26 ނޮވެންބަރު 2025 - 14:55 0
މުހައްމަދު ޝަހްޒާން
ކުޑަހުވަދޫގެ ކައުންސިލް މެންބަރު، އަހުމަދު މައުރޫފް -- ފޮޓޯ: އަދަދު
26 ނޮވެންބަރު 2025 - 14:55 0
ދ. ކުޑަހުވަދޫގެ ކައުންސިލް މެންބަރު، އަހުމަދު މައުރޫފް މިއަދު އިދިކޮޅު އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.
މައުރޫފް އަކީ އެމްޑީޕީގެ ޓިކެޓުގައި ކައުންސިލަށް އިންތިހާބުވެވަޑައިގެންނެވި ބޭފުޅެކެވެ. އެހެންނަމަވެސް، އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުމަށްފަހު އޭނާ އެ ޕާޓީން ވަކިވެވަޑައިގެން މިހައިތަނަށް ހުންނެވީ ޑިމޮކްރެޓްސްގެ މެންބަރެއްގެ ގޮތުގަ އެވެ.
މައުރޫފް އަދަދު އަށް ވިދާޅުވީ އެމްޑީޕީއަށް އަލުން ސޮއިކުރެއްވީ މިއަދު ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެ ރަށުގެ ގިނަ ބަޔަކު އެމްޑީޕީއަށް ސޮއިކުރާނެ ކަމަށް މައުރޫފް ވިދާޅުވި އެވެ.
"މިއަދު ސޮއި މި ކުރީ، މިއަދު އަޅުގަނޑު އެކަނި އަދި މި ސޮއި ކުރީ، އެކަމަކު ކުރިއަށް އޮތް ތަނުގައި ބައިވަރު މީހުން ސޮއި ކުރާނެ، މިހާރު ވެސް ގާތްގަނޑަކަށް 60 އަކަށް މީހުން ސޮއި ކުރަން ތައްޔާރުވަމުން ދަނީ،" މައުރޫފް ވިދާޅުވި އެވެ.
މައުރޫފްގެ އިތުރުން ވެސް އެމްޑީޕީން 2023 ވަނަ އަހަރު ވަކިވި ގިނަ އަދަދެއްގެ ބަޔަކު ދަނީ އަލުން އެމްޑީޕީއަށް ސޮއި ކުރަމުންނެވެ. އެގޮތުން މިދިޔަ ޖޫން 17، ގައި ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީން ވަނީ އެ ޕާޓީގެ ހުރިހާ މެންބަރުން ވެސް އަލުން އެމްޑީޕީއާ ގުޅުމަށް ފާސްކޮށްފަ އެވެ.
އެ ނިންމުމާ އެއްގޮތަށް ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި، ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި މަޖިލީހުގެ ކުރީގެ ނައިބުރައީސް، އީވާ އަބްދުالله ގެ އިތުރުން ކުރީގެ މަޖިލިސް މެންބަރުން ކަމަށްވާ، އަލީ އާޒިމް އާއި އިބްރާހިމް ރަޝީދު އަދި އިމްތިޔާޒު ފަހުމީގެ އިތުރުން މުހައްމަދު ވަހީދުމެން ފަދަ ބޭފުޅުން ވަނީ އެމްޑީޕީއާ ގުޅިފަ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ވާދަވެރިކަން އެމްޑީޕީ ތެރޭގައި މިހާރު ބޮޑުވެފައިވާއިރު، މާލޭގެ މޭޔަރުކަމުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވަނީ ޑިމޮކްރެޓްސްއިން އެނބުރި އައި އަލީ އާޒިމް އާއި މާލޭގެ މިހާރުގެ މޭޔަރު، އާދަމް އާޒިމް އެވެ.
Comment