Advertisement

ތައްޔާރީ ކާނާތަކުން ސިއްހީ ބޮޑެތި ނުރައްކާތަކެއް އެބަ ކުރިމަތިވޭ

25 ނޮވެންބަރު 2025 - 06:19 0


ތައްޔާރީ ކާނާތަކުން ސިއްހީ ބޮޑެތި ނުރައްކާތަކެއް އެބަ ކުރިމަތިވޭ

25 ނޮވެންބަރު 2025 - 06:19 0

އަލްޓްރާ-ޕްރޮސެސްޑް ފުޑްސް ނުވަތަ ގުދުރަތީ ކާނާގެ ތެރެއަށް ފާޑުފާޑުގެ ކެމިކަލްތަކާއި ކުލަތައް އަދި މަސްނޫއީ ރަހަތައް އެއްކޮށްގެން އުފައްދާފައި ހުންނަ ތައްޔާރީ ކާނާގެ ބާވަތްތައް މިހާރު އަންނަނީ ހައްދެއް ނެތި އިތުރުވަމުން، އަދި އޭގެ މަގުބޫލުކަން އިތުރުވަމުންނެވެ. ބަލައިލަން ރީތިވެފައި އަނގަޔަށް ކިތަންމެ މީރު ވިޔަސް، އެ ފަދަ ކާނާތަކުގެ ސަބަބުން އިންސާނީ ދަރިފަސްކޮޅުގެ ކުރިމަތީގައި އޮތީ ސިއްހީ ބޮޑެތި ނުރައްކާތަކެއް ކަމަށް ސައެންސްވެރިން އިންޒާރުކޮށްފިއެވެ.

ދާދި ފަހުން ކުރި ދިރާސާއެއްގެ ރިޕޯޓްގައި ސައެންސްވެރިން ބުނެފައިވާ ގޮތުގައި މަސްނޫއީ މާއްދާތަކުން ގަޑުބަޑުކޮށްފައިވާ ކާނާގެ ބާވަތްތަކާ މީހުން ދުރުކޮށް، ސިއްހީ ގޮތުން ފައިދާ ހުރި ކާނާގެ ބާވަތްތަކަށް މީހުން އަހުލުވެރި ކުރެވޭނީ، ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން މިހާރަށް ވުރެ ހަރުދަނާ ސިޔާސަތެއް ގެންގުޅެގެންނެވެ.

މި ދިރާސާގައި ބުނެފައިވާ ގޮތުން ތައްޔާރީ ކާނާގެ ބާވަތްތަކަށް މީހުން ދެވިހިފާފައިވާ މިންވަރުން، ދާއިމީ ގޮތެއްގައި ތަހައްމަލުކުރަންޖެހޭ ބަލިތަކަށް މީހުން ހުށަހެޅޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ދަ ލާންސެޓް ކިޔާ ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާ ރިޕޯޓްގައި ބުނެފައިވާ ގޮތުން، މުޅި ދުނިޔެއަށް ބަލާއިރު ވެސް، ސިއްހީ ގޮތުން ފައިދާ ހުރި ރަނގަޅު ކާނާ ކެއުމުގެ ބަދަލުގައި، މަސްނޫއީ ކާނާތަކަށް މީހުން ދެވިހިފަމުން އަންނަނީ ކަންބޮޑުވާންޖެހޭ މިންވަރަކަށެވެ.

ނަތީޖާއަކަށް ވަނީ ކާނާއިން ހަށިގަނޑަށް ލިބެންޖެހޭ ފުރިހަމަ މަންފާތައް ނުލިބުމުގެ އިތުރުން، ފުރާނައަށް ނުރައްކާވާ ފަދަ ދާއިމީ ބަލިތަކާ ކުރިމަތިލާން ޖެހުމެވެ. ސަބަބަކީ އެފަދަ ކާނާގެ ބާވަތްތަކުގައި އާދަޔާ ހިލާފަށް ގިނައިން ހަކުރާއި ސަރުބި ޖައްސާ މާއްދާތަކާއި ލޮނު ވެސް އެކުލެވުމެވެ.

ސައެންސްވެރިން ބުނާ ގޮތުގައި މިފަދަ ކާނާގެ ބާވަތްތައް އުފައްދައި ބާޒާރަށް ނެރެނީ، ކާނާއަށް ބޭނުންޖެހިފައިވާ މީހުންނަށް ކާނާ ފޯރުކޮށްދިނުމުގެ ބަދަލުގައި، އެ ހާލަތުގެ ނާޖާއިޒު ބޭނުން ހިފައި، ވިޔަފާރީގެ ވީ އެންމެ ބޮޑު ފައިދާއެއް ހޯދުމަށެވެ. އަދި މިކަން ހުއްޓުވޭނީ މުޅި ދުނިޔެ މިކަމާ ދެކޮޅަށް ތެދުވެގެން ކަމަށް ވެސް އެމީހުން ބުނެއެވެ.

