Advertisement

ބަޖެޓު އޮތް ގޮތަށް ފާސްކޮށްފިނަމަ ރުފިޔާގެ އަގު އެއްކޮށް ވެއްޓިގެންދާނެ: ޝަމްހީދު

16 ނޮވެންބަރު 2025 - 14:22 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާ މެންބަރު އަހްމަދު ޝަމްހީދު: އޭނާ ވިދާޅުވީ ބަޖެޓު އޮތް ގޮތަށް ފާސްކޮށްފިނަމަ ރުފިޔާގެ އަގު އެއްކޮށް ވެއްޓިގެންދާނެ ކަމަށް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ބަޖެޓު އޮތް ގޮތަށް ފާސްކޮށްފިނަމަ ރުފިޔާގެ އަގު އެއްކޮށް ވެއްޓިގެންދާނެ: ޝަމްހީދު

16 ނޮވެންބަރު 2025 - 14:22 2

ސަރުކާރުން ހުށަހަޅާފައި އޮތް 64.2 ބިލިއަން ރުފިޔާގެ ބަޖެޓު އޮތް ގޮތަށް ފާސްކޮށްފިނަމަ ދިވެހި ރުފިޔާގެ އަގު އެއްކޮށް ވެއްޓިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާ މެންބަރު އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ބަޖެޓަށް ބަހުސް ކުރައްވަމުން ޝަމްހީދު ވިދާޅުވީ އަންނަ އަހަރު ދައުލަތުން ކުރާ ހަރަދު ހަމަޖައްސަން 26 ބިލިއަން ރުފިޔާ ހޯދަން ޖެހޭ ކަމަށް ބަޖެޓުގައި ބުނެފައިވާއިރު އެ ފައިސާ ނުހޯދިއްޖެ ނަމަ އަނެއްކާ ވެސް ސަރުކާރަށް ފައިސާ ޗާޕުކުރަން ޖެހޭނެކަން ޝަމްހީދު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ލަފާކުރާ އަންނަ އަހަރު އަނެއްކާ އިތުރު ދެތިން ބިލިއަން ރުފިޔާ ޗާޕުކުރާނެ ކަމަށް. އަޅުގަނޑުމެންނަށް އޮތް ނުރައްކަލަކީ މިގޮތަށް ބަޖެޓު ފާސްކޮށްގެން. އަޅުގަނޑުމެން ހޭދަކުރަން ފަށައިފިނަމަ މި ދިވެހި ރުފިޔާގެ އަގު އެއްކޮށް ވެއްޓިގެން ހިނގައިދާނެ. މި ރުފިޔާއަކީ އަގެއް ނެތް އެއްޗަކަށް ވެގެންދާނެ،" ޝަމްހީދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިއީ ޒިންމާދާރުކުރާމާއެކު ގައުމެއްގެ މާލީ ކަންކަން ހިންގަން ޖެހޭނެ ގޮތް ނޫން ކަމަށެވެ. މި އަހަރަށްވުރެ އަންނަ އަހަރު ރިކަރަންޓު ހަރަދަށް ކުރާ ހޭދަ އަށް ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށާއި މިއީ އަންނަ އަހަރު ދައްކަން އޮތް ސުކޫކު ދައްކަން ބޭނުންވާހާ ފައިސާކަން ވެސް ޝަމްހީދު ބަޖެޓު ބަހުސްގައި ފާހަގަކުރެއްވި އެވެ.

އަންނަ އަހަރު ހޯދަން ޖެހޭ ފައިސާގެ ބޮޑު ބަޔެއް ހޯދަން ސަރުކާރުން ވިސްނަނީ ބޭރުން ލޯނު ހޯދައިގެންނާއި ބޮންޑް ނުވަތަ ސުކޫކު ވިއްކައިގެންނާއި މަލްޓިލެޓަރަލް އަދި ބައިލެޓެރަލް ފައިނޭންސިން ގޮތުގަ އެވެ. ބޭރުން ހޯދަން ރާވާފައި ވަނީ 16.8 ބިލިއަން ރުފިޔާ އެވެ.

ބޭރުން ހޯދާ ފައިސާގެ ތެރެއިން ގިނަ އަދަދެއް ބޭނުންކުރަނީ ސުކޫކު ރީފައިންނޭންސް ކުރުމަށެވެ. އެ ކަމަށް ޓަކައި 450 މިލިއަން ޑޮލަރު ނުވަތަ 6.9 ބިލިއަން ރުފިޔާ ހޯދާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ. އިތުރު 300 މިލިއަން ޑޮލަރު ނުވަތަ 4.5 ބިލިއަން ރުފިޔާ ހޯދަނީ ބަޖެޓު ސަޕޯޓުގެ ގޮތުގަ އެވެ. ޒަމީރުގެ ވާހަކަތައް ހުރީ ރައީސް މުހައްމަދު މުއިއްޒުގެ ބޭރު ދަތުރުތަކުން މި ފައިސާ ހަމަޖެހިފައިވާ ގޮތަކަށެވެ.

ފައިނޭންސިން ހަމަޖައްސަން ރާވާފައިވާ ގޮތް

  • ޖުމުލަ - 26.2 ބިލިއަން ރުފިޔާ
  • ބޭރުން - 16.8 ބިލިއަން ރުފިޔާ
  • އެތެރޭން - ފަސް ބިލިއަން ރުފިޔާ
  • ސޮވްރިން ޑިވެލޮޕްމަންޓު ފަންޑުން - 4.2 ބިލިއަން ރުފިޔާ

ސަރުކާރުން އަންނަ އަހަރު ރާވަނީ އެތެރޭގެ ބާޒާރުން އެންމެ ފަސް ބިލިއަން ރުފިޔާ ހޯދުމަށެވެ. މިހެން ނަމަވެސް މި އަހަރާއި އޭގެ ކުރީ އަހަރު ވެސް ރޭވި ގޮތަށް ފައިނޭންސިން ހަމަނުޖެހިގެން، ބަޖެޓު ހަރަދުތައް ހަމަޖައްސަމުން ދަނީ އެތެރޭގެ ބާޒާރަށް ޓީބިލާއި ބޮންޑު ވިއްކައިގެންނެވެ.

ލޯނު ދައްކަން ސޮވްރިން ޑިވެލޮޕްމަންޓު ފަންޑުގައި ހުރި ފައިސާ ބޭނުންކުރަން ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. ޒަމީރު ވަނީ މި ފަންޑުގައި މިހާރު ވެސް ނަގުދު ފައިސާއިން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އެބަ ހުރި ކަމަށް ވިދާޅުވެފަ އެވެ.