Advertisement

މާޗު މަހުގެ ކުރިން އިތުރު 70 ރަށެއްގައި ޑޮލަރު އޭޓީއެމް ބަހައްޓާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

15 ނޮވެންބަރު 2025 - 14:15 3

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު ރަށެއްގައި ބެހެއްޓި އޭޓީއެމް އެއް ހުޅުވައިދެއްވަނީ: މާޗު މަހުގެ ކުރިން އިތުރު 70 ރަށެއްގައި ޑޮލަރު އޭޓީއެމް ބަހައްޓާނެ ކަމަށް މުއިއްޒު ރޭ ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް


މާޗު މަހުގެ ކުރިން އިތުރު 70 ރަށެއްގައި ޑޮލަރު އޭޓީއެމް ބަހައްޓާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

15 ނޮވެންބަރު 2025 - 14:15 3

އަންނަ މާޗު މަހުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ 70 ރަށެއްގައި ޑޮލަރު އޭޓީއެމް ބަހައްޓަން ނިންމާފައިވާކަން ރައީސް މުހައްމަދު މުއިއްޒު ރޭ އިއުލާނުކުރައްވައިފި އެވެ.

މުއިއްޒު މިކަން އިއުލާނުކުރެއްވީ އެމަނިކުފާނުގެ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ވެރިކަންކުރާ ޕީއެންސީ އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން، އިދިކޮޅުން އާދައިގެ ކަމެއްގެ ގޮތުގައި ސިފަކުރިޔަސް ރަށްރަށުގައި އޭޓީއެމް ބަހައްޓަނީ މާލެ އާއި ރަށްރަށް ތަފާތުކުރުން ހުއްޓުވުމަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެން ކަނޑައަޅާފަ މިވަނީ، މި އަންނަ އަހަރުގެ މާޗު މަހާއި ހަމައަށް ދާންވާއިރުގަ އިތުރު 70 ރަށުގަ ޑޮލަރު އޭޓީއެމް ބަހައްޓަން. އިތުރު 70 ރަށުގަ،" މުއިއްޒު ވިދާޅުވި އެވެ.

މީގެ ތެރޭގައި ހިމެނެނީ ގެސްޓްހައުސް ވިޔަފާރި ކުރިއަރާފައިވާ ރަށްރަށާއި އާބަން ސެންޓަރުތަކާއި އާބާދީގެ ގޮތުން 2،000 އިން މަތީގެ ހުރިހާ ރަށެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މި ސަރުކާރުން އޭޓީއެމް ބަހައްޓަމުން ދަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ގުޅިގެންނެވެ.

"މިއީ ހަމަހަމަ ކުރުމަކީ. ރައްޔިތުން ބާރުވެރިކުރުމަކީ މިއީ. ރައްޔިތުން ހަގީގީ މާނައިގަ ބާރުވެރިކުރަން އަޅުގަނޑުމެން މަސައްކަތް ކުރަނީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އަތޮޅު ތެރެއަށް ކުރައްވާ ދަތުރުތަކުގެ ތެރެއިން ކުރައްވާ މައިގަނޑު ކަމަކީ ގިނަ ރަށްރަށުގައި ބީއެމްއެލްގެ އޭޓީއެމް ހުޅުވަން ރިބަން ކެނޑުން ކަމަށް ބުނެ ކުރިމަތިވަމުންދާ ފާޑުކިޔުންތަކަށް އެމަނިކުފާނު މީގެ ކުރިން ވެސް ވަނީ ރައްދު ދެއްވައިފަ އެވެ.

އޮގަސްޓު މަހު ހދ. އަތޮޅަށް ކުރެއްވި ދަތުރުގެ ތެރެއިން ނެއްލައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އޭޓީއެމް ބެހެއްޓުމަކީ އާދައިގެ ކުޑަ ކަމެއް ނޫން ކަމަށެވެ.