about 9 hours 1
ރައީސް މުއިއްޒު ރޭ ބޭއްވި ބައްދަލުވުމުގައި އިބްރާހިމް ނާޝިދު ވާހަކަ ދައްކަނީ. -- ފޮޓޯ: ރައީސް އޮފީސް
about 9 hours 1
ސްކޫލް ޓެކްސްޓް ފޮތްތައް ޗާޕްކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ ބޮޑު ތުހުމަތެއް، ރައީސް މުހައްމަދު މުއިއްޒުގެ ބައްދަލުވުމުގައި ވިޔަފާރިވެރިޔަކު ފެންމަތިކޮށްފި އެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު މުއިއްޒު ރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވި އިބްރާހިމް ނާޝިދު ބުނީ އޭނާއަކީ ސަރުކާރުގެ ބީލަންތަކުގައި މަސައްކަތް ކުރާތާ ވިއްސަކަށް އަހަރުވެފައިވާ ވިޔަފާރިވެރިއެއް ކަމަށެވެ.
ނާޝީދު ހާމަކުރި ގޮތުގައި، އެޑިއުކޭޝަން މިނިސްޓްރީން ދަރިވަރުންގެ ފޮތްތައް ޗާޕްކުރުމަށް ހުޅުވާލި މަޝްރޫއު ޓެންޑާ ބޯޑުން އޭނާއަށް ދޭން ނިންމާފައި ވަނިކޮށް، ކުއްލި ގޮތަކަށް އެ މަޝްރޫއު ކެންސަލްކުރި އެވެ. އޭގެ ފަހުން އެ މަޝްރޫއު ކުރިއަށް ގެންދިޔައީ ކޮރަޕްޝަން އެކުލެވޭ ގޮތަކަށް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
"އީމެއިލްކޮށްފައި ބުނީ ކްލޯޒް ޓެންޑާއަކަށޭ ދާނީ. އެއަށްފަހު އީމެއިލްގެ ޒަރިއްޔާއިން އެތައް މިލިއަނެއްގެ އަގުބޮޑު ޕްރޮޖެކްޓެއް އެ މީހުން ބޭނުންވާ ބަޔަކަށް ބިޑް ހޯދައިގެން އެ ދެނީ. މިއީ ހަމަ ޔަގީނުން ވެސް ކޮރަޕްޝަން އޮންނާނެ ކަމެއް،" ނާޝީދު ވިދާޅުވިއެވެ.
އޭނާ ބުނި ގޮތުގައި މިފަދަ "ސިއްރު" ބީލަންތައް ބޭއްވުމަކީ ވަކި ބަޔަކަށް ފުރުސަތު ހުޅުވާލުމަށް ކުރާ ކަމެކެވެ. މި މައްސަލާގައި އެޑިއުކޭޝަން މިނިސްޓަރަށް އީމެއިލް ކުރެއްވި ނަމަވެސް، މިހާތަނަށް އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށް އޭނާ ފާހަގަކުރިއެވެ.
ނާޝީދު ފާހަގަކުރި ދެވަނަ މައްސަލައަކީ ސަރުކާރުން ހިދުމަތް ހޯދުމަށްފަހު ފައިސާ ދިނުން އިންތިހާއަށް ލަސްކުރުމެވެ. އެއްބަސްވުމުގައި ކަނޑައެޅިފައިވާ މުއްދަތަށް ފައިސާ ނުލިބުމުގެ ސަބަބުން ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާކަން އޭނާގެ އިތުރުން އެހެން ވިޔަފާރިވެރިން ވެސް ފާހަގަ ކުރި އެވެ.
ސަރުކާރާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ސަޕްލައިކުރުން ލަސްވެއްޖެ ނަމަ ވިޔަފާރި ކުންފުނި ޖޫރިމަނާ ކުރާ ކަމަށާއި ނަމަވެސް ސަރުކާރުން އެއްބަސްވުމާ ހިލާފުވެ ފައިސާ ނުދެއްކުމުން އަޅަންޖެހޭ ފިޔަވަޅެއް އެއްބަސްވުމުގައި ނޯންނަ ކަމަށް ނާޝިދު ފާހަގަ ކުރި އެވެ.
ސަރުކާރުން ލިބެންޖެހޭ ފައިސާ ނުލިބުމުން ވިޔަފާރިކުރަން ދަތިވެ އަދި އާއިލާ ހަރަދުތަކަށް ވެސް ބުރޫއަރާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ނާޝީދު ހުށަހެޅީ ފިނޭންސް މިނިސްޓްރީގައި ފައިސާ ނެތް ނަމަ، ބޭންކުތައް މެދުވެރިކޮށް ވިޔަފާރިވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދޭން ޖެހޭނެ ކަމަށެވެ. އަދި ބީލަންތަކުގައި "ކްރެޑިޓް ޕީރިއަޑް" ނުވަތަ ފައިސާ ދައްކާނެ މުއްދަތު ކުރިއާލާ އެނގެން އޮތުމަކީ މިކަމަށް އޮތް ހައްލެއް ކަމަށް އޭނާ ލަފާދިނެވެ. އަދި ކްރިޑިޓު ޕީރިއަޑު ބޮޑު ފަރާތްތަކަށް ގިނައިން ޕޮއިންޓު ލިބޭނެ އުސޫލު ވެސް ކަނޑައެޅިދާނެ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
Comment