ބޮޑުކަންނެލި މަސްވެެރިން ކުރިއަށް ގެންދިޔަ މުޒާހަރާއަށް ފުލުހުން ހުރަސް އަޅަނީ -- ފޮޓޯ: އިބްރާހިމް ޝާފިއު / އަދަދު
ބޮޑު ކަންނެލި މަސްވެެރިންނަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވާލައި ކުރިއަށް ގެންދިޔަ މުޒާހަރާ ބާރުގެ ބޭނުންކޮށްގެން ފުލުހުން ރޫޅާލައިފި އެވެ.
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން އިންތިޒާމުކޮށްގެން މަސްވެރިންގެ މުޒާހަރާ ފެށީ އިއްޔެ ހެނދުނު ހުޅުމާލޭ ކަންނެލި ޖެޓީގަ އެވެ. އެ މުޒާހަރާ ފެށިއިރު، ރާއްޖޭގެ އެކި ކަންކޮޅުގައި ކަންނެލި މަސްވެރިކަން ކުރާ 49 އުޅަނދު ބައިވެރިވި އެވެ.
ނަމަވެސް، މުޒާހަރާގެ ބައިވެރިންގެ ޑިމާންޑުތަކަށް ސަރުކާރުން އެއްވެސް ވަރަކަށް އިޖާބަނުދިނުމުން އެ މީހުން ވަނީ ހުޅުމާލެ ފަޅުން ނުކުމެ، މާލެއަށް މިސްރާބު ޖަހައިފަ އެވެ. މާލެ ކައިރީގައި އަޑުގަދަކުރާއިން ޑިމާންޑުތައް އިއްވުމަށްފަހު މުޒާހަރާގެ ބައިވެރިންގެ ދޯނިތައް އެޅީ މާލޭ އެއް ނަންބަރު ޖެޓީއާ ދިމާ ބޭރުގަ އެވެ.
އެ ތަނުގައި މުޒާހަރާގެ ބައިވެރިން ތިއްބާ މިއަދު ހެނދުނު ފުލުހުން ވަނީ މުޒާހަރާގައި ބިދޭސީން ބައިވެރިވާ ކަމަށް ބުނެ އިމިގްރޭޝަން އޮފިސަރުންނާއެކު ދޯނިތަކަށް އަަރައި، ދޯނިތަކުގައި މަސައްކަތް ކުރާ ހަތަރު ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އެއަށްފަހު ފުލުހުން ވަނީ މުޒާހަރާގައި ބައިވެރިވި ބައެއް ދޯނިތަކަށް އަރައި ދެ ދޯންޏެއްގެ ކޮންޓްރޯލް ވެސް ނަގައިފަ އެވެ. އެ ދޯނިތައް ގެންދިޔައީ ފުލުހުންގެ މަރުކަޒެއް ކަމަށްވާ ދޫނިދޫއަށެވެ.
މުޒާހަރާ ރުޅާލުމަށްޓަކައި، މުޒާހަރާ ރާވައި ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު އާއި އިތުރު ބަޔަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
އެގޮތަށް ފުލުހުން އަމަލުކުރުމަށްފަހު މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ މައުރޫފް އާއި އިމްރާންގެ އިތުރުން ވެސް އިތުރު މީހަކު ހައްޔަރުކުރި ކަމަށެވެ. އެ ތިން މީހުން ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން ކަމަށް ފުލުހުން ބުންޏެވެ.
"މަސްވެރިން މިހާރު ކުރަމުންދާ އިހުތިޖާޖާ ގުޅިގެން ދެ ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައި. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ. މި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ހިމެނޭ،" ފުލުހުން ފޮނުވި މެސެޖުގައި ބުންޏެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment