މާލެ އަތޮޅު ދެކުނުބުރީގެ ސެޓްލައިޓު ފޮޓޯއެއް ---- ފޮޓޯ: ސެންޓިނެލް 2
މާލެ އަތޮޅު ކަނޑޫމާ ތިލަ ކައިރިން ކަނޑުމަތިން މަރުވެފައި އޮތް ބިދޭސީއެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮޔާދަނިކޮށް ފެނިފައިވަނީ މިއަދު ހެދުނު 10:17 ހާއިރު ކަމަށެވެ. އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ ލޯންޗަކަށް އެ މީހާގެ ހަށިގަނޑު ފެނިގެން ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ފެނިފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.
މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި މިކަމުގެ މައުލޫމާތު ލިބޭ މިންވަރަކުން ހިއްސާކުރަމުން ދާނެ ކަމަށް ވެސް ބުންޏެވެ.
މާލެ އަތޮޅުން މަރުވެފައި އޮތް ބިދޭސީއެއްގެ ހަށިގަނޑު ފެނިފައިވާއިރު، މިދިޔަ އަންގާރަ ދުވަހުން ފެށިގެން އއ. އުކުޅަހުން ރަޝިއާގެ ފަތުރުވެރިޔަކު ގެއްލިގެން ދަނީ ހޯދަމުންނެވެ.
އޭނާ އެންމެ ފަހުން ދިޔައީ މޫދަށް ކަމަށް އެ ރަށުގެ ބައެއް މީހުން ބައެއް ނޫސްތަކަށް މައުލޫމާތު ދީފައިވެ އެވެ. އެހެންކަމުން، މިއީ އޭނާގެ ހަށިގަނޑު ކަމަށް ވުމުގެ ފުރުސަތު އެބައޮތެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުން، މިއަދު ފެނުނު މީހާގެ ހަށިގަނޑު ދުވަސްތަކެއް ވަންދެން އޮޔާދަމުން ގޮސްފައިވާކަމަށް ބެލެވެ އެވެ.
Comment