Advertisement

މުއިއްޒު ވިދާޅުވީ ޕީއެންސީގެ އެއްވުމުގައި 13،000 މީހުން ބައިވެރިވާ ކަމަށް

14 ނޮވެންބަރު 2025 - 22:26 2

އަހުމަދު އާއިދު

އަހުމަދު އާއިދު

މިރޭގެ އެއްވުމުގެ ތެރެއިން ރައީސް މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ --- ފޮޓޯ: އަދަދު


މުއިއްޒު ވިދާޅުވީ ޕީއެންސީގެ އެއްވުމުގައި 13،000 މީހުން ބައިވެރިވާ ކަމަށް

14 ނޮވެންބަރު 2025 - 22:26 2

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ވެރިކަންކުރާ ޕީއެންސީ އިން މިރޭ ކުރިއަށް ގެންދާ އެއްވުމަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައި ބޭއްވި އެންމެ ބޮޑު، އެންމެ މީހުން ގިނަ އެއްވުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

އެއްވުމުގެ ބައިވެރިންނާއި ވާހަކަ ދައްކަން ފަށްޓަވައި މުއިއްޒު އެންމެ ފުރަތަމަ ވެސް އެ ތަނަށް އެއްވެ ތިބި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ، މިއީ ތާރީހީ އެއްވުމެއް ކަމަށް ވިދާޅުވި އެވެ.

"މި ބައްދަލުވުމަކީ. އަޅުގަނޑު ބަލައިލިއިރުގަ ރާއްޖޭގެ ސިޔާސީ ހަޔާތުގަ ބޭއްވޭ އެންމެ މީހުން ގިނަ ބައްދަލުވުން. މިވަގުތު ވެސް މިތަނުގައި 13،000 އަށްވުރެ ގިނަ ރައްޔިތުން އެބަތިބިކަމުގެ ޔަގީންކަން އަޅުގަނޑު މި އަރުވަނީ،" މުއިއްޒު ވިދާޅުވި އެވެ.

މި ރެކޯޑު ގާއިމުކުރުމަށްޓަކައި މިރޭގެ އެއްވުމުގައި ބައިވެރިވުމަށް މާލެއިންނާއި ރާއްޖެތެރެއިން އައި އެންމެނަށް މުއިއްޒު ވަނީ ތަކުރާރުކޮށް ޝުކުރާއި މަރުހަބާ ދަންނަވާފަ އެވެ.

މިރޭގެ އެއްވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ޕީއެންސީގެ ސަޕޯޓަރުންނާއި ސިޔާސީ މަގާމުތަކުގައި ތިބި މީހުން އަދި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ މާލެ އައިސްފަ އެވެ. އެ މީހުންނަށް ފައިސާ ބެހި ކަމުގެ ތުހުމަތުތައް ވެސް ސޯޝަލް މީޑިއާގައި އިދިކޮޅު ފަރާތްތަކުން ދަނީ ކުރަމުންނެވެ.

މި އެއްވުމާ ދިމާކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު އެކަނި 50 އަށްވުރެ ގިނަ ފްލައިޓު އެޅި އެވެ. އޭގެތެރޭގައި ހިމެނެނީ ގައުމީ އެއާލައިން މޯލްޑިވިއަން އާއި އަމިއްލަ ދެ އެއާލައިން ފްލައިމީ އަދި މަންޓާ އެއާގެ ފްލައިޓުތަކެވެ.

މީގެ ތެރެއިން ގިނަ ފްލައިޓުތަކަކީ ޕީއެންސީގެ ޖަލްސާއަށް މީހުން އުފުލުމަށް އަޅާ ފްލައިޓުތައް ކަމަށް މައުލޫމާތު ލިބެ އެވެ. ބައެއް ފްލައިޓުތަކަކީ ޖަލްސާއަށް މީހުން ގެނައުމަށް ހާއްސަކޮށްގެން އަޅާ ޗާޓަރު ފްލައިޓުތަކެވެ.

އިއްޔެ ވެސް ޕީއެންސީގެ ޖަލްސާއަށް މީހުން ގެނައުމަށް ޗާޓަރުކޮށްގެން ގިނަ ފްލައިޓުތަކެއް އެޅި އެވެ. އޭގެ ތެރޭގައި މޯލްޑިވިއަންގައި މިވަގުތު އޮތް އެންމެ ބޮޑު ބޯޓު، އެއާބަސް 330-200 އިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޗާޓަރު ދެ ފްލައިޓެއް އެޅި އެވެ. އެ ދެ ދަތުރުގައި އައްޑޫއިން 500 އަށްވުރެ ގިނަ މީހުން މާލެ އައި ކަމަށްވެ އެވެ.