Advertisement

ފުވައްމުލަކަށް ސާފު ފެން ނުލިބޭތީ އެމްޑީޕީގެ ކަންބޮޑުވުން

13 ނޮވެންބަރު 2025 - 16:22 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފުވައްމުލަކަށް ފެން ނުލިބޭތީ އެ ސިޓީގައި މުޒާހަރާކުރުން: އެމްޑީޕީން ވަނީ އެ ސިޓީއަށް ސާފު ފެން ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފައި -- ފޮޓޯ: ކިޔުންތެރިއެއް


ފުވައްމުލަކަށް ސާފު ފެން ނުލިބޭތީ އެމްޑީޕީގެ ކަންބޮޑުވުން

13 ނޮވެންބަރު 2025 - 16:22 0

ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ސާފު ފެން ނުލިބި، އެތައް ދުވަހެއް ވެގެންދާތީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ފުވައްމުލަކުގެ ފެނުގެ ނިޒާމަށް މައްސަލަ ޖެހެމުންދާކަން އެ ސިޓީގެ ކައުންސިލާއި ރައްޔިތުން ތަކުރާރުކޮށް ބުނަމުންދިޔައިރު ވެސް ސަރުކަރުގެ ކަމާބެހޭ އިދާރާތަކާއި ފެނަކަ ކޯޕަރޭޝަނުން އެކަމަށް ދޭން ޖެހޭ ސަމާލުކަން ދީފައި ނުވާ ކަމަށެވެ.

ސަރުކާރުން ފެންނަނީ އަސާސީ ހިދުމަތްތައް މެދުކެނދި އެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަން ޖެހޭ ހަރަދުތައް ކުރުމުގެ ބަދަލުގައި، އެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ބަޖެޓުން ސަރުކާރު ހިންގާ ޕާޓީ ޕްރޮމޯޓްކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދާ ތަން ކަމަށް އެ ޕާޓީން ބުންޏެވެ.

އެ ޕާޓީން ބުނީ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ރައްޔިތުން ތަހައްމަލުކުރަން ޖެހޭ ދަތިތަކަކީ ކުރިއާލާ އެކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުނު ނަމަ ތަހައްމަލު ނުކޮށް ވާނެ ދަތިތަކެއް ކަމަށެވެ.

މީގެއިތުރުން ފެނުގެ ހިދުމަތް ވަކި ވަގުތެއްގައި ލިބޭނެކަމަށް ސަރުކާރުން ބުނެ، އެ ވަގުތައް ހިދުމަތް ނުލިބުމަކީ ސަރުކާރުގެ ނާގާބިލްކަން ހާމަވާ، އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް މިހާރުވެސް ދިމާވެފައިވާ ދަތިޙާލު އިތުރަށް ބޮޑުވާ ކަމެއް ކަމަށް އެ ޕާޓީން ބުންޏެވެ.

އެމްޑީޕީން ވަނީ ވީހާވެސް އަވަހަށް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ސާފު ފެން ލިބޭނެ އިންތިޒާމު ހަމަޖައްސައިދީ، ފެނުގެ ހިދުމަތް މެދުކެނޑޭނެކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ގޮވާލާފަ އެވެ.

ފެނަކަ އާ ހަވާލާދީ ފުވައްމުލަކު ގޭގެއަށް މިހާރު ފެން ލިބޭނެ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކުރުމުން މި ނޫހުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހް ވިދާޅުވީ ފެން ދޫކުރަން މިހާރު ފަށާފައިވާ ކަމަށާއި ފެން ދޫކުރަން ޖެހެނީ ކޮންމެ ގެއަކަށް ވަކިން ގޮސްގެން ކަމުން އެކަމަށް ވަގުތު ނަގާނެ ކަމަށެވެ.

ނަޖާހު މިހެން ވިދާޅުވީ ނަމަވެސް، މި ނޫހުން މިހާތަނަށް ސުވާލުކުރި ފުވައްމުލަކުގެ 20 އަށް ވުރެ ގިނަ ގޭބިސީތަކަށް އަދިވެސް ފެން ނުލިބެ އެވެ.

އާބާދީގައި 10،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ފުވައްމުލަކުގައި 150 އަށް ވުރެ ގިނަ ޓޫރިސްޓުން ވެސް އެބަ ތިއްބެވެ. އެ ރަށަކީ ރާއްޖޭގައި ލޯކަލް ޓޫރިޒަމް އެންމެ ކުރިއަރާފައިވާ އެއް ރަށެވެ.