Advertisement

ގައުމީ ބަނޑުފިލާ ޗެލެންޖް: އާމިން ކަޓުވާލައި އަޝްރަފް ފައިނަލުގައި ކުޑަ އައްޔައާ ދެކޮޅަށް

20 ނޮވެންބަރު 2025 - 13:20 0

މިއަދު ކުރިއަށްދިޔަ ކުއާޓާ ފައިނަލް ހީޓުގައި އަޝްރަފް ވާދަކުރަނީ.---- ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ


ގައުމީ ބަނޑުފިލާ ޗެލެންޖް: އާމިން ކަޓުވާލައި އަޝްރަފް ފައިނަލުގައި ކުޑަ އައްޔައާ ދެކޮޅަށް

20 ނޮވެންބަރު 2025 - 13:20 0

މިހާރު ކުރިއަށްދާ ގައުމީ ބަނޑުފިލާ ޗެލެންޖް 2025 ގެ މެންސް އޯޕަންގެ ސެމީ ފައިނަލުގައި، އާމިން އުމަރު މޫސާ ކަޓުވާލައި، ފައިނަލުގައި އަޝްރަފް ހަސަން ފައިނަލުގައި އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ)އާ ދެކޮޅަށް ނުކުންނަން ޖެހިއްޖެ އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލާއި ސެމީ ފައިނަލް ހީޓުތައް ކުރިއަށްދިޔައީ މިއަދު ހެނދުނު އެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަން، އިޔަން އަހުމަދު އަތުން ކުއާޓާ ފައިނަލުގައި، އާމިން ވަނީ ވާދަވެރި ހީޓަކަށް ފަހު މޮޅުވެފަ އެވެ. އެ ގޮތުން، ކުއާޓާ ފައިނަލުގެ ހީޓު ދޭއްގައި ވާދަކޮށް، އިޔަން އަތުން އާމިން މޮޅުވީ، 0.14 ޕޮއިންޓުގެ ފަރަގުންނެވެ. އާމިން، 12.00 ޕޮއިންޓް ހޯދިއިރު، އިޔަން އަށް ވަނީ 11.86 ޕޮއިންޓް ލިބިފަ އެވެ. އާމިން އެންމެ ރަނގަޅަށް ސްކޯކުރި ދެ ރާޅުން، 5.00 ޕޮއިންޓާއި 7.00 ޕޮއިންޓް ހޯދިއިރު، އިޔަން އެންމެ ރަނގަޅަށް ސްކޯކުރި ރާޅުތަކުން ހޯދީ 6.33 ޕޮއިންޓާއި 5.53 ޕޮއިންޓެވެ.

ކުއާޓާ ފައިނަލް ހީޓުގައި އާމިން ވާދަކުރަނީ.--- ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ


މި އަހަރުގެ ބޮޑީބޯޑިން ދެ މުބާރާތް ކާމިޔާބުކުރި އާމިން ސެމީ ފައިނަލުގައި ނުކުތީ، އަޝްރަފްއާ ދެކޮޅަށެވެ.

ކުއާޓާ ފައިނަލުގައި މުހައްމަދު އަޒާން އަހުމަދު އަތުން މޮޅުވި އަޝްރަފް، ސެމީ ފައިނަލުގައި، އާމިން އަތުން މޮޅުވީ 2.76 ޕޮއިންޓުގެ ފަރަގަކުންނެވެ. އަޝްރަފް އަށް 12.50 ޕޮއިންޓް ލިބުނުއިރު، އާމިން އަށް ހޯދުނީ 9.74 ޕޮއިންޓެވެ. އަޝްރަފް ނަތީޖާ އަނބުރާލީ ފަހު ދެ ރާޅުންނެވެ. އެ ދެ ރާޅުގައި އޭނާ ވަނީ 5.67 ޕޮއިންޓާއި 6.83 ޕޮއިންޓް ސްކޯކޮށްފަ އެވެ. އާމިން އަށް ސްކޯކުރެވުނީ، ފުރަތަމަ ރާޅުގައި 5.67 ޕޮއިންޓާއި ފަސް ވަނަ ރާޅުގައި 4.07 ޕޮއިންޓެވެ.

ކުއާޓާ ފައިނަލް ހީޓުގައި ކުޑަ އައްޔަ ވާދަކުރަނީ.---- ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ


ކުޑަ އައްޔަ ވަނީ ކުއާޓާ ފައިނަލުގައި 1.73 ޕޮއިންޓުގެ ފަރަގަކުން އަސްވާން މުހައްމަދު ބަލިކޮށްފަ އެވެ. ކުޑަ އައްޔަ އަށް 11.50 ޕޮއިންޓް ލިބުނުއިރު، އަސްވާނަށް ލިބުނީ 9.77 ޕޮއިންޓެވެ. ސެމީ ފައިނަލުގައި ކުޑަ އައްޔަ ވާދަކުރީ، މުހައްމަދު ކައިފްއާ އެވެ. ކުޑަ އައްޔަ 12.50 ޕޮއިންޓް ސްކޯކޮށް، 3.5 ޕޮއިންޓުގެ ފަރަގަކުން ވަނީ މޮޅުވެފަ އެވެ. ކައިފް އަށް ހޯދުނީ 9.0 ޕޮއިންޓެވެ.

ފައިނަލުގައި އަޝްރަފް އާއި ކުޑަ އައްޔަ ވާދަކުރާއިރު އެންމެ ފަހުން މި ދެ ބޯޑަރުން ފައިނަލެއްގައި ފެނިގެންދިޔައީ، 2023 ވަނަ އަހަރުގެ ބުރުނު ޝިކާރުގަ އެވެ. އެ ފަހަރު، ކުޑަ އައްޔަގެ މައްޗަށް އަޝްރަފް ވަނީ އެ މުބާރާތުގައި ކުރިހޯދައިފަ އެވެ. އެއާ އެކު، އަޝްރަފް ވެފައިވަނީ، 10 އަހަރު ތެރޭ ކުޑަ އައްޔަ ބަލިކުރި ފުރަތަމަ ބޯޑީބޯޑަރަށެވެ.

މެންސް އޯޕަން ފައިނަލް މިއަދު މެންދުރު ފަހު ރާޅުގަނޑުގައި ކުރިއަށްދާނެ އެވެ.