11 ނޮވެންބަރު 2025 - 06:47 1
އަހުމަދު އާއިދު
ފުވައްމުލަކުން ފެނުގެ ހިދުމަތް މެދުކެނޑުމާއެކު ފެން ގަތުމަށް ރޭ އެރަށުގެ ފިހާރައެއްގައި ކިޔޫ ހަދާފައި. -- ފޮޓޯ: ހުރިހާ ނޫސް
11 ނޮވެންބަރު 2025 - 06:47 1
ފުވައްމަލަކުގެ ފެނުގެ ނިޒާމު ތަޣައްޔަރުވެގެން މުޅި ރަށުން ފެނުގެ ހިދުމަތް މެދުކަނޑާލާފައި ވާއިރު، މައްސަލަ ހައްލުކޮށް ހިދުމަތް އަލުން ފަށަން ދެ ދުވަސް ނަގާނެ ކަމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލާދީ ފުވައްމުލައް ސިޓީ ކައުންސިލުން ބުނެފި އެވެ.
ރަށުގައި ދިރިއުޅޭ އާބާދީ ގާތްގަނޑަކަށް 10،000 އަށް އަރާފައިވާ ފުވައްމުލަކުން ފެނުގެ ހިދުމަތް އިއްޔެ މެންދުރު މެދުކަނޑާލީ، ބޭނުންކުރަން ރައްކާތެރި ނޫން މިންވަރަކަށް ފެން ތަޣައްޔަރުވިކަން ލެބޯޓަރީ ޓެސްޓުތަކުން ދެއްކުމުންނެވެ.
"މިސިޓީ އިން ފެނުގެ ހިދުމަތް މެދުކެނޑި ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ކައުންސިލަށް ލިބެމުންދާތީ، ފެނަކަ އާއެކު ކައުންސިލުން މިރޭ [ރޭ] ގެ ވަގުތެއްގައި ބޭއްވުނު ބައްދުލުވުމުގައި އެ ބޭފުޅުން ހިއްސާ ކުރެއްވި މައުލޫމާތައް ބަލާއިރު ފެނުގެ ހިދުމަތް އަލުން ފޯރުކޮށްދިނުމަށްޓަކައި މަދުވެގެން ދެ ދުވަސް ވާނެކަމަށް ލަފާކުރެވެ އެވެ،" ފުވައްމަލަކު ކައުންސިލުގެ ބަޔާނުގައިވެ އެވެ.
ކައުންސިލްގެ ބަޔާނުގައި ވަނީ އެ ރަށުގެ ފެނުގެ ހިދުމަތަށް ދިމާވަމުންދާ މައްސަލަތައް "ސަރުކާރުގެ ހުރިހާ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނެވުނު" ކަމަށް ބަޔާނުގައިވެ އެވެ. އެގޮތުން އެންމެ ފަހުން، މި މަހުގެ 4 ވަނަ ދުވަހު ރައީސް މުހައްމަދު މުއިއްޒު ފުވައްމަލަކަށް ކުރެއްވި ދަތުރުގައި ވެސް ރަށުގެ ފެނުގެ މައްސަލަ އަށް އަވަސް ހައްލެއް ހޯދައި ދިނުމަށް ކައުންސިލުން އެދުނު ކަމަށް ބަޔާނުގައިވެ އެވެ.
އޭގެ ކުރިން، ފެނަކަ ފުވައްމުލައް ބްރާންޗުން ފާހަގަކުރި މައްސަލަތައް ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތަކުގެ ސަމާލުކަމަށް ވެސް ގެނެސް، މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން ދިޔަ އެވެ.
ފުވައްމުލަކުގެ ފެން ތަޣައްޔަރުވެފައިވާކަން އެނގުނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މި މަހުގެ ހަތަރު ވަނަ ދުވަހު ނެގި ފެނުގެ ސާމްޕަލްތައް ޓެސްޓުކުރުމުން ކަމަށް އަދަދު ނޫހަށް އެނގިފައިވެ އެވެ.
ފެން ތަޣައްޔަރުވާން މެދުވެރިވި ސަބަބަކީ މައި ހޮޅިއެއްގައި ބޮޑު ލީކެއް އުޅުމުގެ ސަބަބުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފައިވެ އެވެ. އަދި އެ ކޯޕަރޭޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ފެން ތަޣައްޔަރުވުމުގެ ސަބަބުން، ފެނުގެ ނެޓްވޯކް ސާފުކުރަން މިހާރު ގިނަ އަދަދަކަށް ކްލޮރިން އަޅަމުންދާ ކަމަށެވެ.
ފެނުގެ ކާރިސާއާ ގުޅިގެން ބޯން ބޭނުންކުރާ ފުޅީގައި ބަންދުކުރި ފެން ވެސް ފުވައްމުލަކުން ވަނީ ހުސްވެފަ އެވެ. އެހެންވެ، އެ ރަށަށް އައްޑޫން ވެސް، މަތިންދާ ބޯޓު ޗާޓަރުކޮށްގެން މާލޭން ވެސް ފެން ގެންދިޔުމުގެ މަސައްކަތް ކުރާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
އިމަޖެންސީކޮށް ފެން ބޭނުންވާ ފަރާތްތަކުން އައިޑީކާޑާއެކު އެރަށުގެ އެމްއެންޑީއެފްގެ އިމާރާތަށް ދިޔުމުން ކޮންމެ ގޭބިސީއަކަށް ފެން ކޭހެއް ލިބޭނެ ކަމަށް ވެސް ކައުންސިލުން ބުނެފައިވެ އެވެ.
Comment