Advertisement

ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރި ދެ މީހަކު ކޯޓުގެ ގާޒީންނަށް

9 ނޮވެންބަރު 2025 - 21:09 3

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރި ދެ މީހަކު ކޯޓުގެ ގާޒީންނަށް

9 ނޮވެންބަރު 2025 - 21:09 3

މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓު ހޯއްދެވުމަށް ޕްރައިމަރީގައި ވާދަކުރައްވައި ނާކާމިޔާބުވި ދެ ބޭފުޅަކު ގާޒީންގެ ގޮތުގައި ހަމަޖައްސައިފި އެވެ.

ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރެއްވީ ކްރިމިނަލް ކޯޓަށް އައްޔަން ކުރެއްވި އަހްމަދު ޝާފިއު އާއި ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓަކަށް ހަމަޖެއްސެވި މުހައްމަދު ނިޝާތު އެވެ.

ޝާފިއުއަކީ ޕީއެންސީގެ ތ. ގުރައިދޫ ދާއިރާގެ ޕްރައިމަރީގައި ވާދަކުރެއްވި ބޭފުޅެކެވެ. އޭނާ ނާކާމިޔާބުވީ އެ ދާއިރާގެ މެންބަރަކަށް މިހާރު ހުންނެވި ހަނާން މުހައްމަދު ރަޝީދު (ހަންޓޭ) އާ ވާދަކޮށްގެންނެވެ.

ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ކުރިން އެ ޕާޓީއަށް މެންބަރުން ވެއްދުމަށް ވެސް ޝާފިއު މަސައްކަތް ކުރެއްވި އެވެ. އަދި އޭރު އެ ޕާޓީއަށް ސޮއިކުރި ގިނަ އަދަދެއްގެ މެންބަރުންގެ ފޯމުތައް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ ހަވާލުކުރީ ވެސް އޭނާ އެވެ.

ނިމިދިޔަ ބާ ކައުންސިލް އިންތިހާބުގައި އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް ޝާފިއު އިންތިހާބުވެފައިވެ އެވެ. އޭނާ ވަނީ ކުރިން ޕީޖީ އޮފީހުގައި ޕަބްލިކް ޕްރޮސެކިއުޓަރުގެ މަގާމު ވެސް ފުރުވައްވައިފަ އެވެ.

ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓަކަށް ހަމަޖެއްސެވި ނަޝާތަކީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ ޕްރައިމަރީގައި ގެމަނަފުށީ ދާއިރާއަށް ވާދަކުރެއްވި އެވެ. ޕްރައިމަރީގައި އޭނާއާ ވާދަކޮށް ޓިކެޓު ހޯދައި، އިންތިހާބު ވެސް ކާމިޔާބު ކުރެއްވީ އެ ދާއިރާގެ މިހާރުގެ މެންބަރު އަސަދުﷲ ޝިހާބު އެވެ.

ޕީއެންސީގެ އެކްޓިވިސްޓުންގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ މީހުން ކޯޓުތަކުގެ ގާޒީންނާއި މިނިވަން މުއައްސަސާތަކަށް އައްޔަން ކުރާތީ އެކަމަށް އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ.