Advertisement

ފުވައްމުލައް ފެނަށް ޖެހުމަކީ ބޮޑު އިހުމާލެއް ކަމަށް ވިދާޅުވެ އެކަން ހައްލުކޮށްދޭން ފައިސަލް ގޮވާލައްވައިފި

11 ނޮވެންބަރު 2025 - 14:03 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް: ފައިސަލް ވިދާޅުވީ ފުވައްމުލައް ފެނަށް ޖެހުމަކީ ބޮޑު އިހުމާލެއް ކަމަށް --- ފޮޓޯ: އަދަދު


ފުވައްމުލައް ފެނަށް ޖެހުމަކީ ބޮޑު އިހުމާލެއް ކަމަށް ވިދާޅުވެ އެކަން ހައްލުކޮށްދޭން ފައިސަލް ގޮވާލައްވައިފި

11 ނޮވެންބަރު 2025 - 14:03 1

ފުވައްމުލަކުގެ ފެން ތަޣައްޔަރުވުމާއި، ފެނުގެ ނިޒާމަށް ބޮޑެތި ގެއްލުންތަކެއްވެ އެ ސިޓީ ފެނަށް ޖެހުމަކީ ސަރުކާރުގެ ބޮޑު އިހުމާލެއް ކަމަށް ވިދާޅުވެ، ފުވައްމުލަކު ފެނުގެ މައްސަލަ ހައްލުކުރަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފި އެވެ.

ރަށުގައި ދިރިއުޅޭ އާބާދީ ގާތްގަނޑަކަށް 10،000 އަށް އަރާފައިވާ ފުވައްމުލަކުން ފެނުގެ ހިދުމަތް އިއްޔެ މެންދުރު މެދުކަނޑާލީ، ބޭނުންކުރަން ރައްކާތެރި ނޫން މިންވަރަކަށް ފެން ތަޣައްޔަރުވިކަން ލެބޯޓަރީ ޓެސްޓުތަކުން ދެއްކުމާއި ފެނުގެ ނިޒާމުގައި ބޮޑު ލީކެއް އުޅޭތީ އެވެ.

ފުވައްމުލަކަށް ނިސްބަތްވާ ފައިސަލް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުން އެންމެ އަސާސީ އެއް ހިދުމަތްކަމުގައިވާ ރައްކާތެރި ސާފު ބޯފެން ލިބުމުން މަހުރޫމްވެފައި ތިބެން ޖެހުން މިފަދަ ޒަމާނެއްގައި އެއްގޮތަކަށް ވެސް ބަލައިނުގަނެވޭނެ ކަމަށެވެ.

"ވީ އެންމެ އަވަހަކަށް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުކޮށްދެއްވުމަށް ކަމާއި ބެހޭފަރާތްތަކާއި ސަރުކާރަށް ގޮވާލަން،" ފައިސަލް ލިޔުއްވާފައިވެ އެވެ.

ފެނުގެ ނިޒާމަށް މައްސަލަ ޖެހެމުން، ފެން ކަނޑަމުން ގޮސް މުޅިން ފެނުގެ ހިދުމަތް މެދުކެނޑޭ ހާލަތަށް ދިޔުމަކީ ވަރަށް ބޮޑު އިހުމާލެއް ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

"މިސިޓީ އިން ފެނުގެ ހިދުމަތް މެދުކެނޑި ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ކައުންސިލަށް ލިބެމުންދާތީ، ފެނަކަ އާއެކު ކައުންސިލުން މިރޭ [ރޭ] ގެ ވަގުތެއްގައި ބޭއްވުނު ބައްދުލުވުމުގައި އެ ބޭފުޅުން ހިއްސާ ކުރެއްވި މައުލޫމާތައް ބަލާއިރު ފެނުގެ ހިދުމަތް އަލުން ފޯރުކޮށްދިނުމަށްޓަކައި މަދުވެގެން ދެ ދުވަސް ވާނެކަމަށް ލަފާކުރެވޭ،" ފުވައްމަލަކު ކައުންސިލުގެ ބަޔާނުގައިވެ އެވެ.

ކައުންސިލްގެ ބަޔާނުގައި ވަނީ އެ ރަށުގެ ފެނުގެ ހިދުމަތަށް ދިމާވަމުންދާ މައްސަލަތައް "ސަރުކާރުގެ ހުރިހާ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނެވުނު" ކަމަށެވެ. އެގޮތުން އެންމެ ފަހުން، މި ހިނގާ ނޮވެމްބަރު 4، ގައި ރައީސް މުހައްމަދު މުއިއްޒު ފުވައްމަލަކަށް ކުރެއްވި ދަތުރުގައި ވެސް ރަށުގެ ފެނުގެ މައްސަލަ އަށް އަވަސް ހައްލެއް ހޯދައި ދިނުމަށް ކައުންސިލުން އެދުނު ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ ކުރިން، ފުވައްމުލަކު ފެނަކަ ބްރާންޗުން ފާހަގަކުރި މައްސަލަތައް ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތަކުގެ ސަމާލުކަމަށް ވެސް ގެނެސް، މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން ދިޔަ އެވެ.

ފުވައްމުލަކުގެ ފެން ތަޣައްޔަރުވެފައިވާކަން އެނގުނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މި މަހުގެ ހަތަރު ވަނަ ދުވަހު ނެގި ފެނުގެ ސާމްޕަލްތައް ޓެސްޓުކުރުމުން ކަމަށް އަދަދު ނޫހަށް އެނގިފައިވެ އެވެ.

ފެން ތަޣައްޔަރުވާން މެދުވެރިވި ސަބަބަކީ މައި ހޮޅިއެއްގައި ބޮޑު ލީކެއް އުޅުމުގެ ސަބަބުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފައިވެ އެވެ. އަދި އެ ކޯޕަރޭޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ފެން ތަޣައްޔަރުވުމުގެ ސަބަބުން، ފެނުގެ ނެޓްވޯކް ސާފުކުރަން މިހާރު ގިނަ އަދަދަކަށް ކްލޮރިން އަޅަމުންދާ ކަމަށެވެ.