Advertisement

ރައްޔިތުންގެ އަޑުން އިއްވަނީ ސިޔާސީ ފައުޖެއް އޮވެ ނިޒާމު ފެއިލްވުމުގެ ހިތި ހަގީގަތް!

މާލޭ ރައްޔިތުންނާ ބައްދަލުކުރައްވަން ބާއްވަވާ ޖަލްސާތަކުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް


ރައްޔިތުންގެ އަޑުން އިއްވަނީ ސިޔާސީ ފައުޖެއް އޮވެ ނިޒާމު ފެއިލްވުމުގެ ހިތި ހަގީގަތް!

ރޭ ގަލޮޅު ރައްޔިތުންނާއެކު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ބޭއްވެވި ބައްދަލުވުމުގެ ރަސްމީ ބައި ނިމުމަށް ފަހު، ރައްޔިތުންގެ ޝަކުވާ އާއި އާދޭހުގެ ސިޓީއުރަތަކާ ހަވާލުވެވަޑައިގަތުމަށް ލައިވް ކެމެރާގެ ކުރިމަތީގައި އެ މަނިކުފާނު އެތައް އިރެއް ވަންދެން ކޮޅަށް ހުންނެވި އެވެ.

މެންދަމުން އަނބުރައި ދޭއް ޖެހުމާ ގާތްވަންދެން ރައްޔިތުންގެ ނޯޓުކޮޅުތަކާ ހަވާލުވެވަޑައިގަތުމަށް ގައުމުގެ ވަލިއްޔުލް އަމްރު ކޮޅަށް ހުންނަވަން ޖެހިވަޑައިގެންނެވުމަކީ ބަލައިލަން "އަސަރުގަދަ" މަންޒަރެކެވެ.

މެންދަމުގެ އެ ވަގުތުގައި ހިނިތުންވުމާއެކު "ފަޔަށް ލޭ ފައިބާންދެން" ކޮޅަށް ހުންނެވުމަކީ "އޯގާތެރި ވެރިއެއްގެ" ލާމަސީލު މިސާލެއް ކަމަށް އެއް ބަޔަކު ދެކެ އެވެ.

އެހެންނަމަވެސް، އެ ބައްދަލުވުންތަކުގައި ރައްޔިތުން އަޅާ ކަރުނަ އާއި ކުރާ އާދޭހުން ކުރަހައިދޭ މަންޒަރު ތަފާތެވެ. އެކި އުމުރުގެ އެކި ގިންތި އާއި މިންތީގެ ހާލުގެ ދުލުން އިއްވައިދޭ އުދާހާއި ކެކުޅުމުގެ އަޑު އެހައިމެ ހިތްދައްޗެވެ.

މަދު ބަޔަކު ރައީސްއަށް ހުޝާމަދު ކުރި ނަމަވެސް، އެ މީހުންގެ އަޑުގައި ވެސް ފޮރުވިފައިވާ ނިކަމެތިކަން އެ ބައްދަލުވުންތަކުން އިވިގެން ހިނގައްޖެ އެވެ.

މިހައިތަނަށް މާލޭގެ ފަސް އަވަށެއްގެ ރައްޔިތުންނާއެކު މުއިއްޒު ބޭއްވެވި ބައްދަލުވުންތަކުން ވެސް ފެނިގެން ދިޔައީ ދައުލަތުގެ ހިންގުމުގެ ނިޒާމު މުޅިން ފެއިލްވެފައިވާ މިންވަރާއި ރައްޔިތުންގެ ނިކަމެތިކަން ސިޔާސީ މުދަލެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކަމުގެ ހިތި ހަގީގަތެވެ.

އެ ހަގީގަތަކީ، ކޮންމެ ބައްދަލުވުމެއްގެ ވެސް އެންމެ ކުރީގައި އަތުރާފައި ހުންނަ ސްޕޮންޖު ގޮނޑިތަކުގައި ތިއްބެވި ހާދިމުންގެ ކުރިމަތީގައި، ދައުލަތުގެ ހަގީގީ ވެރިން ކަރުނަ އަޅައި ރޯންޖެހޭ ހާލަތަށް ގައުމުގެ ހާލަތު ސަރުކާރުތަކުން ވައްޓާލައިފައިވާ ކަމެވެ.

