މެޑްރިޑް (ނޮވެމްބަރު 24) - ސްޕެނިޝް ލީގުގައި ރޭ އެޗްލޭ އިން މޮޅުވާން ދަނިކޮށް، ރެއާލް މެޑްރިޑްގެ ޖޫޑް ބެލިންހަމް ޖެހި ގޯލުން 2-2 އިން އެއްވަރުކޮށް، ރެއާލް ބަލިނުވެ ސަލާމަތްވެއްޖެ އެވެ.
މި މެޗުން ލިބުނު ޕޮއިންޓާ އެކު، ރެއާލް އެއް ވަނައިގައި އޮތީ 13 މެޗުން 32 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބާސެލޯނާ އަށް 13 މެޗުން ވަނީ 31 ޕޮއިންޓް ލިބިފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު އެލްޗޭ އިން ރޭގެ މެޗުގައި ލީޑުނެގީ ދެ ވަނަ ހާފު ފެށިގެން އަށް ވަަނަ މިނިޓްގަ އެވެ. އެލްޗޭ އަށް މި ލަނޑު ޖަހައިދިނީ 53 ވަނަ މިނިޓްގައި އަލެކްސް ފެބާސް އެވެ. ފެބާސް ފޮނުވާލި ބޯޅަ ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ އަށް މަތަކުރެވޭނެ ގޮތެއްނުވި އެވެ.
ރެއާލުން އެއްވަރުކުރީ މެޗުގެ 78 ވަނަ މިނިޓްގަ އެވެ. މިއީ، ބެލިންހަމް ތަނަވަސްކޮށްދިން ފުރުސަތެއްގައި ރެއާލުގެ ޑިފެންޑަރު، ޑީން ހައުސަން ޖެހި ގޯލެކެވެ. ރެއާލުން ނަތީޖާ ހަމަހަމަކުރިތާ ހަ މިނިޓް ފަހުން، އެލްޗޭ އިން ދެ ވަނަ ފަހަަރަށް ލީޑުނެގި އެވެ. މި ލަނޑު އެލްޗޭ އަށް ޖަހައިދިނީ، އަލްވާރޯ ރޮޑްރިގޭޒް އެވެ. އޭނާ ތިރިތިރިން ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ތެރެއަށެވެ.
މެޗުގެ ފުރިހަމަ ވަގުުތު ހަމަވާން ތިން މިިިނިޓަށް ވެފައިވަނިކޮށް، ރެއާލަށް ޕޮއިންޓެއް ހޯދައިދިން ގޯލު ޖަހައިދިނީ ކީލިއަން އެމްބާޕޭ ދިން ބޯޅައަކުން ބެލިންހަމް އެވެ. މިއީ، އެންމެ ފަހުން ސްޕެނިޝް ލީގުގައި ކުޅުނު ހަތަރު މެޗުގައި ބެލިންހަމް ޖެހި ތިން ވަނަ ގޯލެވެ.
އެލްޗޭ އިން މި މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އިތުރު ވަގުތުގެ ހަތް ވަނަ މިނިޓްގައި ރެއާލްގެ އެމްބާޕޭ އަށް އެލްޗޭގެ ވިކްޓޯ ޗުސްޓް ކުރި ފައުލަކަށް އޭނާ އަށް ވަނީ ދެ ވަަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.
ރެއާލުން ދެން އެންމެ އަަވަހަށް ކުޅޭ މެޗުގައި ބުދަ ދުވަހުގެރޭ ބައްދަލުކުރާނީ ޗެމްޕިއަންސް ލީގުގައި އޮލިމްޕިއާކޯސްއާ އެވެ.
Comment