26 ނޮވެންބަރު 2025 - 15:31 0
އަޒްލިފާ އަބްދުﷲ
26 ނޮވެންބަރު 2025 - 15:31 0
އެމެރިކާއިން ހުށަހަޅާފައިވާ ސުލްހައިގެ ޕްލޭނުގެ މަޝްވަރާތައް ކުރުމަށް އެމެރިކާގައި ޓްރަމްޕްއާ ޔޫކްރެއިންގެ ރައީސް ޒެލެންސްކީއާ ބައްދަލުކުރެވޭނޭ އިންތިޒާމު ހަމަޖެއްސުމަށް ޔޫކްރެއިނުން އެދިއްޖެ އެވެ.
ޔޫކްރެއިނުގެ ސަލާމަތާބެހޭ އިސްވެރިޔާ ވިދާޅުވީ، ހަނގުރާމަ ނިންމުމަށް ކުރަމުންދާ މަޝްވަރާތައް ކުރިއަށްދާ އިރު، މި މަސްތެރޭގައި ރައީސް ވޮލޮޑިމިރް ޒެލެންސްކީ އެމެރިކާއަށް ވަޑައިގަތުމަށް އެމެރިކާއެއް ތާރީހެއް ދެއްވާނޭ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ޔޫކްރެއިނުގެ ސަލާމަތީ ކައުންސިލްގެ ވެރިޔާ ހޯމަ ދުވަހު ވިދާޅުވީ، ޖެނީވާގައި ކުރިން ބޭއްވި މަޝްވަރާތަކުގައި އެމެރިކާއާއި ޔޫކްރެއިނުން "މަޝްވަރާ ކުރެވުނު އެއްބަސްވުމުގެ މުހިންމު ކަންތައްތަކާ މެދު އާންމު ހަމަޖެހުމަކަށް" އާދެވިފައިވާ ކަމަށެވެ.
ޓްރަމްޕާއި ޒެލެންސްކީގެ މަޝްވަރާތަކާ ބެހޭ ގޮތުން ވައިޓް ހައުސްއިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
މި ދުވަސްވަރު އެމެރިކާގެ އަސްކަރީ ސެކްރެޓަރީ ޑޭން ޑްރިސްކޮލް ވަނީ އަބޫދާބީގައި ރަޝިޔާގެ ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރައްވާފަ އެވެ. ރަޝިޔާގެ ވަފްދުގައި ހިމެނެނީ ކޮންބައެއްކަން އަދި އެނގިފައެއް ނުވެ އެވެ.
ޔޫކްރެއިންގެ ސަލާމަތާބެހޭ ވެރިޔާ ވިދާޅުވީ، އޭނާގެ ޓީމުން އުންމީދު ކުރަނީ ނޮވެމްބަރު މަސްތެރޭގައި ޒެލެންސްކީ އެމެރިކާއަށް ކުރައްވާ ދަތުރުފުޅު އިންތިޒާމުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއެކު އެއްބަސްވުމެއް އެކުލަވާލައި، ފަހުގެ ފިޔަވަޅުތައް ފުރިހަމަކުރެވޭނޭ ކަމަށެވެ.
މީގެ ކުރިން، އަބޫދާބީގައި ޑްރިސްކޮލްއާއެކު ދަތުރުކުރެއްވި އެމެރިކާގެ އޮފިޝަލަކު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޔޫކްރެއިނުން ސުލްހައިގެ އެއްބަސްވުމަށް އެއްބަސްވެފައިވާ ކަމަށާއި، އެކަމުގައި ހައްލުކުރަންޖެހޭ ކުދިކުދި ކަންތައްތައް ހުރި ކަމަށެވެ. އެހެންނަމަވެސް ދެ ގައުމުން ވެސް ރަސްމީކޮށް މިކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
ޔޫކްރެއިނާއި ރަޝިޔާއިން ގަބޫލުކުރާނެ ކަންތައްތަކުގެ ތެރޭގައި ހުރި ތަފާތުތައް އަދިވެސް ވަރަށް ބޮޑެވެ. އަދި ކިއޭވްއިން ގަބޫލުކުރާ ފަދަ އެއްބަސްވުމަކަށް ކްރެމްލިން އެއްބަސްވުމަކީ ދުރުކަމެކެވެ.
ޔޫކްރެއިންއާއި ޔޫރަޕުގެ ލީޑަރުން ވަނީ މިދިޔަ ހަފްތާގައި ފެނިގެންދިޔަ އެމެރިކާގެ 28 ނުކުތާގެ ސުލްހައިގެ ޕްލޭންތަކުގެ ފުރަތަމަ ޑްރާފްޓަށް ފާޑުކިޔައި، އެ ރޭވުންތައް ރަޝިޔާއަށް ބޮޑަށް ފައިދާވާ ގޮތަށް ހުރި ކަމަށް ބުނެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، އިނގިރޭސިވިލާތާއި ފްރާންސާއި ޖަރުމަނުން ހުށަހެޅި ރައްދު ހުށަހެޅުންތަކުގައި ރަޝިޔާގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކެއް ގަބޫލުކުރުން ލާޒިމުކޮށްފައި ނުވެ އެވެ. އަދި ޔޫކްރެއިނަށް އަސްކަރީ ބާރު ކުޑަކުރަން ޝަރުތުކޮށްފައި ނުވާއިރު ޔޫކްރެއިން ނޭޓޯއާ ގުޅުމުގެ ދޮރުވެސް ހުޅުވާލާފައި ވެ އެވެ.
ހޯމަ ދުވަހު ޒެލެންސްކީ ވަނީ 28 ނުކުތާގެ ޕްލޭނަށް ހުށަހެޅުނު ބަދަލުތަކަށް މަރުހަބާ ވިދާޅުވެފައެވެ.
ސުލްހައިގެ މަޝްވަރާތަކުގެ ފަހުގެ ބުރު ކުރިއަށް ދިޔަ ހޯމަ ދުވަހު ރެއިން ފެށިގެން ހޯމަ ދުވަހުގެ ހެނދުނާ ހަމައަށް ރަޝިޔާއާއި ޔޫކްރެއިނުން ވެސް ގެންދިޔައީ ހަމަލާތައް ބަދަލުކުރަމުންނެވެ.
2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތުމަށްފަހު، އެތައް ބަޔަކު މަރުވެފައިވާއިރު، މި ހަނގުރާމައަކީ މުޅި ދުނިޔެއަށް އޮތް ނުރައްކަލެއް ކަމަށް ބައިނަލްއަގުވާމީ އިދާރާތަކުން ދަނީ ބުނަމުންނެވެ. ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންއާއި ރަޝިއާއަށް ވެސް އެތައް ގެއްލުމެއް ކުރިމަތިވަމުންދާއިރު، ވީހާވެސް އަވަހަކަށް ހަނގުރާމަ ހުއްޓާލެވޭތޯ އެކި ގައުމުތަކުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.
Comment