Advertisement

ފޮޑެން ފަހު ވަގުތު ސިޓީ އަށް މުހިންމު މޮޅެއް ހޯދައިދީފި

29 ނޮވެންބަރު 2025 - 23:06 0


ފޮޑެން ފަހު ވަގުތު ސިޓީ އަށް މުހިންމު މޮޅެއް ހޯދައިދީފި

29 ނޮވެންބަރު 2025 - 23:06 0

މެންޗެސްޓާ (ނޮވެމްބަރު 29) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލީޑްސް ޔުނައިޓެޑުން ތަފާތު ރޫހެއް ދެއްކި މެޗުގައި ފިލް ފޯޑެން ފަހު ވަގުތު ޖެހި ގޯލުން މެެންޗެސްޓާ ސިޓީން 3-2 އިން މުހިންމު މޮޅެއް ހޯދައިފި އެެވެ.

މި ނަތީޖާއާ އެކު، ސިޓީން ވަނީ ލީގުގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. ސިޓީ އަށް 13 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، އެއް ވަނައިގައި އޮތް އާސެނަލަށް ވަނީ 12 މެޗުން 29 ޕޮއިންޓް ލިބިފަ އެވެ. ކުރިން ދެ ވަނައިގައި އޮތް ޗެލްސީން މި ވަގުތު ތިން ވަނައިގައި އޮތީ 12 މެޗުން 23 ޕޮއިންޓާ އެކު އެވެ. ޗެލްސީން މާދަމާރޭ ލީގުގައި ކުޅޭނީ އަމިއްލަ ދަނޑުގައި އާސެނަލާ ދެކޮޅަށެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. މެޗުގެ ފުރަތަމަ މިނިޓްގައި ފޮޑެން ވަނީ ސިޓީ އަށް ލީޑުނަގައިދީފަ އެވެ. މިއީ މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި ފެނިގެންދިޔަ ދެ ވަނަ އަށް އެންމެ އަވަސް ގޯލެވެ. ސިޓީން ލީޑުފުޅާކުރީ، 25 ވަނަ މިނިޓްގައި ޖޮސްކޯ ގްވާޑިއޯލް ޖެހި ގޯލުންނެވެ. ކޯނަރެއްގައި ޖެހި މި ގޯލު ބަލައިގަތީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފަ އެވެ.

ލީޑްސް އިން ފަހަތުން އަރައި އެއްވަރުކުރުމުގައި، ދެ ވަނަ ހާފުގައި ކުޅެން އެރި، ޑޮމިނިކް ކަލްވެޓް-ލެވިން މުހިންމު ރޯލެއް ކުޅުނެވެ. އެ ގޮތުން، ދެ ވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނިޓްގައި، ސިޓީ އޭރިއާތެރެއިން ލިބުނު ފުރުސަތުގައި ކަލްވެޓް-ލެވިން ވަނީ ލީޑްސްގެ ފުރަތަމަ ގޯލު ޖަހައިފަ އެވެ. އަދި، ސިޓީގެ ގްވާޑިއޯލް، އެ ޓީމުގެ އޭރިއާތެރެއިން ކަލްވެޓް-ލެވިން އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީން ލީޑްސް އިން އެއްވަރުކުރި އެވެ. ލީޑްސްގެ ލޫކަސް އެންމެކާ ފޮނުވާލި ޕެނަލްޓީ ސިޓީގެ ކީޕަރު، ޖިއަންލުއީޖީ ޑޮނަރުންމާ މަތަކުރިއިރު، ރީބައުންސުން އެންމެކާ ވަނީ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.

އިތުރު ވަގުތުގެ ގޮތުގައި ދެއްކި 10 މިނިޓްގެ ތެރެއިން، ފުރަތަމަ މިނިޓްގެ ތެރޭގައި ފޮޑެން އަށް ލިބުނު ބޯޅަ ވަނީ ތިރިތިރިން ގޯލަށް ބޯޅަ ވައްދާލައި، ސިޓީ މޮޅުކޮށްދީފަ އެވެ.

ލީގުގައި މިރޭ ބްރެންޓްފޯޑުން 3-2 އިން ބާންލީ ބަލިކުރިއިރު، ސަންޑަލެންޑުން ވަނީ ފަަހަތުން އަަރައި 3-2 އިން ބޯންމައުތު އަތުން މޮޅުވެފަ އެވެ. ސަންޑަލެންޑުން ލީގުގެ ހަތަރެއްގައި އޮތީ 13 މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ.