about 1 hour 0
އަހުމަދު އާއިދު
އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރިޔާސަތު ގަޕޯ ބަލަހައްޓަވަނީ ---
about 1 hour 0
އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ އިންތިހާބުކޮށްފި އެވެ.
މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އެ މަގާމަށް ޣަފޫރު އިންތިހާބު ކުރީ ވޯޓުގައި ބައިވެރިވި 66 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓާއެކު އެވެ.
"އަޅުގަނޑަށް އިތުބާރު ކުރައްވައި ވޯޓު ދެއްވި ހުރިހާ މެންބަރުންނަށް ހިތުގެ ހާލިސްކަމާއެކު ޝުކުރު ދަންނަވަން. އެއާއެކު ކުރިން ޗެއާޕާސަނެއްގެ މަގާމު ފުރުއްވަމުން ގެންދެވި ފައްޔާޒު އިސްމާއީލް އެ މަގާމުގައި ހުންނަވައި ޕާޓީއަށް ކޮށްދެއްވި ހިދުމަތަށްޓަކައި ހުރިހާ ބޭފުޅުންގެ ނަމުގައި ޝުކުރު ދަންނަވަން،" މަގާމާ ހަވާލުވުމަށް ފަހު ޣަފޫރު ވިދާޅުވި އެވެ.
ޣަފޫރު އަކީ މިވަގުތު އެމްޑީޕީގެ ޕީޖީ ގްރޫޕުގައި ހުންނެވި އެންމެ ގިނަ ދުވަސްވީ މެންބަރެވެ. މިވަގުތު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެންމެ ދުވަސްވީ މެންބަރުންގެ ތެރޭގައި ވެސް އޭނާ ހިމެނެ އެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަނުގެ މަގާމުގައި ޣަފޫރަށް ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމެއް ކަމަށް ބެލެވެނީ ޕާޓީގެ ތެރޭގައި އޮތް ހިޔާލު ތަފާތުވުންތަކާއެކު، އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ކުރިމަތިލުމެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވެފައިވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
Comment