16 ނޮވެންބަރު 2025 - 14:12 1
މުހައްމަދު ޝަހްޒާން
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތައް -- ފޮޓޯ: އަދަދު
16 ނޮވެންބަރު 2025 - 14:12 1
ހިޔާ ފްލެޓުތައް ނިންމުމަށް ދޫކުރި ލޯނުތަކާއި ވިނަރެސް ފްލެޓުތައް ގަންނަން ދޫކުރި ލޯނުތަކުގެ އިންޓްރެސްޓު ކުޑަކުރަން ބޭންކް އޮފް މޯލްޑިވްސްއަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.
ދާދި ދެންމެއަކު މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިޔާ ފްލެޓުތައް ނިންމުމަށާއި ވިނަރެސް ފްލެޓުތައް ގަތުމަށް ދޫކުރި ލޯނުތަކަށް ލުއި ގޮތްތަކެއް ހޯދުމަށް ބީއެމްއެލްއާއެކު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
އެގޮތުން ހިޔާ ފްލެޓުތައް ނިންމުމަށް ދޫކޮށްފައިވާ 535 ލޯނުގެ އިންޓްރެސްޓް ރޭޓު 12 ޕަސެންޓުން 10 ޕަސެންޓަށް ކުޑަ ކުރުމަށާއި ލޯނު ދެއްކުމަށް ދަތިވެ ޑީފޯލްޓުވެފައިވާ މީހުންނަށް އަލުން ލޯނު ދެއްކޭނެ ގޮތެއް މަގުފަހި ކޮށްދިނުމަށް މަޝްވަރާ ކުރެއްވި ކަމަށް މުއިއްޒުގެ ޕޯސްޓުގައި ވިދާޅުވި އެވެ.
އަދި ވިނަރެސް ފްލެޓުތައް ގަތުމަށް ދޫކޮށްފައިވާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓު ނުވަ ޕަސެންޓުން އަށް ޕަސެންޓަށް ކުޑަ ކުރުމަށް މަޝްވަރާ ކުރެއްވި ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އެއީ ކުރެވިދާނެ ކަމެއްކަމަށް ބޭންކް އޮފް މޯލްޑިވްސް އިން މައުލޫމާތު ލިބިފައި ވާތީ އުސޫލުގެ ތެރެއިން މިކަންތައް ކޮށްދެއްވުމަށް ވާނީ ދަންނަވާފައި،" މުއިއްޒުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
ހިޔާ ފްލެޓުތަކުގެ ފިނިޝިން ނިންމުމަށް ނެގި ލޯނުތަކުގެ އިންޓްރެސްޓު ކުޑަކުރަން ބީއެމްއެލްއަށް މުއިއްޒު މިއަދު އެންގެވިއިރު، އެ ހަރަދު އަނބުރާ ދިނުމުގެ ގޮތުން ޑިސެމްބަރު 5، 2023 ގައި ސަރުކާރުން ވަނީ ހިޔާ ފްލެޓުތަކުގެ ކުލިން 200،000ރ. އުނިކޮށްދީފަ އެވެ.
އެ ފައިސާ އުނިކޮށްދިނީ 2030 ގެ ނިޔަލަށް އެ ފްލެޓުތަކަށް ދައްކަންޖެހޭ ކުލިން، ކޮންމެ މަހަކު ވެސް ވަކި އިންސައްތައެއް ކެނޑޭ ގޮތަށެވެ.
Comment