39 minutes 0
ވިކްޓަރީގެ ކުޅުންތެރިން މެޗަށް ފަހު އުފާފާޅުކުރަނީ.----- ފޮޓޯ: އިބްރާހިމް ޝާފިއު / އަދަދު ސްޕޯޓްސް
39 minutes 0
އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް ވިކްޓަރީ ސްޕޯޓްސް ކްލަބުން ފަހަތުން އަރައި 2-2 އިން އެއްވަރުކޮށް ޕޮއިންޓެއް ހޯދައިފި އެވެ.
މި ނަތީޖާއާ އެކު، މާޒިޔާ އާއި ވިކްޓަރީ އަދި އޮޑި ސްޕޯޓްސް ކްލަބުން މި ވަނީ ފުރަތަމަ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިފަ އެވެ.
ހެންވޭރު ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ 30 މިނިޓް ތެރޭ މާޒިޔާގެ ދެ ގޯލު ވެސް ޖެހީ ނޭޕާލްގެ ގައުމީ ޓީމުގެ ފޯވާޑް، ރޭކާ ޕުޑެލް އެވެ. މިއީ، މިދިޔަ އަހަރު އޭއެފްސީ ވިމެންސް ޗެމްޕިއަންސް ލީގުގައި ކުޅުނު ރޭކާ، މާޒިޔާއާ ގުުޅުނު ފަހުން ކުޅުނު ފުރަތަމަ މެޗެވެ. މެޗުގެ 10 ވަނަ މިނިޓްގައި ވިކްޓަރީ ޑިފެންސް ފަހަތަށް އައި ބޯޅައަކަށް ދުވެފައި އަރައި، ރޭކާ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. އަދި، މެޗުގެ 30 ވަނަ މިނިޓްގައި، އަމިއްލަ ހާފުގެ ތެރެއިން ހިފައިގެން ދިޔަ ބޯޅަ ހިފައިގެން ވިކްޓަރީގެ ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު، ރޭކާ ވަނީ ތިރިތިރިން ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.
ދެ ވަނަ ހާފު ފެށިގެން މާ ލަސްތަކެއް ނުވެ، މެޗުގެ 46 ވަނަ މިނިޓްގައި ވިކްޓަރީގެ ފުރަތަމަ ލަނޑު ޖެހީ، އުޒްބެކިސްތާންގެ ލޭލާ ރުސްޓުލައޭވާ އެވެ. ފުރަތަމަ މެޗުގައި، ޓީސީ ކޮޅަށް ހަތަރު ލަނޑު ޖެހި ލޭލާ، އޭރިއާބޭރުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަަނަށެވެ. އޭގެ ދިހަ މިނިޓް ފަހުން، ވިކްޓަރީން އެއްވަރުކުރީ، އައިޝަތު ޝަހާ ޝަރީފް ޖެހި ގޯލުންނެވެ. އޭނާ މި ލަނޑު ޖެހީ ލޭލާ އޭރިއާތެރެއަށް ނަގައިދިން ބޯޅައެއް އެއްފަހަރުން ގޯލަަށް ވައްދާލައިގެންނެވެ.
ދެ ޓީމުން ވެސް އިތުރު ގޯލެއް ޖަހައި މެޗުން މޮޅުވާން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.
އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގަކީ 11 އަހަރަށް ފަހު އެފްއޭއެމް އިން ކްލަބްތަކަށް މި ގޮތަށް ބާއްވާ ފުރަތަމަ ފުޓްބޯޅަ މުބާރާތެވެ. މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި، ބިސް ބުރު ސްޕޯޓްސް ކްލަބާ ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އެވެ. ބިސް ބުރުން ކުޅުނު ފުރަތަމަ މެޗުގައި މާޒިޔާ އަތުން ބަލިވިއިރު، ނިއު ވަނީ އޮޑިއާ އެއްވަރުވެފަ އެވެ.
Comment