Advertisement

ކާވާ ކަޕްގެ ފުރަތަމަ މެޗުގައި ރާއްޖޭން ބަންގްލަދޭޝާ ދެކޮޅަށް

about 2 hours 0

ރާއްޖޭގައި 2023 ވަނަ އަހަރު. ބޭއްވި ފޯ ނޭޝަންސް ކަޕްގެ ތެެރެއިން ގައުމީ އަންހެން ވޮލީ ޓީމުގެ ތަރި ޖޫޒާން.---- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ


ކާވާ ކަޕްގެ ފުރަތަމަ މެޗުގައި ރާއްޖޭން ބަންގްލަދޭޝާ ދެކޮޅަށް

about 2 hours 0

އަންނަ ހުކުރު ދުވަހުގެރޭ މާލޭގައި ފަށާ ކާވާ ކަޕް ވިމެންސްގެ ފުރަތަަމަ މެޗުގައި ރާއްޖޭން ބަންގްލަދޭޝާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.

މި މަހު 19-25 އަށް ސޯޝަލް ސެންޓަރު އިންޑޯ ކޯޓުގައި ކުޅޭ މި މުބާރާތުގައި ރާއްޖެ އާއި ބަންގްލަދޭޝްގެ އިތުރުުން ދެން ވާދަކުރަނީ، އަފްގާނިސްތާން، ތުރުކުމެނިސްތާން އަދި ކިރްގިސްތާން އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެރޭ، ބަންގްލަދޭޝާ ކުޅުމަށް ފަހު، ރާއްޖޭން ދެ ވަނަ މެޗުގައި، ހޮނިހިރު ދުވަހުގެރޭ އަފްގާނިސްތާނާ ބައްދަލުކުރާނެ އެވެ. އަދި، ތިން ވަނަ މެޗުގައި، އާދިއްތަ ދުވަހުގެރޭ ތުރުކުމެނިސްތާނާ ދެކޮޅަށް ނުކުންނާނެ އެވެ. ލީގު ބުރުގައި ރާއްޖޭން ކުޅޭ ފަހު މެޗުގައި، އަންނަ ހަފްތާގެ ބުދަ ދުވަހުގެރޭ ކުޅޭނީ ކިރްގިސްތާނާ އެވެ.

މުބާރާތުގެ ފޯމެޓް ރޭވިފައިވާ ގޮތުން، ލީގު ބުރު ނިމުމަށް ފަހު، އެއް ވަނަ އާއި ދެ ވަނަ ޓީމު ކުޅޭނީ ޗެމްޕިއަންކަން ހޯދާ ޓީމަށް ދޭ ރަން މެޑަލް ހޯދާ ޓީމެއް ކަނޑައަޅާ މެޗުގަ އެވެ. އަދި، ތިން ތިން ވަނަ އާއި ހަތަރު ވަނަ ޓީމުން ވާދަކުރާނީ ލޯ މެޑަލް މެޗުގަ އެވެ.

މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމުގެ ކޯޗަކީ، މުހައްމަދު ނަދީމް (ނަދީމްބެ) އެވެ. ނަދީމްބެގެ އިރުޝާދުގެ ދަށުން ގައުމީ އަންހެން ޓީމުން ދާދި ފަހުން ވަނީ ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަަކޮށްފަ އެވެ.

ޓްރެއިނިން ކޭމްޕަށް ފުރުމުގެ ކުރިން، ގައުމީ އަންހެން ވޮލީ ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ ފާތިމަތު ޝަމްހާ އަށް ވަނީ ސީރިއަސް އަނިޔާއެއް ކުރިމަތިވެ، މުބާރާތް ގެއްލިފަ އެވެ. ޝަމްހާގެ ބަދަލުގައި ޓީމުގައި ހިމަނާފައިވަނީ، ފާތިމަތު އަނާލް އެވެ.

ކާވާ މުބާރާތުގައި ވާދަކުރާ ގައުމީ އަންހެން ވޮލީ ޓީމުގެ ސްކޮޑުގައި ހިމެނެނީ، ފާތިމަތު ޖޫޒާން ޒަރީރު، ފާތިމަތު އަނާލް، އައިމިނަތު ޝަހާ ޝާމިން، އައިމިނަތު އަރީޝާ، ހައްވާ ސަހާ، މަރިޔަމް އަޒުމާ، މާޔާ ހުސެއިން ސޮލާހު، ހައްވާ ރާޝިދާ، ނަރީމާ އިދުރީސް، މައިހާ އަލީ، އައިމިނަތު މާނާ ނާޒިމް، ހައިފާ އިމާދު، މަނާލް އިސްމާއިލް ރަޝީދު އަދި މަރިޔަމް ރިޝްފާ އެވެ.

ޓީމުގެ ކޯޗަކަށް ނަދީމްބެ ހުރިއިރު، އެސިސްޓަންޓް ކޯޗަކީ، ފަތުހުﷲ ވަހީދު (ފައްލޯ) އާއި އައިމިނަތު ޒީނާ އެވެ. އަދި، މެނޭޖަރަކަށް އިބްރާހިމް ނާފިއު ހުރިއިރު، ޓީމުގެ ޑޮކްޓަރަކީ، ޑރ. ޝަރަންޕްރީތު ކޯރް އެވެ.

ގައުމީ އަންހެން ވޮލީ ޓީމުގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނާއި ކޯޗިން ސްޓާފުން.--- ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް