about 1 hour 0
about 1 hour 0
އަބޫ ދާބީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޑިސެމްބަރު 8) - ލެޖެންޑަރީ ރޭސަރު، މައިކަލް ޝޫމަކާގެ ރެކޯޑާ ހަމަކުރުމުގެ އަމާޒުގައި އަހަރުގެ ފަހު ރޭސް، އަބޫ ދާބީ ގްރޯން ޕްރީ އަށް ނުކުތް މެކްސް ވާސްޓެޕަންގެ އުންމީދުތައް ފުނޑުފުނޑުކޮށްލައި، އިނގިރޭސިވިލާތުގެ ލާންޑޯ ނޮރިސް، ފޯމިއުލާ 1 ގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދައިފި އެވެ.
އިއްޔެ ކުރިއަށްދިޔަ، އަބޫ ދާބީ ގްރޯން ޕްރީގައި، ނޮރިސް އަށް ޕޯޑިއަމް ފިނިޝް އެއް ލިބިއްޖެނަމަ، އޭނާ އަށް ފޯމިއުލާ ވަން ކާމިޔާބުކުރުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ. ނޮރިސް ހަތަރު ވަނަ އަށް ނޫނީ އެ އަށް ވުރެން ދަށުން ނިންމައި، ވާސްޓެޕަން މި ރޭސް ކާމިޔާބުކުރެވިއްޖެނަމަ އޭނާ އަށް ޗެމްޕިއަންކަން ލިބޭނެ އެވެ. މި ރޭސް ކާމިޔާބުކޮށް، ފޯމިއުލާ 1ގެ ތަށި ހޯދައި، ވާސްޓެޕަން އަށް ލެޖެންޑަރީ ރޭސަރު، ޝޫމަކާގެ ރެކޯޑާ ހަމަކުރެވޭނެ އެވެ. މިހާތަނަށް ޖެހިޖެހިގެން ފަސް އަހަރު ފޯމިއުލާ 1 ކާމިޔާބުކުރި ހަމައެކަނި ރޭސަރަކީ، ޝޫމަކާ އެވެ.
އެކަމަކު، ރެޑްބުލްގެ ރޭސަރު، ވާސްޓެޕަން، އަބޫ ދާބީ ގްރޯން ޕްރީ ކާމިޔާބުކުރިއިރު، ނޮރިސް ދިޔައީ ތިން ވަަނަ އެވެ. އަހަރުގެ ފަހު ރޭސް ނިންމާލިއިރު، ނޮރިސް އަށް ކުރި ލިބުނީ ދެ ޕޮއިންޓުންނެވެ.
މި އަހަރު އެންމެ ގިނަ ރޭސް ކާމިޔާބުކުރި، ވާސްޓެޕަން އަށް އަށް ރޭސް ކާމިޔާބުކޮށް 15 ޕޯޑިއަމް ފިނިޝްއާ އެކު، 421 ޕޮއިންޓް ލިބުނެވެ. ނޮރިސް، އެއް ވަނަ އަށް ދިޔައީ، ހަތް ރޭސް ކާމިޔާބުކޮށް 18 ޕޯޑިއަމް ފިނިޝްއާ އެކު، 423 ޕޮއިންޓެވެ. ތިން ވަަނަ އަށް ދިޔަ، އޮސްކާ ޕިއާސްޓްރީ އަށް ހަތް ރޭހާއި 16 ޕޯޑިއަމް ފިނިޝް ކާމިޔާބުކޮށް، 410 ޕޮއިންޓް ލިބުނެވެ.
Comment