Advertisement

އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގު: ނިއު ރޭޑިއަންޓް ބަލިކޮށް މާޒިޔާ އިން ފުރުސަތު ބޮޑުކޮށްފި

about 2 hours 0

އެފްއޭއެމް ވިމެންސް ފުޓްބޯޅަ ލީގުގައި މިއަދު ނިއު ކޮޅަށް ލަނޑު ޖެހުމަށް ފަހު މާޒިޔާގެ ރޭކާ (ކ) އެ ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ


އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގު: ނިއު ރޭޑިއަންޓް ބަލިކޮށް މާޒިޔާ އިން ފުރުސަތު ބޮޑުކޮށްފި

about 2 hours 0

އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

މާޒިޔާ އިން މި ނަތީޖާއާ އެކު އެއް ވަނައިގައި އޮތީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބަށް ވަނީ ތިން މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބަށް ތިން މެޗުން ފަސް ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ނިއު އަށް ހަތަރު މެޗުން ލިބިފައިވަނީ ފަސް ޕޮއިންޓެވެ.

މިއަދުގެ ނަތީޖާއާ އެކު، ނިއު އަށް ވަނީ ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ގެއްލިފަ އެވެ. މާޒިޔާ އިން ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑުކުރިއިރު، އެ ޓީމަށް ބާކީ އޮތީ އޮޑިއާ ދެކޮޅަށް ކުޅޭ މެޗެވެ. އޮޑިން ބުދަ ދުވަހު ހަވީރު، ވިކްޓަރީއާ ކުޅޭ މެޗުން ނުކުންނަ ނަތީޖާ އަކަށް ފަހު، މާޒިޔާ އަށް ފުރުސަތު އޮތްގޮތް އިތުރަށް ސާފުވެގެންދާނެ އެވެ.

ނިއުގެ ފަދުވާ އަތުން ބޯޅަ ހޯދަން މާޒިޔާގެ އަފްޒާ މަސައްކަތްކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ


ހެންވޭރު ދަނޑުގައި މިއަދު ކުޅުނު މެޗުގައި، މާޒިޔާގެ ތަރި އަކީ މެޗުގައި ހެޓްރިކެއް ހެދި، ނޭޕާލްގެ ފޯވާޑް ރޭކާ ޕޮއުޑެލް އެވެ. އޭއެފްސީ ވިމެންސް ޗެމްޕިއަންސް ލީގުގައި ކުޅެފައިވާ ރޭކާ، މެޗުގައި މާޒިޔާ އަށް ލީޑުނަގައިދިނީ، މެޗުގެ ހަތް ވަނަ މިނިޓްގަ އެވެ. ނިއުގެ ޑިފެންސް ތެރެއިން އައި ބޯޅައެއް ހޯދައި، ރޭކާ ވަނީ ހަމަޖެހިލައިފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. މާޒިޔާ އިން ދެ ވަނަ ގޯލެއް ޖަހަން ފޮނުވާލި ހަމަލާއެއް ގޯލު ރޮނގުމަތިން ނިއުގެ ޑިފެންޑަރު، ހައްވާ ހަނީފާ ވަނީ ސަލާމަތްކޮށްފަ އެވެ.

މާޒިޔާ އިން ދެން ކާމިޔާބުކުރި ދެ ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން، މެޗުގެ 40 ވަނަ މިނިޓްގައި ރޭކާ ވަނީ މާޒިޔާގެ ލީޑުފުޅާކޮށްދީފަ އެވެ. މިއީ، މާޒިޔާ އަށް ކުޅޭ ނޭޕާލްގެ އަނެއް ކުޅުންތެރިޔާ، ދީޕާ ޝާހީ އަރިމަތިން ބަލާލައިފައި އޭރިއާތެރެއަށް ނަގައިދިން ހުރަހަކުން، ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ރޭކާ ޖެހި ގޯލެކެވެ. އަދި، ރޭކާ، ހެޓްރިކް ފުރިހަަމަ ކުރީ، ޕެނަލްޓީ އަކުންނެވެ. މިއީ، ނިއުގެ ހަނީފާ، އޭރިއާތެރެއިން ރޭކާ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި، ޓީސީ ސްޕޯޓްސް ކްލަބުން ބައްދަލުކުރާނީ ބިސް ބުރުއާ އެވެ. މި ދެ ޓީމު ވެސް ވަނީ ފުރަތަމަ ކުޅުނު ތިން މެޗުން ބަލިވެފަ އެވެ.