21 ޑިސެންބަރު 2025 - 08:37 1
މުހައްމަދު ޝަހްޒާން
21 ޑިސެންބަރު 2025 - 08:37 1
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެންމެ ހިތްގައިމު ސަރަހައްދު ކަމަށްވާ "ޗެނަލް ޕާކް"ގެ ކުރިމަތީގައި ލަގްޒަރީ ހައުސިން މަޝްރޫއުއެއް ހިންގާނެ ބަޔަކު ހޯދަން އެންމެ ހަ ދުވަހުގެ މުހުލަތަކާއެކު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިއުލާނުކޮށްފައިވާ ބިޔަ މަޝްރޫއުއަށް ބިން ކަނޑައަޅާފައި ވަނީ މާސްޓާ ޕްލޭން އާއި ލޭންޑް ޔޫސް ޕްލޭނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފަހުކަން އެނގިއްޖެ އެވެ.
މިކަން އެޗްޑީސީގެ ބޯޑާއި މެނޭޖުމެންޓާ ގާތް ގުޅުމެއް އޮންނަ މަސްދަރުތަކުން އަދަދު ނޫހަށް ކަށަވަރުކޮށްދެ އެވެ.
މިއީ ހުޅުމާލެއިން ލަގްޒަރީ ހައުސިން މަޝްރޫއެއް ހިންގަން ދޫކުރާ އެންމެ ބޮޑު ބިމެވެ. 15 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ލިބޭ އެ ސަރަހައްދުން އެ މަޝްރޫއުއަށް ދޫކުރަން ނިންމާފައި ވަނީ 125,387.81 އަކަފޫޓުގެ ބިމެކެވެ. އެ ބިމާއެކު އެ މަޝްރޫއު ހިންގާ ބަޔަކަށް ބޭނުންކުރެވޭ ޖުމުލަ ބިމުގެ ބޮޑުމިނަކީ 1.3 މިލިއަން އަކަފޫޓެވެ.
މި މަޝްރޫއު ކުރިއަށް ގެންދާނެ ބަޔަކު ހޯދަން އެޗްޑީސީން ކޮށްފައިވާ އިއުލާނުގައި ބިން ދޫކުރާ ސަރަހައްދުގެ ކުރެހުމެއް ހިމެނެ އެވެ. މި ކުރެހުމުން ފެންނަ ގޮތުގައި މަޝްރޫއުއަށް ކަނޑައަޅާފައިވާ ބިމުގެ ތެރޭގައި އާންމު ދަތުރުފަތުރަށާއި ހިދުމަތްތަކަށް ކަނޑައަޅާފައި އޮތް މަގެއް އުނިކޮށް، އަދި ޗެނަލް ޕާކުގެ ކުރިމަތީގައި އޮތް ހުސް ބިމުން ބައެއް ހިމަނާފައިވެ އެވެ.
އެޗްޑީސީގެ ޕްލޭނަށް ބޮޑު ބަދަލެއް ގެނެސްގެން ބޮޑު ބިމެއް ދޫކޮށްލާއިރު، އެ މަޝްރޫއު ހިންގަން ޝައުގުވެރިވާ ބަޔަކު ހޯދަން ދީފައި ވަނީ އެންމެ ހަ ދުވަހުގެ މުހުލަތެކެވެ. މިކަމާ ގުޅިގެން ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ކަންބޮޑުވުން އެބަ ހުއްޓެވެ. ބައެއް މީހުން ބުނާ ގޮތުގައި، މިފަދަ ކުރު މުއްދަތެއް ހިމަނާފައި އެ ވަނީ ވަކި ބަޔަކަށް މަޝްރޫއު ދޭން ނިންމާފައި އޮތުމުންނެވެ.
"މީގެ ކުރިން މާ ކުދިކުދި މަޝްރޫއުތަކަށް ވެސް މިއަށްވުރެ ގިނަ ދުވަސް ދީފައި އެބަހުރި. އެހެންވީމާ ހުޅުމާލޭގައި ހިންގާ އެންމެ ބޮޑު ރިއަލް އެސްޓޭޓް ޕްރޮޖެކްޓަށް ހަ ދުވަސް ތެރޭގައި ބިޑު ހުށަހަޅަންޖެހުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން،" ކަންބޮޑުވުން ފާޅުކުރި ވިޔަފާރިވެރިއަކު އަދަދު ނޫހަށް ބުންޏެވެ.
ޗެނަލް ޕާކަކީ ހުޅުމާލޭގެ އަސްލު ޕްލޭނުގައި އާންމު ރައްޔިތުން ހިތްފަސޭހަ ކޮށްލުމަށް އޮތް މުހިންމު ފެހި ސަރަހައްދެކެވެ.
ނަމަވެސް، އިއުލާނުކޮށްފައިވާ މަޝްރޫއުގެ ސަބަބުން ޕާކު ހިމެނޭ ސަރަހައްދު ލަގްޒަރީ ހައުސިންގެ ތެރެއަށް ވަދެ، އެތަން ވަކި ބަޔަކު ބޭނުންކުރާ "އަމިއްލަ" ތަނަކަށް ވެގެންދާނެ އެވެ. އަދި އާންމު މަގެއް ނައްތާލުމަކީ މުސްތަގުބަލުގައި އެ ސަރަހައްދުގެ ޓްރެފިކަށާއި އަސާސީ ހިދުމަތްތަކަށް ބޮޑު ހުރަހަކަށް ވާނެ ކަމެއް ކަމަށް ބެލެވެ އެވެ.
އެޗްޑީސީން ބުނެފައިވަނީ މި މަޝްރޫއު ހިންގަން އެއް ފަރާތަށްވުރެ ގިނައިން އީއޯއައި ހުށަހަޅައިފި ނަމަ، ކުރިއަށް ދާނީ އެޗްޑީސީގެ މާސްޓާ ޕްލޭން އާއި ވިޝަންއާ އެންމެ އެއްގޮތް ހުށަހެޅުމަކާ އެކު ކަމަށެވެ. ނަމަވެސް، ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް މަގުތައް ނައްތާލި ސަބަބާއި، މިހާ ކުރު މުއްދަތެއް ދިން ސަބަބާ ގުޅޭގޮތުން އެޗްޑީސީން ބަހެއް ބުނެފައެއް ނެތެވެ.
މި މަޝްރޫއަކީ "ޑިވެލޮޕްމެންޓް ސޭލްސް ރައިޓްސް" މޮޑެލްއަށް ކުރިއަށް ގެންދަން ނިންމާފައިވާ، 15 ބުރީގެ އިމާރާތްތަކެއް ހިމެނޭ ބިޔަ މަޝްރޫއެކެވެ. އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމުގެ ސުންގަޑިއަކީ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ.
Comment