about 2 hours 0
about 2 hours 0
މެންޗެސްޓާ (ޑިސެމްބަރު 20) - މެންޗެސްޓާ ސިޓީން އޭނާ އެ ޓީމުގެ ކޯޗުގެ މަގާމުގައި ނުހުންނާނެ ދުވަހަކަށް ތައްޔާރުވާން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗުގެ މަގާމުގައި ފާއިތުވި 10 އަހަރު މަސައްކަތްކުރަމުން އަންނަ ސްޕެއިނުގެ ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ގާޑިއޯލާ ވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، ސިޓީގެ ކޯޗުކަމުގެ މަގާމުގައި އިތުރު ދެ އަހަރު ހޭދަކުރުމަށް އެއްބަސްވެ، އެ ޓީމާ އެކު، ޖޫން 2027 ނިޔަލަށް ކޮންޓްރެކްޓް އާ ކޮށްފަ އެވެ. މި ކޮންޓްރެކްޓް ހަމަވާއިރު ގާޑިއޯލާ ސިޓީގެ ކޯޗުކަމުގެ މަގާމުގައި ޖުމްލަ 11 އަހަރު ހޭދަކުރާނެ އެވެ. މީގެ ކުރިން، ގާޑިއޯލާ ވަނީ ހަތަރު އަހަރު ބާސެލޯނާގައި އަދި ތިން އަހަރު ބަޔާން މިއުނިކްގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.
އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މި ސީޒަނަށް ފަހު، ސިޓީގެ ކޯޗުކަމުން ގާޑިއޯލާ ވަކިވުމުގެ ފުރުސަތު އެބައޮތެވެ. އެހެންވެ، އެ ކްލަބުން އަންނަނީ ގާޑިއޯލާ އަށް ފަހު، އެ ޓީމާ ހަވާލުވާނެ ކޯޗެއް ހޯދުމުގެ މަޝްވަރާތައް ފަށައިފަ އެވެ. އޭގެ ތެރެއިން އެއް ނަމަކީ، ކުރިން ސިޓީގައި ވެސް މަސައްކަތްކުރި މިހާރު ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ އެވެ.
ގާޑިއޯލާ ބުނީ، ސިޓީގެ ކޯޗުގެ މަގާމުގައި އޭނާ ކިތަންމެ އުފަލުން ހުރި ކަމުގައި ވިޔަސް އެ މަގާމުގައި އޭނާ ދެމިހުރުމުގައި ކަންކަން ކަނޑައެޅޭނީ މެޗުތަކުގައި ނަތީޖާ ނުކުންނަ ގޮތަކުން ކަމަށެވެ.
"އަހަރެން މި ކްލަބްގައި ނެތް ދުވަހަކަށް ވެސް ތައްޔާރުވާން ޖެހޭނެ، އަހަރެންގެ ޗެޕްޓަރަށް ފަހު ސިޓީ ކުރިއަށްގެންދާނެ މީހެއް ވެސް އެނގިފައި އޮތުން މުހިންމުވާނެ. މިދިޔަ އަހަރުތަކުގައި ނޫސްތަކުގައި ވަރަށް ގިނަ ވާހަކަތަކެއް ދެކެވުނު އަހަންނާ ބެހޭގޮތުން، އަހަރެން ބޭނުމީ މަޑުކުރަން، ދެން، ސީޒަން ނިމުނީމަ ހިނގާ ބަލަމާ،" ގާޑިއޯލާ ބުންޏެވެ.
ސިޓީގެ ކޯޗުކަމާ 2016 ވަނަ އަހަރު ހަވާލުވި ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި އެންމެ ގިނަ ދުވަހު މަޑުކުރި ޓީމަކީ ސިޓީ އެވެ. ގާޑިއޯލާ ވަނީ ސިޓީގެ މަގާމުން ވަކިވުމަށް ފަހު، ދެން އާ ޕްރޮޖެކްޓެއް ނަގާނީ ބްރޭކަކަށް ފަހު ކަމަށް ބުނެފަ އެވެ.
Comment