Advertisement

ފެކްޓް ޗެކް: ޖުލައި މަހު ޑޮލަރު ލިމިޓު ބޮޑުނުކުރާ ކަމަށް ބުނެ ބީއެމްއެލް އިން އޮޅުވާލަނީ

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ----


ފެކްޓް ޗެކް: ޖުލައި މަހު ޑޮލަރު ލިމިޓު ބޮޑުނުކުރާ ކަމަށް ބުނެ ބީއެމްއެލް އިން އޮޅުވާލަނީ

މި އަހަރުގެ ޖުލައި މަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ޑެބިޓު ކާޑުތަކުން ކުރާ ބޭރު މުއާމަލާތްތަކުގެ ލިމިޓު ބޮޑުނުކުރާ ކަމަށާއި، އެ ލިމިޓު މިދިޔަ މަހު ދަށް ނުކުރާ ކަމަށް ބުނެ އެ ބޭންކުން އޮޅުވާލުމަށް މަސައްކަތް ކޮށްފި އެވެ.

ކާޑު ލިމިޓު ދަށްކުރި ކަމަށް އަޑު ފެތުރެން ފެށުމުން ބީއެމްއެލް ގެ ތަރުޖަމާނު މުހައްމަދު ސައީދު މީގެ ދެ ދުވަސް ކުރިން ކުރި ޕޯސްޓެއްގައި މި އަހަރު ކާޑު ލިމިޓަށް ގެނައި ކަމަށް ބުނާ ބަދަލުތަކެއް ހިއްސާކުރި އެވެ. އޭގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަމަށް އައީ "އީ-ކޮމާސް" ނުވަތަ ބޭރުގެ ވެބްސައިޓުތަކުން ކުރާ ވިޔަފާރިތަކުގެ ލިމިޓަށް އައި ކަމަށް ބުނާ ބަދަލެވެ.

ސައީދު ހިއްސާކުރި ގްރެފިކްސްގައި ބުނެފައިވާ ގޮތުން މި އަހަރު ފެށުނީއްސުރެ އެ ލިމިޓު ހުރީ 250 ޑޮލަރުގަ އެވެ. ނަމަވެސް، ބީއެމްއެލް ގެ ބަޔާންތަކާއި އާންމުން ހިއްސާކޮށްފައިވާ މައުލޫމާތު ތަކުން އެނގޭ ގޮތުގައި މިއީ ދޮގު މައުލޫމާތެކެވެ.

ރުފިޔާ އެކައުންޓުތަކާއި ލިންކުކޮށްފައި ހުންނަ ޑެބިޓް ކާޑުތަކުގެ ލިމިޓު 500 ޑޮލަރަށް މަތިކުރިކަން ބީއެމްއެލް އިން އިއުލާނުކުރީ ޖޫން 30، ގަ އެވެ.

މިއީ ވިޔަފާރީގެ ބޭނުންމަށް މުދާ ގެންނަ ސައިޓުތަކެއް ކަމަށްވާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އަށް ފައިސާ ދައްކާއިރު 30 ޕަސެންޓުގެ ފީއެއް ނަގަން ނިންމުމާއެކު ކުރިމަތިވި ފާޑުކިޔުންތަކާއެކު ގެނައި ބަދަލެކެވެ.

އޭރު ކާޑު ލިމިޓު ބޮޑުކޮށް ބީއެމްއެލް އިން ވެބްސައިޓުގައި ޝާއިރުކުރި ދިވެހި އަދި އިނގިރޭސި ނޫސްބަޔާން އަދި ވެސް ފެންނަން އެބަހުއްޓެވެ. އެ ބަޔާނުގައި ހުރި މައުލޫމާތުގައި އަދަދު އަދި އެހެން ނޫސްތަކުން ވެސް އެ ދުވަހު ވަނީ ރިޕޯޓުކޮށްފަ އެވެ.

މީގެ އިތުރުން އެ ބަދަލަށްފަހު އާންމުން ބޭރުގެ އެކި ވެބްސައިޓުތަކުން ވިޔަފާރިކުރުމަށް 250 ޑޮލަރަށްވުރެ އިތުރު އަދަދުތަކުން ކޮށްފައިވާ ވިޔަފަރީގެ މުއާމަލާތްތައް ފެންނަ ސްކްރީންޝޮޓުތައް ވެސް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައި އެބަހުއްޓެވެ.

