11 ނޮވެންބަރު 2025 - 14:45 1
އަހުމަދު އާއިދު
ފުވައްމުލަކުގައި ފެން ބަހަން ސިފައިން ހަރަކާތްތެރިވަނީ: ފުވައްމުލަކުން ފެން ކަނޑާލިތާ 24 ގަޑިއިރު ވަނީ ވެފަ ---- ފޮޓޯ: ކިޔުންތެރިއެއް
11 ނޮވެންބަރު 2025 - 14:45 1
ފުވައްމުލަކުގެ ފެނުގެ ނިޒާމަށް ބޮޑެތި މައްސަލަތަކެއް ދިމާވެ، ފެން ތަޣައްޔަރު ވުމާ ގުޅިގެން މުޅި ރަށުން ފެނުގެ ހިދުމަތް މެދުކަނޑާލިތާ 24 ގަޑިއިރު ވެގެން ދިޔައިރު ވެސް މައްސަލަ ހައްލު ނުކުރެވިގެން މާލެއިން ފެން ގެންދަން ޖެހިއްޖެ އެވެ.
ރަށުގައި ދިރިއުޅޭ އާބާދީ ގާތްގަނޑަކަށް 10،000 އަށް އަރާފައިވާ ފުވައްމުލަކުން ފެނުގެ ހިދުމަތް އިއްޔެ މެންދުރު މެދުކަނޑާލީ، ބޭނުންކުރަން ރައްކާތެރި ނޫން މިންވަރަކަށް ފެން ތަޣައްޔަރުވިކަން ލެބޯޓަރީ ޓެސްޓުތަކުން ދެއްކުމާއި ފެނުގެ ނިޒާމުގައި ބޮޑު ލީކެއް އުޅޭތީ އެވެ.
މިއާއެކު އެ ރަށުގައި ދިރިއުޅޭ ރައްޔިތުން ވަނީ ފިހާރަތަކުގައި ހުރި ފެނުގައި ބަންދުކޮށްފައިވާ ފެން ގަނެ ހުސްކޮށްފަ އެވެ. އެހެންވެ، އެރަށުގައި ފެނަށް ޖެހިފައިވާ މައްސަލަ ހައްލުކުރަން ސަރުކާރުން މިހާރު ވަނީ މާލެއިން ފެން އުފުލަން ފަށައިފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ކުރި ޕޯސްޓެއްގައި ވިދާޅުވީ ވައިގެ މަގުން މިހާތަނަށް ޖުމްލަ 2،800 ފެން ކޭސް ފުވައްމުލަކަށް ގެންދެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ފަސް ލީޓަރުގެ 500 ކޭހާއި، 1.5 ލީޓަރުގެ 1،300 ކޭސް އަދި 500 މިލިލީޓަރުގެ 1،000 ކޭސް ފެނެވެ. އިތުރު ކޭސްތައް ގެންދަން ހަމަޖެހިފައިވާ ކަމަށް ވެސް ހީނާ ބުންޏެވެ.
މީގެ ތެރެއިން މިހާތަނަށް 1،200 ފެން ކޭސް ރައްޔިތުންނަށް ހަވާލުކުރެވިފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ.
ފުވައްމުލަކުން މައުލޫމާތު ދިން މީހުން ބުނާ ގޮތުގައި ފެން ބެހުމުގެ މަސައްކަތް ފުރަތަމަ ކުރަމުން ދިޔައީ އެ ރަށުގައި ހުންނަ އެމްއެންޑީއެފް ގެ އިމާރާތުންނެވެ. ނަމަވެސް، އެ ސަރަހައްދުގައި ދިގު ކިޔުއެއް ހެދި، ގިނަ ބަޔަކު ޖަމާވުމުން ސިފައިން މިހާރު ދަނީ ޕިކަޕުތަކުގައި ގޭގެޔަށް ފެން ފޯރުކޮށްދެމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުވައްމުލަކުގައި ފެން ބެހުމަށް އައްޑޫގައި ތިބި ސިފައިން ވެސް މިހާރު ވަނީ އެ ރަށަށް ގޮސްފަ އެވެ.
ހީނާގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ ތަޣައްޔަރުވެފައިވާ ފުވައްމުލަކު ފެނުގެ ނިޒާމު ސާފުކުރުމަށް އެމްއެފްޑީއޭއާއި އެޗްޕީއޭގެ އިރުޝާދާއެކު މުޅި ޕައިޕްލައިން ކަނޑައެޅިފައިވާ ސްޓެންޑަޑާ އެއްގޮތްވާ ގޮތުގެ މަތިން ޑިސްއިންފެކްޓްކޮށް، ތާނގީތައް ސާފުކޮށް، ފްލަޝްކޮށް، ފެން އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ރޭ ނެރުނު ބަޔާނުގައި ވަނީ އެ ރަށުގެ ފެނުގެ ހިދުމަތަށް ދިމާވަމުންދާ މައްސަލަތައް "ސަރުކާރުގެ ހުރިހާ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނެވުނު" ކަމަށެވެ. އެގޮތުން އެންމެ ފަހުން، މި ހިނގާ ނޮވެމްބަރު 4، ގައި ރައީސް މުހައްމަދު މުއިއްޒު ފުވައްމަލަކަށް ކުރެއްވި ދަތުރުގައި ވެސް ރަށުގެ ފެނުގެ މައްސަލަ އަށް އަވަސް ހައްލެއް ހޯދައި ދިނުމަށް ކައުންސިލުން އެދުނު ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
އޭގެ ކުރިން، ފުވައްމުލަކު ފެނަކަ ބްރާންޗުން ފާހަގަކުރި މައްސަލަތައް ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތަކުގެ ސަމާލުކަމަށް ވެސް ގެނެސް، މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން ދިޔަ އެވެ.
ފުވައްމުލަކުގެ ފެން ތަޣައްޔަރުވެފައިވާކަން އެނގުނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މި މަހުގެ ހަތަރު ވަނަ ދުވަހު ނެގި ފެނުގެ ސާމްޕަލްތައް ޓެސްޓުކުރުމުން ކަމަށް އަދަދު ނޫހަށް އެނގިފައިވެ އެވެ.
Comment