މެޑްރިޑް (ޑިސެމްބަރު 5) - ސްޕެނިޝް ލީގުގައި އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި އެ ޓީމުގެ ކަނާތު ބެކް، ޓްރެންޓް އަލެކްސަންޑާ އާނޯލްޑްގެ މަސްގަނޑަށް ލިބުނު އަނިޔާއާ ހެދި މަދުވެގެން 13 ވަރަކަށް މެޗު ގެއްލޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ހިލޭ ޓްރާންްސްފާއެއްގައި ރެއާލަށް ބަދަލުވާން އާނޯލްޑް، 27، އަށް ފުރުސަތު އޮއްވައި، ކޮންޓްރެކްޓް ހަމަވުމުގެ ކުރިން ކްލަބް ވޯލްްޑް ކަޕްގައި އޭނާ ލައްވައި ކުޅުވަން ބޭނުންވާތީ، ރެއާލުން ވަނީ 13 މިލިއަން ޑޮލަރު ދީފައި އެ ޓްރާންސްފާ އަވަސްކޮށްފަ އެވެ. ކްލަބް ވޯލްޑް ކަޕްގައި ރެއާލުން ކުޅުނު މެޗުތަކުގައި، އާނޯލްޑް ވަނީ ކުޅެފަ އެވެ.
ރެއާލާ ގުޅުމަށް ފަހު މި ވީ ކުރު މުއްދަތުގެ ތެރޭގައި، އާނޯލްޑަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. ދެ ފަަހަރު ވެސް ކުރިމަތިވީ މަސްގަނޑަށް ލިބުނުު އަނިޔާގެ މައްސަލަ އެވެ.
އެ ގޮތުން، ސެޕްޓެމްބަރު މަހު 16 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގައި މާސޭއާ ކުޅުނު މެޗުގައި ލިބުނު އަނިޔާއާ ހެދި އާނޯލްޑަށް ހަތް މެޗު ގެއްލިފަ އެވެ. އަދި، ބިލްބާއޯ މެޗުގައި ލިބުނު އަނިޔާއާ އެކު، އާނޯލްޑަށް 13 މެޗު ގެއްލިއްޖެނަމަ، ޖުމްލަ އަދަދު 20 އަށް އަރާނެ އެވެ.
އާނޯލްޑަށް މި ފަހަރު ލިބުނު އަނިޔާއާ ހެދި ގެއްލޭ މެޗުތަކުގެ ތެރޭގައި، މުހިންމު މެޗުތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ ލީގު ބުރުގެ ފަހު މެޗުތަކާއި ސްޕެނިޝް ސުޕަ ކަޕްގެ މެޗުތައް ވެސް ހިމެނެ އެވެ.
ލިވަޕޫލް އެކަޑަމީން ސީނިއާ ޓީމަށް ޕްރޮމޯޓްވި އާނޯލްޑް ވަނީ އެ ޓީމަށް 354 މެޗު ކުޅެދީފަ އެވެ. ރެއާލަށް މިހާތަނަށް އާނޯލްޑް ވަނީ ރެއާލަށް 13 މެޗުން ތިން ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
Comment