Advertisement

ގޮޅިން ނިކުމެ އަޑުއެހުމަށް ދާން ބައްސާމް ދެކޮޅު ހަދައިފި

16 ނޮވެންބަރު 2025 - 11:13 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް: ޝަރީއަތަށް ހާޒިރުކުރަން އުޅުމުން އޭނާ ވަނީ ގޮޅިން ނިކުންނަން ދެކޮޅު ހަދާފައި -- ފޮޓޯ: އަދަދު ފައިލް


ގޮޅިން ނިކުމެ އަޑުއެހުމަށް ދާން ބައްސާމް ދެކޮޅު ހަދައިފި

16 ނޮވެންބަރު 2025 - 11:13 0

ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ގޮޅިން ނިކުމެ އޭނާގެ މައްޗަށް އުފުލާފައިވާ އިތުރު ދެ ދައުވާއެއްގެ އަޑުއެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުވާން ދެކޮޅު ހަދައިފި އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި މިއަދު 8:15 ގައި ފެށުމަށް ހަމަޖެހިފައިވާ ޝަރީއަތަށް ބައްސާމް ހާޒިރުކުރަން އޭނާ ގޮޅިން ނެރެން ކަރަކްޝަންސްގެ އޮފިސަރުން އުޅުމުން ވަނީ ހުރަސް އަޅާފަ އެވެ.

ނަމަވެސް ފަހުން ގޮޅިން ނިކުންނަން އެއްބަސްވެގެން އޭނާ މިހާރު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަނީ އެނގިފަ އެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް، އާމިނަތު ޔުސްރީން އަހުމަދު އަދަދު އަށް ވިދާޅުވީ ބައްސާމް ކޯޓަށް ހާޒިރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އޭނާ 8:15 ގައި އޮތް ޝަރީއަތަށް ގެނައުން ލަސްވީ ކީއްވެގެން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި ޝަރީއަތުގެ މަޖިލީހަށް ހާޒިރުވާން ގައިދީއަކު ދެކޮޅު ހަދާނަމަ، ބާރުގެ ބޭނުންކޮށްގެން އާންމުކޮށް އެ މީހަކު ހާޒިރުކޮށްފައެއް ނުވެ އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަން ތާވަލުކޮށްފައި ވަނީ ބައްސާމް އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން އަމީން އެވެނިއުގެ ޕެންޓްހައުސްއެއް ގަތް މައްސަލައިގެ ޝަރީއަތެވެ. އެ މައްސަލައިގައި އެނާގެ މައްޗަށް އުފުލާފައި ވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.

ބައްސާމްގެ މައްޗަށް އެ މައްސަލައިގައި ތުހުމަތުކުރަނީ ފީފާއިން ފޮނުވި ފައިސާ، އެހެން ކުންފުނިތަކުގެ އެކައުންޓަށް ފޮނުވުމަށް ފަހު، އެ ކުންފުނިތައް މެދުވެރިކޮށް ޕެންޓްހައުސް ގަންނަން 25 މިލިއަން ރުފިޔާ އަމީން ކޮންސްޓްރަކްޝަނަށް ދެއްކި ކަމަށެވެ.

ދައުލަތުން ވަނީ އެ މައްސަލައިގައި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.2 މިލިއަން ޑޮލަރު ނެގުމަށާއި ޕެންޓްހައުސް ވެސް ދައުލަތަށް ނަގައިދިނުމަށް އެދިފަ އެވެ.

ހިޔާނާތްތެރިވުމާއި މަނީލޯންޑްރިންގެ މައްސަލައިގައި ބައްސާމްގެ މައްޗަށް އެންމެ ފުރަތަމަ ހަތަރު އަހަރުގެ ހުކުމެއް އިއްވީ އޮކްޓޯބަރު 8، ގަ އެވެ. އޭނާގެ މައްޗަށް ހިޔާނާތްތެރިވުމާއި މަނީލޯންޑްރިންގެ އިތުރު މައްސަލައެއްގައި ފަސް އަހަރަށް ހުކުމްކުރީ އޮކްޓޯބަރު 30، ގަ އެވެ.

ބައްސާމްގެ އިތުރު މައްސަލަތަކެއް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އޭނާގެ މައްޗަށް އިތުރު ދައުވާތަކެއް އުފުލުމަކީ އަދި އެކަށީގެންވާ ކަމެކެވެ.