މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (ޑިސެމްބަރު 5) - ލިއޮނަލް މެސީގެ ކެޕްޓަންކަމުގައި ކުޅެމުން އަންނަ އިންޓަ މިއާމީން ބްރެެޒިލްގެ ތަރި، ނޭމާގެ ސޮއި ހޯދަން މިހާރު ޝައުގުވެރިނުވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބްރެޒިލްގެ ސަންޓޯސް އަށް މި އަހަރު ކުރީކޮޅުގައި ބަދަލުވި ނޭމާ، 33، އެ ޓީމާ އެކު ކޮންޓްރެކްޓް އާ ކުރީ މި މަހުގެ ނިޔަލަށެވެ.
ސަންޓޯސް، ރެލިގޭޝަނުން ސަލާމަތްކޮށްދިނުމަށްޓަކައި، ކަކުލުގެ އަނިޔާއެއްގައި ހުރެ ނޭމާ އަންނަނީ ކުޅެމުންނެވެ. އަދި، މެޗުތަކުގައި ދެއްކި ތަފާތާ އެކު، ސަންޓޯސް ވަނީ ރެލިގޭޝަން ޒޯނާ ފެޔަށް ޖެހިލައިފަ އެވެ. މި ސީޒަނުގައި ސަންޓޯސް އަށް ކުޅެދިން 29 މެޗުގައި ނޭމާ ވަނީ 11 ލަނޑު ޖަހައި, ހަތަރު ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. މީގެ ތެރެއިން ތިން ގޯލު ޖެހީ އެންމެ ފަހުން، ލީގުގައި ކުޅުނު މެޗުގަ އެވެ.
ވޯލްޑް ކަޕްގެ ކުރިން، އެމެރިކާގެ މާހައުލަށް ހޭނުމަށާއި ރިކަވަރީ އަށް ވިސްނައިގެން ސީޒަނުގެ ބާކީބައިގައި ކުޅުމަށްޓަކައި، ނޭމާ، އިންޓަ މިއާމީ އަށް ސޮއިކޮށް، މެސީއާ އެކު، ތިން ވަނަ ކްލަބެއްގައި ކުޅޭނެ ކަމަށް އަޑުތަކެއް ފެތުރުނެވެ. މެސީ އާއި ނޭމާ ވަނީ އެކުގައި، ބާސެލޯނާ އާއި ޕީއެސްޖީގައި ކުޅެފަ އެވެ.
އެ ގޮތުން، އޭޕްރީލް މަހު، އެމެރިކާގެ ފުޓްބޯޅަ ލީގު (މޭޖަ ލީގު ސޮކާ)ގެ އާ ސީޒަން ފަށާއިރު، އިންޓަ މިއާމިން އެ ސީޒަނަށް ނުކުންނާނީ ޖޯޑީ އަލްބާ އާއި ސާޖިއޯ ބުސްކެޓްސް ނުލަ އެވެ. އެއީ، އެ ދެ ކުޅުންތެރިން ވަނީ މި ސީޒަނަށް ފަހު ރިޓަޔާކުރަން ނިންމައިފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން، އިންޓަ މިއާމީގެ އޮފިޝަލުން މިހާރު ވަނީ ނޭމާ އެ ޓީމަށް ނުގެންނަން ނިންމައިފަ އެވެ. އޭގެ ބަދަލުގައި، ޔޫރަޕްގެ ކްލަބެއްގައި ކުޅޭ ވަރުގަދަ ކުޅުންތެރިއެއް ގެނައުމަށް އެ ޓީމުން ވަނީ މަޝްވަރާތައް ފަށައިފަ އެެވެ.
Comment