about 1 hour 0
about 1 hour 0
ޔައުންޑޭ، ކެމަރޫން (ޑިސެމްބަރު 9) - އެފްރިކަން ކަޕް އޮފް ނޭޝަންސް އަށް ނެގި ކެމަރޫންގެ ސްކޮޑުން އެ ޓީމަށް ގިނަ އަހަރުތަކެއް ކުޅެފައިވާ ގޯލްކީޕަރު، އަންދްރޭ އޮނާނާ އާއި ފޯވާޑް، ވިންސެންޓް އަބޫބަކަރު ބާކީކުރުމުން، ކެމަރޫންގެ ފުޓްބޯޅަ ރައީސް ކުރީގެ ފޯވާޑް ސެމުއެލް އެޓޫ އަށް ކުރީގެ ކޯޗު، މާކް ބްރައިސް ފާޑުކިޔައިފި އެވެ.
އެޓޫއާ ޖެހުނު މައްސަލައެއްގެ ސަބަބުން މީގެ މަހެއްހާ ދުވަސް ކުރިން، ބެލްޖިއަމްގެ ކޯޗު ބްރައިސް ވަނީ ކެމަރޫންގެ ކޯޗުކަމުން ވަކިކޮށްފަ އެވެ. މި މަހު 21 ވަނަ ދުވަހު މޮރޮކޯގައި ފަށާ އެފްރިކަން ކަޕްގައި ކެމަރޫނަށް ކޯޗުކޮށްދެނީ، އެ ގައުމަށް އުފަން ކޯޗެއް ކަމަށްވާ ޑޭވިޑް ޕަގޫ އެވެ.
ޕަގޫ، ނެގި ކެމަރޫންގެ ސްކޮޑުން ވަނީ ގޯލްކީޕަރު، އޮނާނާ އާއި ފޯވާޑް އަބޫބަކަރު ބާކީކޮށްފަ އެވެ. އޮނާނާ، 29، ކުޅެމުން އަންނަނީ ތުރުކީގެ ޓްރަބްޒޯންސްޕޯ އަށެވެ. އަދި، އަބޫބަަކަރު، 33، ކުޅެނީ، އަޒަރުބައިޖާންގެ ނެފްޓްސީ އަށެވެ.
ބްރައިސް: އޭނާގެ ކޯޗިން ކެރިއަރުގެ ބޮޑުބައި ހޭދަކޮށްފައިވަނީ ބެލްޖިއަމްގެ ކްލަބްތަކުގައި.-
ބްރައިސް ބުނީ، ކެމަރޫންގެ ސްކޮޑު އެފްރިކަން ކަޕަށް ތައްޔާރުކުރީ އެޓޫ ކަމަށެވެ. އަދި، އެ ލިސްޓުން އޮނާނާ އާއި އަބޫބަކަރު ބާކީކުރި ސަބަބެއް އެއްގޮތަކަށް ވެސް ނުވިސްނޭ ކަމަށާއި އެއީ ކެމަރޫން ފުޓްބޯޅަ އަށް ގެއްލުން ލިބޭނެ ނިންމުމެއް ކަމަށް ބްރައިސް ވަނީ ބުނެފަ އެވެ.
"އަހަންނަށް އެނގޭ އެ ދެ ކުޅުންތެރިން (އޮނާނާ އާއި އަބޫބަކަރު) ނުނެގީ އެއީ ރައީސް (އެޓޫ) ބުނިހާގޮތެއް ހަދާނެ ބައެއް ނޫން. އެހެންވީމަ އެ ބާކީވީ. އަހަރެން ވަރަށް ރަނގަޅަށް ރައީސް ދަންނަން، އެއީ، ނާސިސިސްޓެއް. އޭނަ ދެކޭ ގޮތުގައި އެންމެ މޮޅު މީހަކީ އޭނަ،" ބްރައިސް ހިތްހަމަނުޖެހިފައި ހުރެ ބުންޏެވެ.
ބްރައިސްއާ އެކު، ކެމަރޫންގެ ގައުމީ ޓީމުގެ ކޯޗަކަށް ވުމަށް ހަދާފައި އޮތް އެއްބަސްވުން އޮތީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. އޭނާ ބުނީ، ކެމަރޫންގެ ސްޕޯޓްސް މިނިސްޓްރީއާ އެކު، އޭނާ ހަދާފައި އެ އޮތް އެއްބަސްވުމާ މެދު ނިންމުނު ގޮތެއް އަދި އެނގިފައިނުވާ ކަމަށެވެ. އެ ގޮތުން، ބްރައިސް ކޮންޓްރެކްޓްގައި ސޮއިކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގަ އެވެ.
ކެމަރޫން ހިމެނެނީ އެފްރިކަން ކަޕްގެ ގްރޫޕް އެފްގަ އެވެ. އެއީ، އައިވަރީ ކޯސްޓާއި ގެބޮން އާއި މޮޒަމްބީކާ އެކުގަ އެވެ. މި މަހު 24 ވަނަ ދުވަހު، ކެމަރޫޫންގެ ފުރަތަމަ މެޗު އޮތީ ގެބޮންއާ އެކު އެވެ.
Comment