Advertisement

"މޯލްޑިވްސް 2.0" ގެ ދަށުން އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލްކޮށްފި

10 ނޮވެންބަރު 2025 - 16:13 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރުން -- ފޮޓޯ؛ ރައީސް އޮފީސް


"މޯލްޑިވްސް 2.0" ގެ ދަށުން އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލްކޮށްފި

10 ނޮވެންބަރު 2025 - 16:13 0

"މޯލްޑިވްސް 2.0" ގެ ދަށުން ޕާސްޕޯޓް ހެދުމަށާއި ވިސާ ޖެހުމަށް އިމިގްރޭޝަނަށް ދާން ނުޖެހޭ ގޮތަށް އިމިގްރޭޝަންގެ ހިދުމަތްތައް ޑިިޖިޓަލްކޮށްފި އެވެ.

ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި އިމިގްރޭޝަންގެ އައު ޑިޖިޓަލް ހިދުމަތްތައް ރަސްމީކޮށް ތައާރަފްކޮށްދެއްވީ މުހައްމަދު މުއިއްޒު އެވެ. އެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު، އަލީ އިހުސާނާއި އިމިގްރޭޝަން ކޮންޓްރޯލާ، އަހްމަދު ފަސީހުގެ އިތުރުން ސަރުކާރުގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އިމިގްރޭޝަނުން މިއަދު ވަނީ އެ ތަނުގެ އައު ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން އަދި ފޭޝަލް ރިކޮގްނިޝަން އެޕްލިކޭޝަންގެ އިތުރުން އިމިގްރެޝަންގެ އީ-ވިސާގެ ހިދުމަތް އިފްތިތާހުކޮށްފަ އެވެ.

އިމިގްރޭޝަނަކީ މޯލްޑިވްސް 2.0 ގެ ދަށުން ޑިޖިޓަލައިޒްކުރި ފުރަތަމަ ސަރުކާރުގެ އިދާރާ އެވެ.

އީ-ވިސާއަށް މި މަހުގެ 23، އިން ފެށިގެން އާންމުންނަށް ލިބިގެންދާއިރު، ވިސާ ދޫކުރެވިފައިވާ މީހުންނަށް އިމިގްރެޝަންގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އެ މީހަކަށް ދޫކުރެވިފައިވާ އީ-ވިސާގެ މައުލޫމާތު ފެންނާނެ އެވެ. އިމިގްރޭޝަން އިން އަލަށް ޑިޖިޓަލްކުރި ހިދުމަތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާ އަދި އެހެނިހެން ބޭނުންތަކުގައި ދިރިއުޅޭ ބިދޭސީންނަށް ރާއްޖޭގައި އުޅުމުގެ ހުއްދަ ނުވަތަ ވިސާ ވަނީ އީ-ވިސާ އަށް ބަދަލުކޮށްފަ އެވެ.

ކުރިން އިމިގްރޭޝަންގައި ވިސާއަށް އެދި ހުށަހަޅަން ޖެހެނީ ކަރުދާހުގައި ޕްރިންޓްކޮށްފައިވާ ފޯމުތައް މެދުވެރިކޮށް ކަމަށްވާއިރު، އެ ނިޒާމު ޕްލެޓްފޯމަކަށް ބަދަލުކުރިއިރު ވިސާ ޖެހުމަށްޓަކައި އެޕޮއިންޓްމަންޓް ހަދައި، އިމިގްރޭޝަނަށް ހާޒިރުވެ، ޕާސްޕޯޓް ހުށަހެޅުން އޮތީ ލާޒުމުކޮށްފަ އެވެ.

އިމިގްރޭޝަނުން ބުނީ އީ-ވިސާ ތައާރަފްކުރުމާއެކު މީގެކުރިން ވިސާގެ ހިދުމަތް ހޯދުމަށްޓަކައި ވަކިވަކި ސިސްޓަމްތައް ބޭނުންކުރަން ޖެހުމުގެ ސަބަބުން ހިދުމަތް ހޯދާ މީހުންނަށް ދިމާވަމުންދިޔަ ގޮންޖެހުންތަކަށް ހައްލު ލިބި، ލުއިފަސޭހަކަމާއެކު ވިސާއަށް އެދި ހުށަހެޅޭނެ ކަމަށެވެ.

"ވިސާ ދޫކުރުމާއެކު އީ-ވިސާ އޮންލައިންކޮށް ޑައުންލޯޑް ކުރުމުގެ ފުރުސަތު ލިބިގެންދާނެ. އީ-ވިސާގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ ކިއުއާރް ކޯޑެއް ހިމެނިފައިވާނެ،" އިމިގްރޭޝަނުން ބުންނެވެ.

މުއިއްޒު ކުރިން ވިދާޅުވީ މި ސަރުކާރުގެ ހުރިހާ ހިދުމަތްތަކެއް މޯލްޑީވްސް 2.0 ގެ ދަށުން 2028 ގެ ނިޔަލަށް ޑިޖިޓަލައިޒް ކުރާނެ ކަމަށެވެ.