ފްރޭމްވޯކަށް ބަދަލުތަކެއް ގެނެސްފައި ނުވާކަން ވަނީ ފާހަގަކޮށްފަ އެވެ. ރިއަލް އެސްޓޭޓް ޑިވެލޮޕަރުންނާއި އެޖެންޓުންނަށް ލައިސެންސް ދޫކުރުމުގެ މަރުހަލާތައް ހަރުދަނާ ކުރަން ޖެހޭ ކަމަށް އޭޕީޖީން ވަނީ ފާހަގަކޮށްފަ އެވެ.

ކަޅު ފައިސާގެ ގޮތުގައި އެންމެ ގިނަ އަދަދެއްގެ ފައިސާ ދައުރުކުރަނީ ޑްރަގު ޓްރެފިކް ކޮށްގެންނާއި، ކޮރަޕްޝަނާއި، އިންތިޒާމުވެގެން ކުރާ ކުށްތަކުން ކަމަށް އޭޕީޖީގެ ހޯދުންތަކުން ވަނީ ދައްކާފަ އެވެ.

ރާއްޖޭގައި 2019 އިން ފެށިގެން 2024 ވަނަ އަހަރާ ހަމައަށް މަނީ ލޯންޑަރިންއާ ގުޅޭ 158 ތަހުގީގެއް ކުރި ނަމަވެސް އޭގެ ތެރެއިން ކޯޓުތަކަށް މައްސަލަ ހުށަހަޅައި ހުކުމަކާ ހަމައަށް ދިޔައީ އެންމެ ހަތަރު މައްސަލައެއްގަ އެވެ. އޭގެ ތެރެއިން ވެސް އިސްތިއުނާފު ކޮށްފައި ނުވަނީ އެންމެ މައްސަލައެކެވެ.

ރާއްޖެއިން މަނީ ލޯންޑަރިން އާއި ޓެރަރިޒަމް ފައިނޭންސިންގެ ރިސްކް އެސެސްމަންޓެއް 2022 ވަނަ އަހަރު ހެދި ނަމަވެސް އެ އެސެސްމަންޓުގެ އަދާހަމައެއް އޭޕީޖީއާ ހިއްސާކޮށްފައި ނެތެވެ. އެ ޖަމާއަތުން ވަނީ މިކަންކަން ހައްލުކުރުމަށް ބައެއް ފިޔަވަޅުތައް އެޅުމަށް ގޮވާލާފަ އެވެ.

މަނީ ލޯންޑަރިންއާ ދެކޮޅަށް ހަރަކާތްތެރިވާ މި ޖަމިއްޔާގެ މެންބަރަކަށް ރާއްޖެ ވީ ޖުލައި 2008، ގަ އެވެ. އެ ޖަމިއްޔާގެ މެންބަރު ގައުމުތަކުގެ ތެރޭގައި އިންޑިއާ، ޗައިނާ، އެމެރިކާ، އޮސްޓްރޭލިއާ، ސިންގަޕޫރު، މެލޭޝިއާ، ވިއެޓްނާމް، ޖަޕާން އަދި ކެނެޑާ ހިމެނެ އެވެ.