މ.އޭޑީ ރީޑު ގޭގެ ތެރެއިން ގަނބައިގެން ދިޔަ ސަރަހައްދާއި، ގަނބައިގެން ދިޔަ މީހާ.
މާލޭގެ ގެއެއްގެ ތަޅުންގަނޑުން ބަޔަކާއެކު މީހަކު އުނަގަނޑާ ހަމައަށް ގަނބައިގެންފި އެވެ.
މިއަދު މެންދުރު 1:30 ހާއިރު މި ހާދިސާ ހިނގާފައިވަނީ މ. އޭޑީ ރީޑުގަ އެވެ. ހާދިސާ ހިނގަން މެދުވެރިވީ އެގޭގެ އިރަށް އޮތް ގޯތީގައި އިމާރާތް ކުރުމަށްޓަކައި ކޮނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ފަސްގަނޑު ދޫވެގެންނެވެ.
ގަނބައިގެން ދިޔަ ގޭގައި ތިން ގޭބިސީއަކަށް މީހުން ދިރިއުޅެ އެވެ. ގަނބައިގެން ދިޔައީ އެ ގޭގައި މީހުން ހިނގަން އޮންނަ ގޯޅިގަނޑުން ބައެކެވެ. އެ ވަޅުގަނޑަށް ވެއްޓުނު މީހާއަށް މާ ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށް އަދަދު ނޫހާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ތަޅުގަނޑު ގަނބައިގެން ދިޔަ، މ. އޭޑީ ރީޑު
"ގަނބައިގެން ދިޔައީ ފަސް ވަރަކަށް ފޫޓުގެ ސަރަހައްދެއް، ވެއްޓުނު މީހާއަށް މާބޮޑު އަނިޔާއެއް ނުވޭ. އުމުރުން ދުވަސްވީ މީހަކު ނުވެއްޓުނުކަން އެއީ ނަސީބެއް،" އެ ގޭގެ މީހަކު ބުންޏެވެ.
މާލޭގައި އުސް އިމާރާތްތައް އެޅުމަށް ފުންކޮށް ކޮންނަމުންދާ އިރު، ޖެހިގެން ހުންނަ ގެތަކުގައި ރެނދުލުމާއި ބިންގަނޑު ދޫވުމުގެ ސަބަބުން ލިބޭ ގެއްލުންތަކަކީ މިހާރަކަށް އައިސް އާންމުކޮށް ފެންނަ މައްސަލައެކެވެ.
Comment