11 ނޮވެންބަރު 2025 - 11:38 0
އަހުމަދު އާއިދު
ރައީސް މުހައްމަދު މުއިއްޒު ބިލެއް ތަސްދީގުކުރައްވަނީ: އެސްއީޒެޑެއްގައި ތަރައްގީކުރާ ޓައުންޝިޕުތަކަށް ޓެކްސް ލުއިތައް ލިބޭ އިސްލާހު ތަސްދީގުކޮށްފި ---- ފޮޓޯ: ރައީސް އޮފީސް
11 ނޮވެންބަރު 2025 - 11:38 0
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ސަރަހައްދުތަކުގައި ތަރައްގީކުރާ ސަސްޓެއިނެބަލް ޓައުންޝިޕުތަކަށް ޓެކްސް ލުއި ލިބޭނެހެން ސަރުކާރުން ހުށަހަޅާ ރައްޔިތުންގެ މަޖިލީހުން ފާސްކުރި، އެސްއީޒެޑު ގާނޫނަށް ގެނައި ފުރަތަމަ އިސްލާހު ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފި އެވެ.
ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު، އިބްރާހިމް ޝުޖާއު އެވެ. ބިލުގެ މަސައްކަތް މަޖިލީހުން ނިންމާލީ ވަރަށް އަވަސް އަރުވާލައިގެންނެވެ. އެގޮތުން އެއް ދުވަހުގެ ތެރޭ ކޮމިޓީ މަސައްކަތް ނިންމާ، ބިލު މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހު އެވެ.
މި އިސްލާހުގައި ހިމެނޭ ކަންކަމުގެ ތެރެއިން އިދިކޮޅުން އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ޓައުންޝިޕްތަކަށް ލިބޭ ޓެކްސް ލުއިތަކެވެ.
އެގޮތުން ދިގު މުއްދަތަށް ވިއްކާ ވިލާތަކަށް ފައިސާ ދެއްކުމުގައި ޕްރޮޕަޓީ ޓެކްސް ކުޑަކުރުމާއި އާމްދަނީން ނަގާ ޓެކްސް ކުޑަކުރުން ހިމެނެ އެވެ. އިސްލާހުގައިވާ ގޮތުން އާމްދަނީން ނަގާ ޓެކްސް ގާނޫނުގައި ބުނާ ވަރަށް ނަގަން ފަށަނީ 21 އަހަރު ފަހުންނެވެ.
މީގެ އިތުރުން އެސްއީޒެޑުގައި ޓައުންޝިޕް ތަރައްގީކުރަން އެތެރެކުރާ މުދަލުގެ ޑިއުޓީ މައާފުކުރުމާއި ޓައުންޝިޕުގައި ތަރައްގީކުރާ ރެސިޑެންޝަލް ވިލާ ވިއްކައިގެން ލިބޭ ފައިސާއިން ޓެކްސް ނެގުން ވެސް މި އިސްލާހާއެކު އިސްތިސްނާ ވާނެ އެވެ.
އިސްލާހުގައި ވާގޮތުން ސަސްޓެއިނެބަލް ޓައުންޝިޕްއެއް ތަރައްގީ ކުރުމަށް ހުއްދަ ދެވޭނީ:
މި އިސްލާހުގެ ބަހުސްގައި ވާހަކަދައްކަވަމުން ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު ޝަމްހީދު ވިދާޅުވީ، މިއީ ވަކި ބަޔަކަށް މަންފާ ހޯދައިދީ ބޭރު މީހުންނަށް ރާއްޖޭގެ ބިން ހިލޭ ލިބޭގޮތް ހަދަން ގެނައި އިސްލާހެއް ކަމަށް ވިދާޅުވެފަ އެވެ.
"މި ހުށަހެޅިފައިވާ ބިލަކީ ވަރަށް ބޮޑު އޮޅުވައިލުމުގެ ތެރެއިން ބަކި ބަޔަކަށް މަންފާ ހޯދައިދިނުމުގެ ގޮތުން ހުށަހެޅިފައިވާ ބިލެއް، އަޅުގަނޑު މިއަދު ދައްކައިލަން ބޭނުން ހަގީގަތުގައި މި ޓައުންޝިަޕަކީ ނޫނު އަތޮޅުގައި މިހާރު ހެދެމުންދާ ރިސޯޓެއް، 11 ރަށް މިހާރު ވަނީ ހިއްކިފައި، މިތަން ސަރުކާރުގެ ތެރެއިން ބަޔަކު ބޭނުންވަނީ މިތަން ސްޕެޝަލް އިކޮނޮމިކް ޒޯނަކަށް ހަދާފައި ޓެކްސްއިން މިތަން ބަރީއަކޮށްދޭން،" ޝަމްހީދު ވިދާޅުވި އެވެ.
ޝަމްހީދުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް ވަނީ، މި އިސްލާހާއެކު ޓޫރިޒަމް އިންޑަސްޓްރީއަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ކަންބޮޑުވުން ފާޅުކޮށް ފައްޔާޒު އެކްސްގައި ވިދާޅުވީ މިއީ ޓޫރިޒަމަށް ދެވޭ ބޮޑު ގެއްލުމެއްގެ އިތުރުން ދައުލަތަށް ލިބެން އޮތް ވަރަށް ބޮޑު އާމްދަނީއެއް ގެއްލިގެންދާނެ ކަމެއް ކަމަށެވެ. މި ސަރުކާރުން ސަސްޓެއިނެބަލް ޓައުންޝިޕަކަށް ބަދަލުކުރާ ޕްރޮޖެކްޓަކީ އެމްޑީޕީގެ ސަރުކާރުގައި ޑިސެމްބަރު 2022، ގައި ގެނައި ޕްރޮޖެކްޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ޕްރޮޖެކްޓު ގެނައީ އެއްވެސް ލުއިތަކެއް ދޭ ގޮތަކަށް ނޫން. އެންމެ ޕްރޮޖެކްޓަކަށް ބޭއިންސާފުން ލުއި ދިނުމަކީ ސަރުކާރުގެ މަގްސަދާއި މެދު ޝައްކު އުފެދޭ ކަމެއް. ނ. އަތޮޅުގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް އިންވެސްޓަރުން ހޯދަން ޓެކްސް ލުއިތަކެއް ދޭން ނުޖެހޭ،" ފައްޔާޒު ވިދާޅުވި އެވެ.
ޓޫރިޒަމްގެ ގާނޫނަށް ޖޫން 19، 2023 ގައި ހުށަހެޅި އިސްލާހުގައި ޓޫރިޒަމްގެ ހުރިހާ ރިއަލް ސްޓޭޓް މުއާމަލާތަކުން ހަތަރު ޕަސެންޓު ޓެކުހެއް ދައްކަން ޖެހޭ ގޮތަށް އޮތް ނަމަވެސް މި ސަރުކާރުން ނޮވެމްބަރު 2023، ގައި އެ އިސްލާހު އަނބުރާ ގެންގޮސްފައިވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment