Advertisement

"ނޯ-ކެޕް ޖަސްޓް ފެކްޓްސް" ގެ ނަމުގައި ފޯރަމެއް މާދަމާ ބާއްވަނީ

30 ނޮވެންބަރު 2025 - 13:22 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


"ނޯ-ކެޕް ޖަސްޓް ފެކްޓްސް" ގެ ނަމުގައި ފޯރަމެއް މާދަމާ ބާއްވަނީ

30 ނޮވެންބަރު 2025 - 13:22 0

މިސްއިންފޮމޭޝަން އާއި ޑިސްއިންފޮމޭޝަންއަށް ޒުވާނުން ހޭލުންތެރިކުރުވުމަށް އެމްއެންޔޫގެ ބެޗްލާ އޮފް އާޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ކޯހުގެ ދަރިވަރުން ކުރިއަށްގެންދާ "ނޯ-ކެޕް ޖަސްޓް ފެކްޓްސް" ކެމްޕެއިންގެ ދަށުން މާދަމާ ފޯރަމެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

ސްކޫލުތަކާއި ޔުނިވާސިޓީތަކުގެ ދަރިވަރުން އަދި އާއްމުންނަށް ވެސް ބައިވެރިވެވޭ މި ފޯރަމްގައި ނޭނގި ފަތުރާ ދޮގު މައުލޫމާތާއި ގަސްތުގައި ފަތުރާ ދޮގު މައުލޫމާތުގެ ތަފާތާއި އެފަދަ މައުލޫމާތުތައް ދެނެގަންނާނެ ގޮތާ ގޮތް ދަސްކޮށްދީ އަގުހުރި މައުލޫމާތުތައް ބައިވެރިންނަށް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ފޯރަމްގައި ޕެނަލިސްޓުންގެ ގޮތުގައި ހަތަރު ބޭފުޅަކު ބައިވެރިވެ އެވެ. އެއީ ނޫސްވެރިކަމުގެ ދާއިރާއިންނާއި ޓެކްނޮލޮޖީ ދާއިރާއިން އަދި ތައުލީމީ ދާއިރާގެ އިތުރުން ގާނޫނީ ދާއިރާއިން ބޭފުޅެކެވެ.

ނޭނގި ފަތުރާ ދޮގު މައުލޫމާތާއި ގަސްތުގައި ފަތުރާ ދޮގު މައުލޫމާތުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާއި އެކަމަށް ގެނެވޭނެ ހައްލުތަކަށް އެ ތަޖުރިބާކާރުން އަލިއަޅުއްވާލައްވާނެ އެވެ.

ފޯރަމް އިންތިޒާމުކުރާ ދަރިވަރުން ބުނީ ފޯރަމްގައި ރަޖިސްޓްރީވެ، އޭގައި ބައިވެރިވާ ދަރިވަރުންގެ މެދުގައި ނަގާ ގުރަކުން ހޮވޭ ނަސީބުވެރިއަކަށް ލެޕްޓޮޕެއް ލިބޭނެ ކަމަށެވެ.

"ވީހާ ވެސް އިންޓަރެކްޓިވްކޮށް މި ފޯރަމް ގެންދާނީ. އޯޑިއަންސްއަށް ސުވާލުކުރުމުގެ ފުރުސަތު ވެސް ލިބޭ ގޮތަށް މިކަން ރާވާފައިވަނީ." އެ ދަރިވަރުން ބުންޏެވެ.

ގޫގުލް ފޯމެއް މެދުވެރިކޮށް މި ފޯރަމްގައި ރަޖިސްޓްރީ ވަނީ ހުޅުވާލާފަ އެވެ.

އެ ހަރަކާތް އިންތިޒާމްކުރާ ދަރިވަރުން ބުނީ އެއް ގަޑިއިރަށް ގެންދަން ނިންމާފައިވާ ފޯރަމްގެ ތެރޭގައި ތެދު މައުލޫމާތާއި ދޮގު މައުލޫމާތު ދެނެގަންނާނެ ޓޫލްތައް ވެސް ކިޔައިދޭނެ ކަމަށެވެ.

އެހެންވެ, މިއީ, އޭއައި އަދި ޑިޖިޓަލް މީޑިއާ ކުރިއަރަމުން އަންނަ މި ޒަމާނުގައި ކޮންމެހެން ވެސް އެނގެންޖެހޭ މުހިއްމު މައުލޫމާތު ލިބޭނެ ފޯރަމެއް ކަމަށް އިންތިޒާމްކުރާ ދަރިވަރުން ބުންޏެވެ.