Advertisement

ޔޫކްރައިން ހަނގުރާމަ ނިންމުމަށް ވައިޓް ހައުސްއިން ހުށަހެޅި ސުލްހައިގެ ޕްލޭނަށް ޖީ20 ސަމިޓުގައި މަޝްވަރާ ކުރާނެ

22 ނޮވެންބަރު 2025 - 16:28 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ


ޔޫކްރައިން ހަނގުރާމަ ނިންމުމަށް ވައިޓް ހައުސްއިން ހުށަހެޅި ސުލްހައިގެ ޕްލޭނަށް ޖީ20 ސަމިޓުގައި މަޝްވަރާ ކުރާނެ

22 ނޮވެންބަރު 2025 - 16:28 0

ރަޝިޔާ-ޔުކްރައިން ހަނގުރާ ނިންމުމަށް ވައިޓްހައުސްއިން ހުށަހަޅާފައިވާ ޕީސް ޕްލޭނަށް މި އަހަރު ސައުތު އެފްރިކާގައި ބާއްވާ ޖީ20 ސަމިޓުގައި މަޝްވަރާކުރާނެ ކަމަށް އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކިއަރ ސްޓާމަރ ވިދާޅުވެއްޖެ އެވެ. ބޮޑުވަޒީރު ސްޓާމަރ ވިދާޅުވީ، މިއަހަރުގެ ސަމިޓުގައި ޔޫކްރައިންއަށް ހެޔޮއެދޭ ގައުމުތަކުން ބައްދަލުކުރާއިރު، އެޖެންޑާ އެންމެ ކުރީގައި އޮތީ ވައިޓްހައުސްއިން ހުށަހެޅި ކަރުދާހަށް މަޝްވަރާ ކުރުން ކަމަށެވެ.

އެމެރިކާއިން ހުށަހަޅާފައިވާ ސުލްހައިގެ ޕްލޭނުގައި، ޔުކްރެއިނުން ކުރިން ދެކޮޅު ހަދާފައިވާ ކަންކަން ހިމެނެ އެވެ. އޭގެ ތެރޭގައި އެ ގައުމުގެ ބާރުގެ ދަށުގައި މިވަގުތު އޮތް އިރުމަތީގެ ސަރަހައްދުތައް ދޫކޮށްލުން ވެސް ހިމެނެ އެވެ.

ވޮޝިންޓަނުން ދަނީ އެ ޕްލޭން ގަބޫލުކުރުމަށް ޔޫކްރައިނަށް ބާރުއަޅަމުންނެވެ. އަދި އެކަމާ މަޝްވަރާކުރުމަށް ޕެންޓަގަންގެ އިސް އޮފިޝަލުން ހިމެނޭ ވަފުދެއް މި ހަފުތާގެ ކުރީކޮޅު ޔުކްރެއިނަށް ފޮނުވާފައި ވެ އެވެ.

ޖީ20 ސަމިޓުގައި ބައިވެރިވާ ޔޫކްރައިންގެ އެކުވެރި ގައުމުތަކުން ވެސް ދެކޭގޮތުގައި، ވައިޓުހައުސްގެ ހުށަހެޅުމުގައި މޮސްކޯއަށް ވަރަށް ބޮޑަށް ފައިދާވާ ގޮތަށް ބައެއް ޝަރުތުތައް ހިމަނާފައި ވެ އެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ފޮރިން ޕޮލިސީ ޗީފް ކަޔާ ކައްލަސް، ދެކޭ ގޮތުގައި ޔޫކްރައިނުން އެ ޝަރުތުތައް ގަބޫލުކުރުމުގެ ފުރުސަތު ވަރަށް ހަންޏެވެ.

ރޮއިޓާސްއާ ހަވާލާދީ، އޭނާ ނޫސްވެރިންނަށް ވިދާޅުވީ "އަހަރެމެން އެންމެންވެސް ބޭނުންވަނީ މި ހަނގުރާމަ ނިމެން. އެކަމަކު ހަނގުރާމަ ނިމޭ ގޮތް މުހިންމު. ރަޝިޔާއިން އަރައިގަތް ގައުމެއްގެ އަތުން އެއްވެސް އިނާޔަތެއް ހޯދުމުގެ އެއްވެސް ގާނޫނީ ހައްގެއް ރަޝިޔާއަށް ލިބިގެންނެއް ނުވޭ. އެންމެ ފަހު ބަސް ބުނެ، އެއްވެސް އެއްބަސްވުމެއްގެ ޝަރުތުތައް ކަނޑައަޅާނީ ޔުކްރެއިނުން."

ޖީ20ގެ ބައްދަލުވުމުގެ ކުރިން އިނގިރޭސި ބޮޑުވަޒީރު ވިދާޅުވީ، މިހާރު ހުށަހަޅާފައިވާ ހުށަހެޅުމާ ބެހޭ ގޮތުން ދުނިޔޭގެ ލީޑަރުން މަޝްވަރާ ކުރައްވާނެ ކަމަށާއި، އަދި ސުލްހައަށްޓަކައި ރައީސް ޓްރަމްޕް ކުރައްވާ މަސައްކަތަށް ތާއީދުކުރުމުގެ ގޮތުން، މަޝްވަރާތަކުގެ ދެވަނަ މަރުހަލާއަށް މި ޕްލޭން އިތުރަށް ވަރުގަދަ ކުރެވިދާނެ ގޮތްތައް ބައްލަވާނެ ކަމަށެވެ.

ވައިޓް ހައުސްގެ ޕްލޭންގެ ދަށުން، ޔުކްރެއިނުން އެ ގައުމުގެ އަސްކަރިއްޔާގެ ސައިޒު ކުޑަކޮށް، އަދި އަސްކަރީ އިއްތިހާދު ނޭޓޯއާ ނުގުޅޭނެ ކަމަށް ވައުދުވާން ޖެހޭނެ އެވެ. މިއީ ވަރަށް ކުރިއްސުރެ ރަޝިޔާއިން ބާރު އަޅަމުން އަންނަ ކަމެކެވެ.

ޓްރަމްޕް ހުކުރު ދުވަހު އިންޒާރު ދެއްވީ، ހަނގުރާމަ ކުރިއަށް ދާނަމަ މާ ލަސްތަކެއް ނުވެ ޔުކްރެއިނުން އިތުރު ސަރަހައްދުތަކެއް ގެއްލިގެން ދިއުމުގެ ބޮޑުކަމަށާއި، އެހެންކަމުން ވީހާ ވެސް އަވަހަކަށް އެމެރިކާއިން ހުށަހެޅި ސުލްހައިގެ ޕްލޭން ގަބޫލުކުރުން ޔޫކްރައިނަށް މުހިންމުވާ ކަމަށެވެ.

އެމެރިކާގެ ރައީސް ވިދާޅުވީ، އެ ޕްލޭނަށް އެއްބަސްވުމަށް ޔުކްރެއިނަށް އަންނަ ބުރާސްފަތި ދުވަހާ ހަމައަށް މުހުލަތު ދެއްވާފައިވާ ކަމަށެވެ. އެމެރިކާގެ ތޭންކްސްގިވިންގް ދުވަހާ ދިމާވާ މި ތާރީހަކީ، އޭނާ ސިފަކުރެއްވި ގޮތުގައި "މުނާސަބު" މުހުލަތެކެވެ.