Advertisement

ބޭރުގެ އެޖެންޓުންނަށް ޑޮލަރު ލިބޭ ގޮތަށް ކާޑު ލިމިޓު ބޮޑުކުރުމުން ދިވެހި އެޖެންޓުންގެ ކަންބޮޑުވުން

10 ނޮވެންބަރު 2025 - 20:17 4

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ ވެއިޓިން އޭރިއާ: ޑޮލަރު ލިމިޓު ބޮޑުކުރީ ބޭރަށް ދަތުރުކުރާ މީހުންނަށް ފަސޭހަކޮށްދޭން --- ފޮޓޯ: އެމްއޭސީއެލް


ބޭރުގެ އެޖެންޓުންނަށް ޑޮލަރު ލިބޭ ގޮތަށް ކާޑު ލިމިޓު ބޮޑުކުރުމުން ދިވެހި އެޖެންޓުންގެ ކަންބޮޑުވުން

10 ނޮވެންބަރު 2025 - 20:17 4

ބީއެމްއެލްގެ ޑެބިޓު ކާޑުތަކުން ފްލައިޓުތަކަށް ޓިކެޓު ނެގުމަށާއި ހޮޓާ ބުކިންތަކަށް ބޭނުންކުރެވޭ ލިމިޓު ބޮޑުކުރުމުން، އެއީ ސީދާ ބޭރުގެ ބޮޑެތި ވިޔަފާރިތަކަށް ޑޮލަރުން ދިނުން ކަމަށް ބުނެ ޓިކެޓު ވިއްކާ ވިޔަފާރިތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ނަން ނުޖަހާ ގޮތަށް މި ނޫހާ ވާހަކަ ދެއްކި ޖެނެރަލް ސާވިސް އެޖެންޓަކު ބުނީ މި ބަދަލަކީ އެއް ގޮތަކަށް ވެސް ރަނގަޅު ބަދަލެއް ނޫން ކަމަށެވެ. އަދި މި ހުރިހާ ފައިސާއެއް ދާނީ ބޭރުގެ ބޮޑެތި އޮންލައިން ޓްރެވަލް ހިދުމަތްދޭ ވިޔަފާރިތަކަށް ކަމަށް އޭނާ ބުންޏެވެ.

އާންމުންނަށް ޓިކެޓު ނަގަން ފަސޭހަކޮށްދިނުމުގެ މަގުސަދުގައި މިކަން ކުރާ ނަމަ، އިސްކަން ދޭން ވާނީ ލޯކަލް އެޖެންޓުން ބައިވެރިކޮށްގެން މި ކަންކަން ފަހިކޮށްދިނުމަށް ކަމަށް ވެސް އެ ވިޔަފާރިވެރިޔާ ބުންޏެވެ. މި ކަމަށް އެހެން އެޖެންޓުން ވެސް ތާއީދުކުރެ އެވެ.

"ބީއެމްއެލްގައި ފުދޭ ވަރަށް ޑޮލަރު ހުރެގެން މިކަން ކުރާ ނަމަ، ލޯކަލް އެޖެންޓުންނަށް ޑޮލަރު ލިބޭނެ މަގުފަހިކޮށް ދޭންވީ. މިއީ އެތެރޭގެ އިގުތިސޯދު ވަރުގަދަ ކުރާ ގޮތަކީ." އޭނާ ބުންޏެވެ.

ސަރުކާރުގެ އެންގުމުގެ މަތިން ބީއެމްއެލްއިން ވަނީ ޓިކެޓު ނަގާށާއި ހޮޓާ ބުކިންތައް ހަދަން ދިވެހި ރުފިޔާ ޑެބިޓު ކާޑުތަކުން ކެނޑޭ ލިމިޓު މާދަމައިން ފެށިގެން 3000 ޑޮލަރަށް ބޮޑު ކުރަން ނިންމާފަ އެވެ.

ކާޑުތަކަށް މި ބަދަލު ގެނައިއިރު، ފޮރިން އިންވެސްޓުމަންޓު ގާނޫނުގެ ދަށުން، ބޭރުގެ އިންވެސްޓަރުންނަށް މަނާ ދާއިރާތަކުގެ ތެރޭގައި ޓިކެޓިން ދާއިރާ ވަނީ ހިމަނާފަ އެވެ. މިއީ އެ ދާއިރާގައި ދިވެހިން ބާރުވެރިކުރުމުގެ ބޭނުމުގައި ގެނައި ބަދަލެއް ކަމަށް ސަރުކާރުން ބުނެފައި ވެ އެވެ.