ރައީސް މުހައްމަދު މުއިއްޒު ޕީއެންސީ އިން މިދިޔަ މަހު ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަނީ ---- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށާއި އެމަނިކުފާނުގެ ސިޔާސަތުތަކަށް ރާއްޖޭގެ ވޯޓުލެވޭ އާބާދީގެ މީހުންގެ މެދުގައި ދިރާސާކުރެވި ނެގި ޕޯލަކުން ދައްކައިފި އެވެ.
ރާއްޖޭގެ މިނިވަން ޖަމިއްޔާއެއް ކަމަށްވާ "ބާނި ސެންޓާ ފޯ އިންޓަނޭޝަނަލް ޕޮލިސީ" އިން ނޮވެމްބަރު ނޮވެމްބަރު 23، އިން ޑިސެމްބަރު 1، ގެ ނިޔަލަށް ކުރި މި ދިރާސާގައި ނެގި ޕޯލުގައި ޖުމްލަ 9،921 މީހަކަށް ވަނީ ގުޅާފަ އެވެ.
މީގެ ތެރެއިން 391 މީހަކު ޕޯލަށް ޖަވާބު ދިން އިރު، ރާއްޖޭގެ ވޯޓުލެވޭ އާބާދީ ކަމަށްވާ 274,625 އަށް ބަލާއިރު، 95 ޕަސެންޓު ކޮންފިޑެންސެއް އޮތް ނަތިޖާއެއް ނެރުމަށް ބޭނުންވަނީ 384 މީހުންގެ ޖަވާބު ކަމަށް ބާނި އިން ބުނެ އެވެ. މި ޕޯލްގެ މާޖިން އޮފް އެރޯ އަކީ ފަސް ޕަސެންޓު ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ޕޯލްގެ ބައިވެރިންގެ ތެރެއިން މުއިއްޒު އަށް ތާއީދުކުރާ ކަމަށް ބުނީ 62 ޕަސެންޓު މީހުންނެވެ. މީގެ ތެރެއިން އެމަނިކުފާނުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތާއީދުކުރާ ކަމަށް 21 ޕަސެންޓު މީހުން ބުންޏެވެ. މުއިއްޒުއަށް ތާއީދުނުކުރާ ކަމަށް ބުނީ 38 ޕަސެންޓު މީހުންނެވެ. އޭގެތެރޭގައި ވަރަށް ބޮޑަށް ތާއީދުނުކުރާ ކަމަށް ބުނި 19 ޕަސެންޓު މީހުން ހިމެނެ އެވެ.
އުމުރުފުރާތަކަށް ބަލާއިރު މުއިއްޒުގެ މަގުބޫލުކަން އެންމެ ބޮޑީ އުމުރުން ދުވަސްވީ ގްރޫޕުތަކުގެ މެދުގަ އެވެ. 55 އަހަރުން މަތީގެ އާބާދީގެ 67 ޕަސެންޓު މުއިއްޒު އަށް ތާއީދުކުރެ އެވެ. އެ އަދަދު އުމުރު ގްރޫޕުތައް ހަގުވާ މިންވަރަށް ދަށަށް ދާކަން ބާނީގެ ރިޕޯޓުން ދައްކަ އެވެ.
މުއިއްޒުގެ މަގުބޫލުކަން އެންމެ ދަށީ ޒުވާނުންގެ މެދުގަ އެވެ. 18 އަހަރާއި 24 އަހަރާއި ދެމެދުގެ ޒުވާނުންގެ ތެރެއިން އެމަނިކުފާނަށް 50 ޕަސެންޓު ތާއީދުކުރާއިރު، 25 އަހަރާއި 34 އަހަރާއި ދެމެދުގެ ޒުވާނުންގެ ތެރެއިން މުއިއްޒު އަށް ތާއީދުކުރަނީ 57 މީހުންނެވެ.
އާބާދީތަކަށް ބަލާއިރު، ސިޓީތަކާއި ބޮޑެތި އާބާދީތަކަށްވުރެ ބޮޑަށް މުއިއްޒުގެ މަގުބޫލުކަން ބޮޑީ ކުދި އާބާދީތަކުގަ އެވެ. ކުދި އާބާދީތަކުގައި މުއިއްޒުއަށް ތާއީދުކުރާ މީހުންގެ ޕަސެންޓު 64 ގައި ހުރިއިރު ބޮޑެތި އާބާދީތަކުގައި އެ ޕަސެންޓު ހުރީ 58 ގަ އެވެ.
ބާނިން ބުނި ގޮތުގައި މި ދިރާސާގައި ޕޯލް ނެގުމަށް ފޯނު ކޯލުތައް ކުރީ އެކަށީގެންވާ ތަމްރީނު ދެވިފައިވާ ރާއްޖޭގެ އޮފިޝަލުން ކަމަށެވެ.
އަދި، ވީހާވެސް މިނިވަން، ދެފުށް ފެންނަ ނަތީޖާއެއް ހޯދުމަށް ބާނިން އެކުލަވާލި ފޯނު ނަމްބަރު ލިސްޓަކީ ޓެލެކޮމިއުނިކޭޝަން ހިދުމަތްދޭ ތަންތަނުން ހޯދި ލިސްޓުތަކުގެ ތެރެއިން ރެންޑަމް ނަމްބަރު ޖެނެރޭޓުކޮށް ހެދި ދެ ލިސްޓެއް ކަމަށެވެ.
2023 ގެ ދެވަނަ ބުރުގެ ރަސްމީ ނަތީޖާ ދައްކާ ގޮތުން މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ 129،159 ވޯޓާ އެކު އެވެ. އެއީ ވޯޓުގެ 54.04 ޕަސެންޓެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 109،868 ވޯޓެވެ. އެއީ އެއީ ވޯޓުގެ 45.96 ޕަސެންޓެވެ.
އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،804 މީހަކަށް ލިބުނު ނަމަވެސް ވޯޓުލާފައިވަނީ 246،915 މީހުންނެވެ. ރަސްމީ ނަތީޖާ ދައްކާގޮތުން އިންތިހާބުގައި ލީ ސައްހަ ވޯޓުގެ އަދަދަކީ 239،027 އެވެ. ބާތިލު ވޯޓުގެ އަދަދަކީ 7،888 އެވެ.
Comment