ވެރިންގެ އިހުލާސްތެރިކަމެއް، އަމާނާތްތެރިކަމެއް، ލަދެއް ހަޔާތެއް ނެތުމުގެ ނަތީޖާއަކީ، ނިކަމެތި ރައްޔިތުންގެ ގަދަރާއި އިއްޒަތާއި ކަރާމާތާއި ޒާތީ ދިރިއުޅުމާއި، އާއިލީ ގުޅުންތަކާއި ލަދު ވާހަކަތައް، އެއް ބަޔަކު ރުޅި ގަދަވެފައި، އަނެއް ބަޔަކު ދެރަވެ ގިސްލަމުން އާންމު ޖަލްސާއެއްގައި ބަންޑުން ކޮށްލަން ޖެހުމެވެ.

ރައްޔިތުންގެ އަޑުއައްސަވަން އެ އިންނެވީ މާލޭގެ ދަތި ހާލަތު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ ބޭފުޅާ އެވެ. ހައުސިން މިނިސްޓަރުކަމުގެ މަގާމުގައި ހަތް އަހަރު، މާލޭ ސިޓީ ކައުންސިލްގެ މޭޔަރަކަށް ތިން އަހަރު އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ދެ އަހަރު އެ މަނިކުފާނު ހޭދަ ކުރައްވައިފި އެވެ.

ނަމަވެސް އެ ބައްދަލުވުންތަކުގައި ބައިވެރިވާ ރައްޔިތުން އުފައްދަނީ އެންމެ ސުވާލެކެވެ. މުޅި މާލެ ބޯހިޔާވަހިކަމަށް ޖެހިފައިވާ މިންވަރު މުއިއްޒުއަށް އެނގިވަޑައިގަންނަވާތީ ނެރެވުނީ ކޮން ނަތީޖާއެއް ހެއްޔެވެ؟ ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟

އަމިއްލަ "ލެގެސީ" އެއް ގާއިމުކުރުމުގެ ނިޔަތުގައި އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ފުށިދިއްގަރު ފަޅަށް އޮއްސަމުން އެދަނީ، އެ ސަހަރުން ކަނޑައިދޭނެ ގޯތީގައި ބިންގާ އަޅައި، ގެ ބިނާކޮށް، އިންސާނަކަށް ދިރިއުޅެވޭނެ މުއްދަތެއް ނޭނގޭ ހާލަތުގަ އެވެ.

ރައްޔިތުންގެ ހާލަތާމެދު މުއިއްޒުގެ ހިތްޕުޅުގައި ފުކެއްގެ މިންވަރަށް ވެސް ހަމްދަރުދީއެއް އޮތްނަމަ، ރަސްމާލެއަށް އިސްކަމެއް ނުދެއްވީހެވެ. މާލޭގެ ބޯހިޔާވަހިކަމަށް މުއިއްޒު ވިދާޅުވާ ގޮތުން ނަމަ، "ހަގީގީ މާނައިގައި" ހައްލު ހޯއްދަވައިދެއްވުމުގެ ވިސްނުން ހުރިނަމަ އިސްކަން ދެއްވީހީ ބްރިޖުން ގުޅިފައިވާ ސަރަހައްދުތަކުގައި ބޯހިޔާވަހިކަން ތަރައްގީކުރުމާއި ދިރިއުޅުން ފަސޭހަ ކުރުމަށެވެ.

އެކަން އެގޮތަށް ކުރެއްވިނަމަ، މިހާރު އޮންނާނީ ގުޅިފަޅާއި ގިރާވަރު ފަޅުގައި މީހުން ދިރިއުޅޭނެ ތަސްވީރު ކުލަވާން ފަށައިފަ އެވެ. އަމިއްލަ ގޯތި ފާހަގަކުރަން އެއް ފަހަރު ޖަހާ ކަޑަ ދެވަނަ ފަހަރު ބިންމަތިން ހޮވާކަށް ނުޖެހުނީހެވެ.

