Advertisement

ކާވާ ބީޗްވޮލީބޯޅަ މުބާާރާތްތަކުގެ ޝެޑިއުލަށް އަނެއްކާ ވެސް ބަދަލުތަކެއް

26 ނޮވެންބަރު 2025 - 08:37 0


ކާވާ ބީޗްވޮލީބޯޅަ މުބާާރާތްތަކުގެ ޝެޑިއުލަށް އަނެއްކާ ވެސް ބަދަލުތަކެއް

26 ނޮވެންބަރު 2025 - 08:37 0

ސެންޓްރަލް ޒޯން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ކަލަންޑަރަށް ބަދަލުތަކެއް ގެނެސް، ރާއްޖޭގައި މި އަހަރު ބާއްވަން ނިންމި ބީޗްވޮލީބޯޅައިގެ ދެ މުބާރާތެއް އަންނަ އަހަރަށް ފަސްކޮށްފި އެވެ.

މި އަހަރު އެންމެ ފުރަތަަމަ އިއުލާނުކުރި ކާވާގެ ކަލަންޑަރުގައި، އޮގަސްޓް މަހު ކާވާގެ ބީޗްވޮލީބޯޅަ ދެ މުބާރާތް އައްޑޫ ސިޓީގައި ބާއްވަން ނިންމި އެވެ. އެއީ، ކާވާ ނޭޝަންސް ލީގު އޮގަސްޓް 9-11 އަށް، އަދި ކާވާ ބީޗް ވޮލީބޯލް ޗެމްޕިއަންސް ލީގު އޮގަސްޓް 13-15 އަށެވެ.

އެކަމަކު، ކާވާގެ ކަލަންޑަރަށް އޮގަސްޓް މަހު ގެނެވުނު ބަދަލާ އެކު، އެ ދެ މުބާރާތް މިހާރު ތާވަލުކޮށްފައިވަނީ ނޮވެމްބަރު މަހު ބޭއްވުމަށެވެ.

އެކަމަކު، މި މަހުގެ 11 ވަނަ ދުވަހު، ކާވާ އިން ރިވައިސްކުރި އެ ޖަމިއްޔާގެ ކަލަންޑަރުގައިވާ ގޮތުން، އަންނަ އަހަރުގެ މާޗް މަހުގެ ފަހުކޮޅާއި އޭޕްރީލް މަހުގެ ކުރީކޮޅުގައި، ރާއްޖޭގައި ކާވާގެ ބީޗްވޮލީބޯޅައިގެ ދެ މުބާރާތެއް ބާއްވާނެ އެވެ. އެއީ، މާޗް 30 އިން އޭޕްރީލް 1 ގެ ނިޔަލަށް ކުޅޭ ކާވާ ބީޗްވޮލީބޯޅަ ކަޕް އާއި އޭޕްރީލް 3-5 އަށް ކުރިއަށްދާ ބީޗްވޮލީބޯލް ޗެމްޕިއަންޝިޕް އެވެ.

ކާވާ ކަލަންޑަރުގައިވާ ގޮތުން އަންނަ މަހުގެ 19-25 އަށް މާލޭގައި ކާވާ ކަޕް ފޯ ވިމެން ކުރިއަށްދާނެ އެވެ. އެ މުބާރާތުގައި ވާދަކުރާނީ ރާއްޖޭގެ އިތުރުން، އަފްގާނިސްތާން އާއި ބަންގްލަދޭޝް އާއި ތުރުކުމެނިސްތާން އަދި ކިރްގިސްތާން އެވެ.

މީގެ އިތުރުން އަންނަ އަހަރުގެ ފެބްރުއަރީ މަހު، ކާވާ އިން ކްލަބްތަކަށް ހާއްސަކޮށް އަންހެން ވޮލީބޯޅަ މުބާރާތެއް، ކާވާ ވިމެންސް ޗެމްޕިއަންސް ލީގުގެ ނަމުގައި، ރާއްޖޭގައި ހޯސްޓްކުރަން ވަނީ އިއުލާނުކޮށްފަ އެވެ. ރާއްޖޭން ހޯސްޓްކުރާތީ ދެ ޓީމަކަށް ޖާގަ ދޭން ނިންމާފައިވާއިރު، މުބާރާތުގައި ބައިވެރިވުމަށް މުއްދަތު ދީފައިވަނީ މިއަދުން ފެށިގެން ޑިސެމްބަރު މަހު އެއް ވަނަ ދުވަހުގެ ނިޔަލަށެެވެ. މި މުބާރާތުގައި، ކާވާ ނެޝަނަލް ފެޑެރޭޝަންތަކުން ކޮންމެ ގައުމަކަށް ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު އޮންނާނެ އެވެ.