Advertisement

ހިއްކަން ފެށިތާ 22 މަސް ފަހުން މުއިއްޒު އަލުން ރަސްމާލެއަށް، އަދި 20 ޕަސެންޓު ވެސް ނުހިއްކޭ

12 ނޮވެންބަރު 2025 - 21:08 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު އާއި ވަޒީރުން އަދި ކުންފުނިތަކުގެ ވެރިން ރަސްމާލެ ސަރަހައްދު ބައްލަވާލައްވަނީ --- ފޮޓޯ: ރައީސް އޮފީސް


ހިއްކަން ފެށިތާ 22 މަސް ފަހުން މުއިއްޒު އަލުން ރަސްމާލެއަށް، އަދި 20 ޕަސެންޓު ވެސް ނުހިއްކޭ

12 ނޮވެންބަރު 2025 - 21:08 0

މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ މާލެ އަތޮޅު ފުށިދިއްގަރުފަޅު ހިއްކައިގެން ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއުގެ ބިން ހިއްކަން ފެށިތާ 22 މަސް ދުވަސް ފަހުން ރައީސް މުހައްމަދު މުއިއްޒު އެ ސަރަހައްދަށް މިއަދު ވަޑައިގެންފި އެވެ.

މުއިއްޒު އާއި ވަޒީރުން އަދި ސަރުކާރުގެ ވެރިންނާއި އެސްއޯއީތަކުގެ ވެރިންގެ އިތުރުން ސިޔާސީ މަގާމުތަކުގައި ތިބި ގިނަ ބަޔަކު ހިމެނޭ ފައުޖަކުން ރަސްމާލެއަށް ޒިޔާރަތްކުރީ މިއަދު ހަވީރު އެވެ. ރައީސް އޮފީހުން ބުނީ މުއިއްޒު އެ ސަރަހައްދަށް ވަޑައިގެން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވި ކަމަށެވެ.

ޑިސެމްބަރު 18، 2023، ގައި މަސައްކަތް ފަށައި ޖުމްލަ އަށް މަހުން ހިއްކަން ބުނި ރަސްމާލެ ހިއްކުމުގެ މަޝްރޫއުގައި ހިމެނެނީ ޖުމްލަ 1153 ހެކްޓަރުގެ ބިމެވެ. ވޭތުވެދިޔަ 22 މަސްދުވަހުގެ ތެރެއިން ބޮޑު ބައެއް ވޭތުވީ ރަސްމާލެ ބިން ހިއްކުމުގެ އެއްވެސް މަސައްކަތެއް ނުކޮށެވެ. ރަސްމާލެ ހިއްކަން ފެށި ދުވަހު ވެސް މުއިއްޒު އެތަނަށް ވަޑައިގެންނެވި އެވެ.

ސެންޓިނެލް-2 ސެޓެލައިޓުން އެންމެ ފަހުން ނަގާފައިވާ ފޮޓޯތަކުން އެނގޭ ގޮތުން، ރަސްމާލެއިން މިހާތަނަށް ހިއްކިފައިވަނީ 200 އެއްހާ ހެކްޓަރުގެ ބިމެވެ. އެއީ ފުރަތަމަ ހިއްކި ސައިޓު ޖޭ ގެ 29 ހެކްޓަރާއި ސައިޓު ސީގެ 63 ހެކްޓަރާއި ސައިޓު އެލް ގެ 115 އެއްހާ ހެކްޓަރެވެ. މި ބިންތައް އެއްކޮށްލުމުން މިހާތަނަށް ހިއްކުނީ ޖުމްލަ ބިމުގެ 18 ޕަސެންޓެވެ.

ރަސްމާލެ މަތިންއިއްޔެ ނަގާފައިވާ ސެޓްލައިޓް ފޮޓޯއެއް --- ފޮޓޯ: ސެންޓިނެލް 2


ސަރުކާރުން ރަސްމާލެ ހިއްކުން ފުރަތަމަ ހަވާލުކުރީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އާ އެވެ.

ބިން ހިއްކުމުގެ ބަދަލުގައި ދިގު މުއްދަތަށް ބިންތަކެއް ލިބޭ ގޮތަށް ފެށި މަސައްކަތް ހުއްޓި ފުރަތަމަ ހެދި އެއްބަސްވުން މިހާރު ވަނީ ބާތިލުކޮށްފަ އެވެ. އެއަށްފަހު މަސައްކަތް މަޑުޖެހި، އެއްބަސްވުން ބާތިލުކުރަން ނިންމީ ސަރުކާރުންނެވެ.

މަޝްރޫއު އިތުރަށް ކުރިއަށް ގެންދިއުމަށް، އެޗްޑީސީ އިން ބޮޑު ލޯނެއް ނަގައިގެން ބިން ހިއްކުމުގެ މަސައްކަތް މިހާރު ހަވާލުކޮށްފައިވަނީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމްއީ) އަދި ޗައިނާގެ ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއާރުސީސީ) އަދި ސީއެޗްއީސީ އާ އެވެ.

ދައުލަތުން އެއްވެސް ހަރަދެއް ނުކޮށް ހިއްކާ ނިންމާނެ ކަމަށް މުއިއްޒު ވިދާޅުވި މި މަޝްރޫއަށް ދައުލަތުގެ ރިޒާވް ބޭނުންކޮށްގެން ނަމަވެސް ހިއްކުމަށްޓަކައި ދައްކަންޖެހޭ އެޑްވާންސް ޕޭމަންޓު ދައްކަން އެމަނިކުފާނު ނިމިދިޔަ އޯގަސްޓު މަހުގެ ތެރޭގައި އެންގެވި އެވެ.

ރަސްމާލެ ހިއްކަން ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ސަރުކާރުގެ ތިން ކުންފުންޏެއް މެދުވެރިކޮށް 600 މިލިއަން ޑޮލަރުގެ ލޯނު ނަގަން ނިންމާފައިވާކަން ވެސް ވަނީ ހާމަވެފަ އެވެ.

އެކަންކަން އެނގިފައިވަނީ ރަސްމާލެ މަޝްރޫއަށް ފައިސާ ހޯދުން އަވަސްކުރަން އެދި ރައީސް އޮފީހުން ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީ އަކުންނެވެ.

ރަސްމާލެ ހިއްކާ ސަރަހައްދަށް މުއިއްޒު މިއަދު ވަޑައިގެންނެވިއިރު، އެމަނިކުފާނު އިއްޔެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، އެ ސަރަހައްދުން މާލޭގެ ރައްޔިތުންނަށާއި ރަށްވެހިންނަށް އެ 15،000 ގޯތި ދޭން ހުޅުވާލާނެ ކަމަށް އިއުލާނުކުރެއްވި އެވެ.

"އާދެ ރަސްމާލެއިން އަޅުގަނޑުމެން މި ހިއްކާ ބިމުން ފުރަތަމަ ބުރުގައި އަޅުގަނޑުމެން މި އަންނަ އަހަރު، ކުރިއަށް އޮތް ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ހިއްކޭނެ ބިމުގައި 15،000 ގޯތި ދިނުމަށްޓަކައި އަޅުގަނޑުމެން މި ހުޅުވާލަނީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ފުރަތަމަ ބުރުގައި ރަސްމާލެއިން ގޯތިތައް ދޭނީ 18 އަހަރުން މަތީގެ މީހުންނަށް އަމާޒުކޮށްގެން އެކަމަށް އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ފުރަތަމަ ލިބޭނެ ނިޒާމުގެ ތެރެއިން އާއިލީ ބޯހިޔާވެހިކަމުގެ ކޮންސެޕްޓުގެ ދަށުން ކަމަށެވެ.