ރައީސްގެ ބައްދަލުވުންތަކަށް އޮއްސާލި އެހެން ޝަކުވާތަކަށް ނަޒަރު ހިންގާލާއިރު، ދިރިއުޅުމުގެ އަގުތައް އުފުލުފުމާއި ޑޮލަރުގެ އަގު ބޮޑުވުމާއި އާސަންދަ ލިބުމުގެ ދަތިކަމާއި ބޭސް ނުލިބުމާއި، މާލޭގައި ހިނގާބިނގާވެ އުޅުން ދަތިވުން ފަދަ ޝަކުވާތައް ހިމެނެ އެވެ.

އޭގެ އިތުރުން އަމިއްލަ ވިޔަފާރިތަކުގެ ތެރެއަށް ސަރުކާރުން ވަނުމުން ވެސް ބައެއް މީހުން ކަންބޮޑުވުން ފާޅުކުރި އެވެ. އަދި ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުތަކާ އެއްގޮތަށް އަމަލު ނުކުރައްވާކަން ވެސް ބައެއް ފަރާތްތަކުން މިސާލާއެކު ފާހަގަކުރި އެވެ.

އެންމެ ބޮޑު އެއް މައްސަލައެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރީ، އެ ބައްދަލުވުންތަކަށް ދާން އެ މީހުންނަށް މަޖުބޫރު ކުރުވި ސަބަބެވެ. ރައީސް އޮފީހާއި ސަރުކާރުގެ އޮފީސްތަކަށް ހުށަހެޅި ސިޓީތަކަށް ޖަވާބެއް ނުލިބުމެވެ.

މާލޭގެ ފަސް އަވަށުގެ ރައްޔިތުންގެ ދުލުން އެ އުދާސްތައް ބޭރުކުރަމުންދިޔައިރު، ރައީސްގެ ވައުދުތައް ފުއްދަން ނުވަތަ ސިޔާސީ އެޖެންޑާ ފުރިހަމަ ކުރަން ސުމާރެއް ނެތް މިންވަރަށް ސިޔާސީ މުވައްޒަފުން އައްޔަނުކޮށްފައި އެބަ ތިއްބެވެ. ރައްޔިތުންގެ ބައްދަލުވުންތަކުގައި މައިކު ހަވާލުކޮށް ނަން ނޯޓު ކުރުން ފަދަ ކަންކަން ކުރަން ވެސް ތިއްބެވީ މުއިއްޒުގެ "ސިޔާސީ ފައުޖުގެ" ފަހުލަވާނުންނެވެ.

މުއިއްޒު ތަކުރާރުކޮށް ވިދާޅުވެފައިވަނީ، އެހާ ގިނަ ސިޔާސީ މުވައްޒަފުން އައްޔަނުކޮށްފައި ތިބެނީ "ވައުދުތައް ފުއްދޭ މިންވަރަށް މަސައްކަތް ކުރުމަށް" ކަމަށެވެ. ނަމަވެސް، ރައްޔިތުންގެ ބައްދަލުވުންތަކުން ފެންނަނީ މުއިއްޒުގެ އެ ވާހަކަ އާއި އަމަލާ ދިމާނުވާ ކަމުގެ ހެއްކެވެ.

ރައްޔިތުންގެ ޝަކުވާގެ ސިޓީއަކަށް އެންމެ ފޮޅުވަތެއްގެ ވެސް ޖަވާބެއް ދޭނެ ބަޔަކު ނެތެވެ. ބައްދަލުކޮށްލަން ބޭނުންވާ ވެރިޔަކު ނެތެވެ. އެ މީހުންނަށް ތަސައްލީއެއް ދޭނެ އޮފީހެއް ނެތެވެ. މިވަރު ވެފައިވާއިރު، ރައްޔިތުން ކެތްތެރިއެވެ. ރުޅި މަޑެވެ.

މި ހާލަތަށް ގައުމުގެ ހިންގުން ވައްޓާލާފައި، ރައީސް މުއިއްޒު މެންދަން ވަންދެން ކޮޅަށް ހުންނަވައިގެން ހުރިހާ ކަމެއް "މައިކްރޯ މެނޭޖް" ކުރައްވަން ޖެހިވަޑައިގަތުމުން ދޭހަވަނީ، އެމަނިކުފާނު އުފެއްދެވި "ސިޔާސީ ފައުޖު" އަކީ މަސައްކަތެއް ނެތް، ނުވަތަ މަސައްކަތެއް ކުރަން ނޭނގޭ، ދައުލަތަށް ބުރަވެފައިވާ ނާގާބިލު ބައެއް ކަމެވެ.

