Advertisement

ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުގެ ވެރިޔަކަށް އެޗްއާރުސީއެމްގެ މެންބަރަކު ހުންނަ ގޮތަށް ގަވާއިދު ބަދަލުކޮށްފި

about 2 hours 0


ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުގެ ވެރިޔަކަށް އެޗްއާރުސީއެމްގެ މެންބަރަކު ހުންނަ ގޮތަށް ގަވާއިދު ބަދަލުކޮށްފި

about 2 hours 0

ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުގެ އިސްވެރިޔަކަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެންބަރަކަށް މެނުވީ ނުހުރެވޭ ގޮތަށް އެ ޔުނިޓުގެ ހިންގާ ގަވާއިދު ބަދަލުކޮށްފި އެވެ.

އެ ގާނޫނުގެ ބެލެނިވެރި އިދާރާއަކީ އެޗްއާރުސީއެމް ކަމަށްވާއިރު ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓު ގާއިމުކޮށްފައިވަނީ އެ ކޮމިޝަނުގަ އެވެ. ނަމަވެސް، ގާނޫނު ބުނާ ގޮތުން އެ ޔުނިޓުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ނިންމުމުގެ ފުރިހަމަ މިނިވަންކަން އެ ޔުނިޓަށް ލިބެ އެވެ.

އިއްޔެ ގަވާއިދަށް ބަދަލު ގެނެސް ގެޒެޓު ކޮށްފައިވާއިރު ކުރިން އޮންނަ ގޮތުން ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުގެ ވެރިޔާ ކަނޑައަޅަނީ އެޗްއާރުސީއެމް އިންނެވެ. އެއީ އެޗްއާރުސީއެމްގެ މެންބަރަކަށް ވާން ޖެހޭ ކަމަށް ގަވާއިދެއް ނުބުނެ އެވެ. ނަމަވެސް މިފަހަރު ގަވާއިދު ބަދަލުކުރީ އެޗްއާރުސީއެމްގެ މެންބަރުންގެ ތެރެއިން މެންބަރަކު އެ ޔުނިޓުގެ ވެރިޔަކަށް އައްޔަނުކުރަން ޖެހޭ ގޮތަށެވެ.

އެ ޔުނިޓު ހިންގަމުން ދިޔައީ ސިވިލް ސާވިސްގެ ޑިރެކްޓާ ޖެނެރަލެއްގެ ރޭންކުގެ މުވައްޒަފެއްގެ ދަށުންނެވެ. އޭނާ ޖަވާބުދާރީވާން ޖެހެނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ. މި ގެނައި ބަދަލާއެކު މަޖިލީހަށް ޖަވާބުދާރީވާން ޖެހޭނީ ޔުނިޓުގެ ވެރިޔަކަށް އައްޔަނުކުރާ އެޗްއާރުސީއެމްގެ މެންބަރެވެ.

އެ ޔުނިޓުގެ މުވައްޒަފުންނަށް ރިިޝްވަތު ހުށަހެޅިއްޖެ ހާލަތުަގއި މީގެ ކުރިން ގަވާއިދުގައި އޮތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ރިޕޯޓުކުރާ ގޮތަށެވެ. ނަމަވެސް، މިހާރު ރިޕޯޓުކުރަން ޖެެހެނީ ސީދާ އެޗްއާރުސީއެމްއަށެވެ.

އެ ޔުނިޓުގެ މަސައްކަތްތަކާ ގުޅޭގޮތުން މުވައްޒަފުން ޖަވާބުދާރީވާން ނުޖެހޭނެ ކަމަށް ބުނެފައިވާ މާއްދާ ވެސް ގަވާއިދުން ވަނީ އުނިކޮށްފަ އެވެ.

ހަމައެހެންމެ، ބަޖެޓު ހޯދުމުގެ ކަންކަމުގައި އެޗްއާރުސީއެމް އާއެކު ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓު ބައިވެރިކުރަން ޖެހޭ ކަމަށް ގަވާއިދުގައި އޮތް މާއްދާ ވަނީ އުނިކޮށްފަ އެވެ. އޭގެ އިތުރުން އެ ޔުނިޓުގެ މަސައްކަތްތަކާ ގުޅޭގޮތުން އެޗްއާރުސީއެމްއާ މައުލޫމާތު ހިއްސާކުރާނެ މިންވަރު ބަޔާންކޮށްފައިވާ މާއްދާ ވެސް ގަވާއިދުން ވަނީ އުނިކޮށްފަ އެވެ.

ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު ތަސައްވުރު ކުރަނީ އެ ޔުނިޓަކީ ފުރިހަމަ މިނިވަންކަން ލިބިފައިވާ ތަނަކަށް ވުމެވެ. ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުގެ ގަވާއިދަށް މި ގެނައި ބަދަލާއެކު މިނިވަންކަމާއެކު މަސައްކަތް ކުރާ ޔުނިޓަކަށް ވުރެ އެ ޔުނިޓު ވެގެންދާނީ އެޗްއާރުސީއެމްގެ ޑިޕާޓްމަންޓެއްގެ ގޮތަށް ހިނގާ ޔުނިޓަކަށެވެ.