Advertisement

މިފަހުން އުފެއްދި ބްރޯޑްކާސްޓިން ކޮމިޝަން ހިމެނޭ ގޮތަށް ވަކި އޮފީސްތަކެއްގެ މުވައްޒަފުންނަށް ވެސް ފްލެޓު ދެނީ

17 ނޮވެންބަރު 2025 - 13:33 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މީޑިއާ ކޮންޓްރޯލް ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: އިހަކަށް ދުވަހު އުފެއްދި އެ ކޮމިޝަނުގެ މުވައްޒަފުންނަށް ވެސް ފްލެޓް ލިބޭ ގޮތަށް އުސޫލު ވަނީ ހަދާފައި -- ފޮޓޯ؛ ކޮންޓްރޯލް ކޮމިޝަން


މިފަހުން އުފެއްދި ބްރޯޑްކާސްޓިން ކޮމިޝަން ހިމެނޭ ގޮތަށް ވަކި އޮފީސްތަކެއްގެ މުވައްޒަފުންނަށް ވެސް ފްލެޓު ދެނީ

17 ނޮވެންބަރު 2025 - 13:33 1

މި ފަހުން އުފެއްދި މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން ހިމެނޭ ގޮތަށް ސަރުކާރުން ކަނޑައަޅާ ވަކި އޮފީސްތަކެއްގެ މުވައްޒަފުންނަށް ވެސް "ބޯހިޔާވެހިކަން އެންމެންނަށް" ސްކީމުގެ ދަށުން ފްލެޓު ދޭން ނިންމައިފި އެވެ.

މި ސަރުކާރުގެ ފްލެޓު ދިނުމުގެ އުސޫލުގައިވާ ގޮތުގައި ސިވިލް ސާވިސް މުވައްޒަފުންނާއި ރައީސް އޮފީހާއި އެކިއެކި މުއައްސަސާތަކާއި އިދާރާތަކަށް ވެސް ފްލެޓް ދިނުމުގައި އިސްކަން ދޭނެ އެވެ. އެ ތަންތަނަށް ކަނޑައަޅާ ފްލެޓުގެ އަދަދު ވެސް ވަނީ އާންމުކޮށްފަ އެވެ.

ފްލެޓްތައް ހާއްސަކުރެވިފައިވާ ތަންތަނާއި އަދަދު:

  • ޖުޑިޝަރީގެ ދާއިރާގެ މުވައްޒަފުން - 100 ފްލެޓް
  • ފުލުހުން - 100 ފްލެޓް
  • ސިފައިން - 100 ފްލެޓް
  • ސިވިލް ސަވިސްގެ މުވައްޒަފުން - 200 ފްލެޓް

300 ފްލެޓް ހާއްސަކޮށްފައިވާ އެހެން ތަންތަން:

  • ރައީސް އޮފީސް، ރައްޔިތުންގެ މަޖިލިސް، އެޓާނީ ޖެނެރަލްގެ އޮފީސް އަދި ފޮރިން ސާވިސް.
  • ޖުޑީޝަލް ސާވިސް ކޮމިޝަން، ސިވިލް ސާވިސް ކޮމިޝަން، ހިއުމަން ރައިޓްސް ކޮމިޝަން، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި އެންޓި ކޮރަޕްޝަން ކޮމިޝަން.
  • އޮޑިޓާ ޖެނެރަލް އޮފީސް، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް، ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް، އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓްސް އޮފީސް އަދި ޗިލްޑްރަންސް އޮމްބަޑްސް ޕާސަންގެ އޮފީސް.
  • މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، ލޯކަލް ގަވަމަންޓް އޮތޯރިޓީ، ކެޕިޓަލް މާކެޓް ޑިވޮލޮޕްމަންޓް އޮތޯރިޓީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ، ނެޝަނަލް ޑިޒާސްޓާސް މެނޭޖްމަންޓް އޮތޯރިޓީ،
  • މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު، ޓެކްސް އެޕީލް ޓްރައިބިއުނަލް އަދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލް.

ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން އަލަތު ކައިވެނިކުރާ ފަރާތް ނުވަތަ ޒުވާން އާއިލާތަކަށް 250 ފްލެޓް ކަނޑައަޅާފައިވާއިރު، ޓެކްސީ ޑްރައިވަރުންނަށް 50 ފްލެޓް، މަސްވެރިކަމުގެ ދާއިރާގައި އުޅޭ މީހުންނަށް 100 ފްލެޓް އަދި ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ މީހުންނަށް 200 ފްލެޓް ވަނީ ކަނޑައަޅާފަ އެވެ.

މީގެއިތުރުން ވެށިފަހި މާލެ އާއި ހިޔާ މަޝްރޫއިން ފްލެޓް ލިބޭކަމުގެ ލިޔުން ލިބި، އެ ލިޔުމާ އެއްގޮތަށް ފްލެޓް ހަވާލުކޮށްފައިނުވާ ފަރާތްތަކަށް 300 ފްލެޓް ވަނީ ކަނޑައަޅާފަ އެވެ.

ފްލެޓު ސްކީމަށް ޕޮއިންޓު ދޭއިރު ބަލަނީ:

  • މާލޭގެ ރަށްވެހިކަން ނުވަތަ ދިރިއުޅުނު މުއްދަތަށް
  • އެ އާއިލާއެއްގެ ގޯތިގެދޮރުގެ މިލްކުވެރިކަން
  • ގޭބީސީގެ ޖުމްލަ އާމްދަނީ
  • އެ އާއިލާއެއްގެ ބެލުމުގެ ދަށުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި މައިންބަފައިންނަށް
  • އާއިލާގެ ހާލަތު (ދަރިންގެ އަދަދު، ނުވަތަ ސިއްހީ ސަބަބަކާ ހެދި ދަރިން ނުލިބޭނަމަ)

މި ސަރުކާރުގެ ފްލެޓް ދޭ ސްކީމްގެ ދަށުން މާލޭގެ ރަށްވެހިންނަށް 3،000 ފްލެޓް ކަނޑައަޅާފައިވާއިރު، މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުންދާ މީހުންނަށް ކަނޑައަޅާފައިވަނީ 1،500 ފްލެޓެވެ.

މާލޭ ސަރަހައްދުން ފްލެޓު ދެނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ މާލޭ ރަށްވެހިންގެ ކެޓެގަރީ އާއި މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންގެ ކެޓެގަރީ އެވެ. މާލޭގެ ރަށްވެހިން ކަމުގައި ބަލަނީ އުފަންވީއްސުރެ މާލޭ ރަޖިސްޓްރީގައި ޖެހިފައިވާ މީހުންނާއި، މާލޭ ރަށްވެހިކަމުގެ ދަފްތަރުގައި ޖެހިފައިވާ މީހުންނާއި ފަހުން މާލޭގެ ގެއެއްގެ ރަޖިސްޓްރީގައި ޖެހިފައިވާ މީހުންނެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި މި ފަހުން މުހައްމަދު މުއިއްޒު އިއުލާނުކުރި 7000 ފްލެޓާއި ރަސްމާލޭން ދޫކުރާ 15،000 ގޯތި ދޫކުރަނީ މި ސްކީމުތަކުގައި ކަނޑައެޅި އުސޫލުތަކުގެ ދަށުންނެވެ.