Advertisement

ކުރީގެ ރައީސުންގެ އޮފީސް ހިންގުމުގެ ބަޖެޓު އުނިކޮށް، ކުރީގެ ނައިބު ރައީސުންނަށް އިނާޔަތް ދޭން ފާސްކޮށްފި

1 ޑިސެންބަރު 2025 - 13:12 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މަޖިލީހުގެ މީގެ ކުރިން ބޭއްވި ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ކުރީގެ ރައީސުންގެ އޮފީސް ހިންގުމުގެ ބަޖެޓު އުނިކޮށް، ކުރީގެ ނައިބު ރައީސުންނަށް އިނާޔަތް ދޭން ފާސްކޮށްފި

1 ޑިސެންބަރު 2025 - 13:12 0

ކުރީގެ ރައީސުންނަށް އޮފީސް ހިންގުމަށް ދޭ ބަޖެޓު އުނިކޮށް، ކުރީގެ ނައިބު ރައީސުންނަށް އިނާޔަތުގެ ގޮތުގައ މަހަކު 30،000ރ. ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ކުރީގެ ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ދިނުމުގެ ބިލް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު، މުހައްމަދު ޝާހިދު އެވެ. އޭނާ ހުށަހެޅުއްވި އިސްލާހުގައި ހިމަނާފައި އޮތީ ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ކޮންމެ މަހަކު 25،000ރ. ދިނުމަށެވެ. ނަމަވެސް އެ މައްސަލަ ދިރާސާކުރި ކޮމިޓީން ނިންމީ އެ އަދަދު 30،000ރ. އަށް ބޮޑުކުރުމަށެވެ.

ކުރީގެ ނައިބު ރައީސުންގެ އިނާޔަތް ލިބޭނީ ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރެއްވި ބޭފުޅުންނަށް ކަމަށް ބިލްގައިވެ އެވެ. އެހެންވެ، މި އިނާޔަތް ހަމައެކަނި ލިބޭނީ ފައިސަލް ނިސީމަށެވެ.

ނައިބު ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށް ރާއްޖެ އާއި ރާއްޖެއިން ބޭރުން ބޭސް ފަރުވާ ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ވެސް މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ބުނެފައިވެ އެވެ.

މިއަދު މަޖިލީހުން ފާސްކުރި އިސްލާހާއެކު، އީސުލްޖުމްހޫރިއްޔާގެ މަގާމު އަދާ ކުރައްވާފައިވާ ބޭފުޅުން އޮފީސް ހިންގުމަށް ދެމުން އައި ހަރަދު ވެސް ދިނުން ނިމުމަކަށް އަންނާނެ އެވެ.

ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް މީގެ ކުރިން އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި ކޮންމެ މަހަކު 175،000ރ. ދައުލަތުން ދެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާ ކުރައްވާފައިވާ ބޭފުޅުންނަށް މާލީ އިނާޔަތެއްގެ ގޮތުގައި މިހާރު ދެނީ މަހަކު 50،000 ރުފިޔާ އެވެ. އޭގެ އިތުރުން، ރައީސްކަން ކޮށްފައިވާ ބޭފުޅުންނާއި އެބޭފުޅުންގެ އަނބިކަނބަލުން ނުވަތަ ފިރިކަލުންނަށް ސަލާމަތާއި ރައްކާތެރިކަން ދޭންޖެހެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމު ދެ ދައުރު ނުވަތަ އެއަށްވުރެ ގިނަ ދައުރު ފުރިހަމަކޮށްފައިވާ ނަމަ 75،000 ރުފިޔާ އިނާޔަތުގެ ގޮތުގައި ލިބޭނެ އެވެ. ދެ ދައުރު އަދާ ކުރައްވާފައިވާ ބޭފުޅަކަށް މިވަގުތު ހުންނެވީ ރައީސް މައުމޫން އަބްދުލްގައްޔޫމް އެކަންޏެވެ.

މިއަދު މަޖިލީހުން ފާސްކުރި އިސްލާހުގައި، ކުރީގެ ރައީސުން ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ނަމަ، ސަލާމަތާއި ރައްކާތެރިކަން ދޭންނުޖެހޭނެ ކަމަށް ބަޔާން ކުރާ އިސްލާހެއް ހިމެނެ އެވެ. އަދި ދައުލަތުގެ އެހެން މަގާމެއް ފުރުއްވާ ނަމަ، މާލީ އިނާޔަތް ދޭންނުޖެހޭ ކަމަށް ވެސް ހިމަނާފައިވެ އެވެ.