ޖުލައި މަހުން ފެށިގެން ނޮވެމްބަރު 11، ގެ ނިޔަލަށް ބީއެމްއެލްގެ ރުފިޔާ ޑެބިޓުތައް ބޭނުންކޮށްގެން 500 ޑޮލަރާއި ހަމައަށް ބޭރުގެ ސައިޓުތަކުން ވިޔަފާރިކުރެވުނު ކަމަށް އެ ބޭންކުގެ ވެބްސައިޓުގައި މައުލޫމާތު ދޭން އިންޓެގްރޭޓް ކޮށްފައިވާ ޑިޖިޓަލް އެސިސްޓަންޓު "އާޔާ" ވެސް ވަނީ މައުލޫމާތު ދީފަ އެވެ.

ބީއެމްއެލްގެ ޑިޖިޓަލް އެސިސްޓަންޓު މިއަދު ދިން މައުލޫމާތު


މި މައުލޫމާތުތައް އެއްކޮށް މި ނޫހުން ބޭންކުގެ ތަރުޖަމާނު ސައީދު އާއި ސުވާލުކުރުމުން އޭނާ ވަނީ މީގެ ދެ ދުވަސް ކުރިން ހިއްސާކޮށްފައިވާ މައުލޫމާތަކީ ދޮގެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، މި ނޫހުން ހިއްސާކުރި މައުލޫމާތާއި ގުޅޭގޮތުން އިތުރު ޖަވާބެއް ބޭންކުގެ މީޑިއާ ޓީމުން މި ހަބަރު ޝާއިރުކުރުމާއި ހަމަށް ދީފައެއް ނުވެ އެވެ.

ބީއެމްއެލްގެ ކާޑުތަކުން އޮންލައިން ވިޔަފާރި ކުރެވޭ ޑޮލަރު ލިމިޓު ދަށްކުރުމަށްފަހު އެކަން އޮޅުވާލަން އެ ބޭނުންކުން މަސައްކަތް ކުރަމުންދާއިރު، އެހެން ބޭނުންތަކަށް ކާޑު ބޭނުންކުރެވޭ ލިމިޓު ބޮޑުކުރުމުން ބައެއް ކަސްޓަމަރުން އޭގެ ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށް ބުނެ އެ ކަސްޓަމަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް ބީއެމްއެލްއިން މިދިޔަ ހަފުތާ ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.

ޑިސެމްބަރު 7، ގައި ނެރުނު އެ ބަޔާނުގައި ބީއެމްއެލް އިން ބުނީ ނޮވެމްބަރު 11 ގައި އެ ބޭންކުގެ ކާޑު ލިމިޓަށް ގެނައި ބަދަލާއެކު ދިވެހި ރުފިޔާ އެކައުންޓުތަކުގެ ޑެބިޓު ކާޑުުތަކުން ރާއްޖެއިން ބޭރުގައި ކާޑު މެޝިންތަކުގައި ބޭނުންކުރެވޭ މުއާމަލާތްތަކަށް މަހަކު 1000 ޑޮލަރު ބޭނުންކުރެވޭނެ ކަމަށެވެ. އަދި ޓިކެޓާއި ހޮޓެލް ބުކިން ނުވަތަ ސިއްހީ ކަންކަމަށް ފައިސާ ދެއްކުމަށް ޑެބިޓު ކާޑުތަކުން މަހަކު 3000 ޑޮލަރާ ހަމައަށް ލިމިޓު ކަނޑައަޅާފައިވާ ކަމަށެވެ.

ނަމަވެސް އެ ބަދަލުގެ ނަހަމަ ބޭނުން ބައެއް ކަސްޓަމަރުން ހިފަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ބީއެމްއެލްގެ ބަޔާނުގައި ބުންޏެވެ.

އެގޮތުން ބައެއް ކަސްޓަމަރުން، އެ މީހުންގެ ކާޑުތައް އެހެން މީހުންގެ އަތަށް ދީ، އެ މީހުން ރާއްޖެއިން ބޭރަށް ގޮސް ބޭނުން ކުރުމުގެ ހުއްދަ ވެސް ދޭކަން ފާހަގަވެފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.