11 ނޮވެންބަރު 2025 - 10:25 2
އަހުމަދު އާއިދު
ތޮއިބާ މިސްކިތަށް ދީފައިވާ ގެއްލުންތައް --- ފޮޓޯ: ކިޔުންތެރިއެއް
11 ނޮވެންބަރު 2025 - 10:25 2
މާފަންނުގައި ހުންނަ ތައިބާ މިސްކިތުގެ ބިއްލޫރިގަނޑުތައް ތަޅާލައި މިސްކިތަށް ގެއްލުން ދިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ތައިބާ މިސްކިތުގެ ކުޑަދޮރުތަކުގެ ބިއްލޫރިތައް ތަޅާލި މައްސަލަ ފުލުހަށް ރިޕޯޓުކުރީ މިއަދު ހެދުނު 7:00 ހާއިރު އެވެ.
ކިޔުންތެރިޔަކު މި ނޫހަށް ފޮނުވި ފޮޓޯތަކަކުން ފެންނަ ގޮތުގައި މިސްކިތުގެ އެކި ދިމާލުގައި ހުރި ކުޑަދޮރުތައް ވަނީ ތަޅާލާފަ އެވެ. ބިއްލޫރިތައް ތަޅާލަން ބޭނުންކޮށްފައިވަނީ ގާބުރި ތަކެކެވެ. އެ ތަކެތި މިސްކިތުގެ ތެރޭގައި ހުރި ތަން ފެންނަ ފޮޓޯއެއް ވެސް ލިބިފައިވެ އެވެ.
މި މައްސަލާގައި، ފުލުހުން ވަނީ ކުށުގެ ވެށިން ދިވެހި ޒުވާނަކު ހައްޔަރުކޮށްފަ އެވެ. އެއީ ގއ. ގެމަނަފުށި، އައްޑަނަ، މުހައްމަދު މުތީއު ހަސަން، 24، އެވެ. އޭނާ ހައްޔަރުކުރީ މިސްކިތަށް ގެއްލުން ދިނުމަށްފަހު އެ ސަރަހައްދުން ނުދެވި އުޅެނިކޮށެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ. މިއީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގައި ގެއްލުން ދިން ދެވަނަ މިސްކިތެވެ.
އެގޮތުން އިއްޔެ ހަވީރު އައްޑޫ ސިޓީ ހިތަދޫ ގެ މިސްކިތެއްގައި ހުރި ބައެއް ތަކެއްޗަށްށާއި މިސްކިތަށް ގެއްލުން ދީފައިވެ އެވެ. މި މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި މިސްކިތުގައި ހުރި ނަމާދުކުރާ ގޮނޑިތަކާއި ފަންކާތައް އަދި އެހެނިހެން ތަކެއްޗަށް ވަނީ ގެއްލުންދީފަ އެވެ. އަދި މިސްކިތުގެ ތެރެއަށް އެ ތަކެތި އުކާލާފައި ހުރި ތަން ވެސް ފެނެ އެވެ.
Comment