މި ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި 100 ބިލިއަން ރުފިޔާ ތަޅައި ހުސްކޮށްލިއިރު، އޭތެރެއިން ބޮޑު ބަޔަކީ މުސާރަ އެވެ. ސިޓީއަކަށް ޖަވާބެއް ނުދެވޭއިރު ސިޔާސީ މަގާމުތަކުގައި ގިނަ ބަޔަކު ބޭތިއްބުމުގެ ބޭނުމެއް ނެތެވެ. ރައްޔިތުންނަށް ޖަވާބުދާރީ ނުވެވޭތަނުގައި ދައުލަތުގެ އާމްދަނީއަށް ލޯލާރިއެއް ވެސް އިތުރެއް އެ މީހުންނަކަށް ނުކުރެވެ އެވެ.

ކާމިޔާބު ވެރިކަމެއްގެ ސިފައަކީ ވެރިމީހާ ނިދިކުރައްވާފައި އޮންނަ ވަގުތުގައި ވެސް ސަރުކާރު ހޭލާ އޮތުމެވެ. ނިޒާމުގެ ތެރެއިން ރައްޔިތުންގެ ހައްގުތައް ކަށަވަރުވުމެވެ.

ކާމިޔާބު ނުވަތަ ހެޔޮ ވެރިޔަކީ ގޭގޭ ފުރާޅަށް ފަންލަމުން ވަޅުދިޔަ ހިއްކައިދެމުންދާ މީހާއެއް ނޫނެވެ. ހެޔޮ ވެރިކަމެއްގައި އެ ކަންކަން ހަމަޖެހިލައިގެން ކުރެވޭނެ ފެންވަރު ރައްޔިތުންގެ ކިބައިގައި ހުންނާނެ އެވެ. ވެރިމީހާގެ އަރިހަށް ގޮސް ސަލާން ޖަހާކަށް މަޖުބޫރެއް ނުވާނެ އެވެ.

ނަމަވެސް މިހާރު މި ފެންނަނީ، މުޅި ނިޒާމު ހުއްޓި، ހުރިހާ ކަމެއް ރައީސްގެ "ވަން މޭން ޝޯ" އަކަށް ބަދަލުވެފައިވާ ތަނެވެ. މިއީ ހިންގުންތެރިކަމެއް ނޫނެވެ. މިއީ އިދާރީ ގޮތުން ފެއިލްވުމެވެ. ދެފައި ދުޅަ ވަންދެން ކޮޅަށް ހުންނެވުމަކީ އޯގާތެރި ކަމެއް ވެސް ނޫނެވެ. އެއީ ދެއްކުންތެރި ކަމެކެވެ.

ރައްޔިތުންގެ ކަރުނަ އާއި، އާދޭހާއި، މަޖުބޫރީ ހާލަތު ކެމެރާތަކަށް ދައްކައިގެން، މެންދަން ވަންދެން ރައީސް ކޮޅަށް ހުންނެވުމަކީ "ސިޔާސީ ޑްރާމާ" އެކެވެ.

ހަގީގީ ހެޔޮ ވެރިކަމަކީ، ރައްޔިތު މީހާ ރައީސް ގާތަށް ގޮސް އާދޭސް ކުރަން ނުޖެހި، ގޭގައި އިނދެގެން އޭނާގެ ހައްގުތައް ކަށަވަރު ކުރެވޭނެ ނިޒާމެއް ގާއިމުވެފައި އޮތުމެވެ. އެހެން ނޫންނަމަ، ރައީސް ކިތަންމެ ގިނައިރު ކޮޅަށް ހުންނެވިޔަސް، އެއީ ރައްޔިތުންގެ ނިކަމެތިކަން ވިއްކައިގެން ހިންގާ މާކެޓިން ހަރަކާތަކަށް ނޫނީ ނުވާނެއެވެ.