Advertisement

ކެންސަރާ ދެކޮޅަށް މޮލިކިއުލް ފަރުވާއެއް އީޖާދުކުރަނީ

16 ނޮވެންބަރު 2025 - 06:53 0


ކެންސަރާ ދެކޮޅަށް މޮލިކިއުލް ފަރުވާއެއް އީޖާދުކުރަނީ

16 ނޮވެންބަރު 2025 - 06:53 0

ކެންސަރު ބައްޔަށް ފަރުވާއެއް ހޯދުމަށް ކުރާ މަސައްކަތުން ލިބޭ ކޮންމެ ކުރިއެރުމެއް ސާބިތުކޮށްދެނީ އެއް ހަގީގަތެކެވެ. އެއީ، ކެންސަރަކީ ރައްދު ހަމަލާ ދޭން އުނގެނިފައިވާ ބައްޔެއް ކަމެވެ. މިހާތަނަށް ހޯދިފައިވާ ހޯދުންތަކަށް ބަލާއިރު، ކެންސަރުގެ 200 އަށް ވުރެ ގިނަ ބާވަތް ހިމެނެއެވެ. އަދި ޓިއުމަރުގެ ބަޔޮލޮޖީއަކީ އަބަދުވެ ބަދަލުވޭވޭ ހުންނަ އެއްޗެކެވެ.

ކެންސަރު ސެލްއެއް ހެދި ބޮޑުވަމުން އަންނަ ގޮތަށް ހުރަސް އަޅައިފިއްޔާ، އެހެން ގޮތެއް ހޯދައިގެން ހެދި ބޮޑުވާން މަސައްކަތް ކުރެއެވެ. އެހެންކަމުން، ކެންސަރަށް ފަރުވާ ކުރުމުގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ކެންސަރު ސެލްތައް ބޭހަށް ހޭނުން އަވަސްވުމެވެ. އެންމެ އާންމު މާނައިގައި ނަމަ ކެންސަރު ބަލި، ބޭހަށް ނުގުޑުމެވެ.

ބައެއް ބާވަތުގެ ކެންސަރު ފަރުވާއަށް ބޭނުންކުރާ ބޭސްތަކުގައި އަމާޒުކުރަނީ، ކެންސަރު ސެލްގެ ބޭރު ފަށަލައަށެވެ. ނަމަވެސް ސައެންސްވެރިން މިހާރު ބުރަވާ ގޮތުގައި ސެލްގެ އެތެރެއަށް ފޮނުވައިލާ ކުދިކުދި މޮލިކިއުލްތަކެއްގެ ޒަރީއާއިން ދޭ ފަރުވާއިން މިހާރަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރެވިދާނެއެވެ.

ކެންސަރަށް ފަރުވާއެއް ހޯދުމަށް ކުރާ މަސައްކަތުގައި ސިނާއީ މޮލިކިއުލްގެ ފަރުވާ އެންމެ ފުރަތަމަ އީޖާދުކުރީ، 1940ގެ އަހަރުތަކުގައެވެ. އެއީ، ހަށިގަނޑުގެ އެކި ގުނަވަންތަކަށް ފެތުރިގެންފައިވާ ކެންސަރު ސެލްތަކަށް ހަމަލާދީ ބަލިކޮށްލާ ކީމޯތެރަޕީގެ ގޮތުގައެވެ.

ނަމަވެސް ސިނާއީ މޮލިކިއުލްގެ އާ ޖީލުގެ މޮލޮކިއުލްތައް އަމާޒުކުރާނީ، ސެލްގައިވާ ޕްރޮޓީންއަށެވެ. ވަކިން ހާއްސަކޮށް ކެންސަރު ސެލްތަކަށް އަމާޒުކުރުމުން، ދުޅަހެޔޮ ސެލްތަކަށް ލިބޭ ގެއްލުން އެތައް ގުނައެއް ކުޑަކޮށްދޭނެއެވެ. މި ފަރުވާގެ އެންމެ އީޖާބީ ސިފައަކަށްވާނީ، މި ފަރުވާގެ ސަބަބުން ބަލިމީހާ އުފުލަންޖެހޭ ވޭން، މިހާރު ދޭ ފަރުވާތަކާ އަޅައި ބަލާއިރު ވަރަށް ބޮޑަށް ކުޑަވެ، އެ ފަރުވާ ތަހައްމަލުކުރެވުމެވެ.

އެމެރިކާގެ ފައިޒާ ކުންފުނިން މިހާރު މަސައްކަތް ކުރަމުން އަންނަނީ، ކެންސަރަށް ފަރުވާ ކުރުމުގައި މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވޭ ފަދަ، ކުރިއަރާފައިވާ ކުދި މޮލިކިއުލްތަކެއް އުފެއްދުމަށެވެ. މިކަން ކާމިޔާބުވެއްޖެ ނަމަ، ކެންސަރާ ދެކޮޅަށް މިހާރު ބޭނުންކުރާ ފަރުވާތަކުން ކެންސަރު ސެލްތައް ރެކިގަތުން ހުއްޓުމަކަށް އަންނާނެ ކަމަށް ބެލެވެއެވެ.

ސައެންސްވެރިން ބުނާ ގޮތުގައި، ކުދިކުދި މޮލިކިއުލްތަކުގެ ފަރުވާގައި، ހަމަލާ ދޭނީ ކެންސަރު ސެލްތައް ހެދިބޮޑުވަމުންދާ ކަން ކަށަވަރުކަމާއެކު ދެނެގަނެވިފައިވާ ސެލްގެ ބޮނޑިވަރުތަކަށެވެ. އެ ގޮތުން ސައެންސްވެރިންގެ ފުރަތަމަ އަމާޒަކަށް ވާނީ އުރަމަތީ ކެންސަރާ ދެކޮޅަށް ބޭނުންކުރާނެ މޮލިކިއުލް ފަރުވާއެއް އީޖާދުކުރުމެވެ.

މިހާރު ސައެންސްވެރިން އީޖާދުކުރަމުން އަންނަ ކުދި މޮލިކިއުލްގެ އަނެއް ޖީލުގެ ފަރުވާ ތަރައްގީކުރުމުގެ މަރުހަލާ ކާމިޔާބުވެ، އެ ފަރުވާ ބޭނުންކުރުމުގެ ހުއްދަ ލިބިއްޖެ ނަމަ ދެ ގޮތަކަށް އެ ފަރުވާ ބޭނުންކުރެވިދާނެއެވެ. އެއް ގޮތަކީ، ކެންސަރާ ދެކޮޅަށް މިހާރު ބޭނުންކުރާ ބައެއް ބާވަތުގެ ބޭހާ އެކުގައި އެ ފަރުވާ ދިނުމެވެ. އަނެއް ގޮތަކީ އެހެން ބޭހެއް ބޭނުންނުކޮށް ހަމައެކަނި އެ ފަރުވާ ދިނުމެވެ.