ބައިނަލްއަގުވާމީ 43 ތަޖުރިބާކާރަކު ބައިވެރިވެގެން ހަދާފައިވާ މި ދިރާސާގައި ބުނެފައިވާ ގޮތުން މަސްނޫއީ މާއްދާތައް އެކުލެވޭ ތައްޔާރީ ކާނާތަކުގެ ސަބަބުން ވަރަށް ނުރައްކާތެރި ސިއްހީ ގޮންޖެހުންތަކެއް މިހާރު ވަނީ ކުރިމަތިވެފައެވެ. މިކަން މިހެން އޮތް އިރުވެސް، އެފަދަ ކާނާ އުފައްދާ ކުންފުނިތަކުން ވަނީ، އެމީހުންގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށާއި، އެފަދަ ކާނާ އުފެއްދުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ބޭނުން ކަނޑުވާލަން ސިޔާސަތުތަކެއް ވެސް އެކުލަވާލައިފައެވެ.

މި ދިރާސާގައި ބުނެފައިވާ ގޮތުން މަސްނޫއީ މާއްދާތައް ހިމަނައިގެން އުފައްދާފައި ހުންނަ ތައްޔާރީ ކާނާގެ ބާވަތްތަކުގައި، ކާނާއިން ލިބިދޭ ހަކަތަ އެކުލެވޭ ނިސްބަތް، އެތަކެތި އުފައްދާ ކުންފުނިތަކުން މިހާރު ވަނީ ތިން ގުނަ އިތުރުކޮށްފައެވެ. އެ ގޮތުން މިދިޔަ 30 އަހަރުގެ ތެރޭގައި އެ ނިސްބަތް މިހާރު ވަނީ، ސްޕެއިންގައި 11 އިންސައްތައިން 32 އިންސައްތައަށް، ޗައިނާގައި ހަތަރު އިންސައްތައިން 10 އިންސައްތައަށް އިތުރުކޮށްފައެވެ.

އޭގެ އިތުރުން މިދިޔަ 40 އަހަރުގެ ތެރޭގައި މެކްސިކޯ އާއި ބްރެޒީލްގައި މި ނިސްބަތް މިހާރު ވަނީ 10 އިންސައްތައިން 23 އިންސައްތައަށް އިތުރުކޮށްފައެވެ. އެމެރިކާ އާއި އިނގިރޭސި ވިލާތުގައި، މިދިޔަ 20 އަހަރުގެ ތެރޭގައި ވެސް އެ ނިސްބަތް ހުރީ 50 އިންސައްތައިގައި ހިފެހެއްޓިފައެވެ. އިތުރުވެފައިވަނީ ވަރަށް ކުޑަ އިންސައްތައެކެވެ.

މި ބާވަތުގެ ކާނާއިން ލިބިދޭ ހަކަތައިގެ މިންވަރު އިތުރުވުމުން، މިފަދަ ކާނާތައް ބޭނުންކުރާ މީހުން ގިނައިން ކެއުމަކީ ވެސް އިތުރުވަމުން އަންނަ އާދައެކެވެ. ނަތީޖާއަކަށް ވަނީ، ކާނާއިން ހަށިގަނޑަށް ލިބެންވާ ހުރިހާ މާއްދާތައް ހަމަހަމަ ގޮތެއްގައި ނުލިބި ކާނާއިން ލިބެންވާ ފައިދާގެ ވަޒަން ގެއްލުމެވެ. ސަބަބަކީ އެފަދަ ކާނާގައި ސިއްހަތަށް ކަމުނުދާ ސަރުބި އާއި ހަކުރު މާގިނައިން އެކުލެވުމާއި، ފައިބަރާއި ޕްރޮޓީންގެ ނިސްބަތް މާ ބޮޑަށް ދަށްވުމެވެ.

މިފަދަ ކާނާތަކާ ގުޅިގެން ކުރިމަތިވާ، ދިގު މުއްދަތަށް ތަހައްމަލު ކުރަންޖެހޭ އަދި ފުރާނައަށް ނުރައްކާކުރާ ބަލިތަކުގެ ތެރޭގައި، އިސްކޮޅާއި އުމުރާ ނުގުޅޭ މިންވަރަށް ފަލަވުމާއި، ޓައިޕް ދޭއްގެ ހަކުރުބަލި ޖެހުމާއި، ހިތުގެ ތަފާތު ބަލިތަކާއި ޑިޕްރެޝަން އާއި އުމުރުގެ ކުރީކޮޅުގައި ކުއްލިއަކަށް މަރުވުން ފަދަ ކަންތައް ހިމެނެއެވެ.