Advertisement

ސެޕްޓެމްބަރުގެ ނިޔަލަށް ދައުލަތުން ނުދައްކާ ހުރި ބިލުތަކުގެ ޖުމުލަ 5.1 ބިލިއަން ރުފިޔާއަށް އަރާ

9 ނޮވެންބަރު 2025 - 15:43 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އާއެކު: ސެޕްޓެމްބަރުގެ ނިޔަލަށް ދައުލަތުން ނުދައްކާ ހުރި ބިލުތަކުގެ ޖުމްލަ 5.1 ބިލިއަން ރުފިޔާއަށް އަރާ ---- ފޮޓޯ: ރައީސް އޮފީސް


ސެޕްޓެމްބަރުގެ ނިޔަލަށް ދައުލަތުން ނުދައްކާ ހުރި ބިލުތަކުގެ ޖުމުލަ 5.1 ބިލިއަން ރުފިޔާއަށް އަރާ

9 ނޮވެންބަރު 2025 - 15:43 1

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައުލަތުން ބިލުތަކަށް ނުދައްކާ ހުރި ފައިސާގެ އަދަދު 5.1 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އޮޑިޓު އޮފީހުން ބުނެފި އެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު ދިރާސާކުރާ ކޮމިޓީއަށް ހާޒިރު، އޮޑިޓު އޮފީހުން މިއަދު ހިއްސާކުރި މައުލޫމާތުގެ ތެރެއިން މިފަދައިން ވިދާޅުވީ އެ އޮފީހުގެ ޑިރެކްޓާ ޖެނެރަލް އޮފް އޮޑިޓު، މުހައްމަދު ޝާން އެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވޭ، ދައުލަތުން އެކައުންޓްސް ޓޭބަލް ގޮތުގަ، ނުވަތަ ނުދައްކާ ހުރި ބިލުތަކުގެ ގޮތުގަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 5.1 ބިލިއަން ރުފިޔާ އެބަހުރި. މިއީ ސިސްޓަމުން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ފާހަގަކުރުމެއް،" ޝާން ވިދާޅުވި އެވެ.

މި އަދަދާ އެކު މި އަހަރަށް ފާސްކުރި ބަޖެޓު ރިވައިސްކޮށް އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ޖަހާފައިވާ އަދަދުތަކުން އެނގޭ ގޮތުގައި މި އަހަރު ނިމުމުގެ ކުރިން އިތުރު 19.5 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ އަދަދަށް ފައިނޭންސިން ނުހޯދިއްޖެނަމަ އެ ފައިނޭންސިން ހޯދުން އަންނަ އަހަރުގެ ބަޖެޓަށް މަތިވާނެ ކަމަށް ވިދާޅުވި އެވެ.

"އެހެންވީމަ. އަޅުގަނޑުމެން ރިކޮމެންޑުކުރަން 2026 ވަނަ އަހަރަށް ހުށަހަޅާފަ އިން ބަޖެޓުގަ 2025 އިން 2026 އަށް ޕޭޔެބަލްގެ ގޮތުގައި ދާނެ އަދަދުގެ އެސްޓިމޭޓެއް ފިނޭންސް މިނިސްޓްރީން ހޯދުމަށާއި ދެން ހަމަ އެޔާ އެކީގަ އެ ކަންކަމަށް ރިއާޔަތްކޮށް އޭތި ފައިނޭންސް ކުރެވޭނެ ގޮތެއް 2026 ވަނަ އަހަރުގެ ބަޖެޓުގަ ހިމެނިގެން ދިޔުން،" ޝާން ވިދާޅުވި އެވެ.

އެކި ބިލުތަކަށް ދައުލަތުން ވިޔަފާރިވެރިންނަށް ނުދެވި ހުރި ފައިސާ ދިނުމުގެ މަސައްކަތް ރައީސް މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވި ފަހުން ދަނީ ކުރަމުންނެވެ. ނަމަވެސް އަދި ވެސް އެކަން ކުރެވިފައެއް ނެތެވެ.

މި ބިލުތަކަށް ފަސް ހަފުތާ ތެރޭ ފައިސާ ދައްކާ ހަލާސްކުރަން މުއިއްޒު އެންމެ ފަހުން ދެއްވި ތާރީހަކީ ނިމިދިޔަ ބުރާސްފަތި ދުވަހެވެ. ނަމަވެސް، އެ ދުވަހާއި ހަމައަށް ފައިސާ ނުދެވުމުން، އެ ތާރީހަކީ ފައިސާ ދޭން ފަށާނެ ކަމަށް ވިދާޅުވެ ދޮގު ހެއްދެވުމަށްފަހު މުއިއްޒު ވަނީ މި މަހުގެ ނިޔަލަށް ފައިސާ ދައްކާ ނިންމާނެ ކަމަށް ވިދާޅުވެފަ އެވެ. ބިލުތަކަށް ފައިސާ ދޫކުރަން ފަށާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ނަމަވެސް، ބިލުތަކަށް ނުދައްކާ ހުރި ފައިސާގެ އަދަދަކީ ދެ ބިލިއަނެއްހާ ރުފިޔާ ކަމަށް މުއިއްޒު، އޮކްޓޯބަރު، 20، ގައި ވިދާޅުވި އެވެ.

މި ބިލުތައް ހަލާސްކުރުމަށް ސަރުކާރުން ދަނީ ޕެންޝަން ފަންޑު މެދުވެރިކޮށް ފައިސާ ޗާޕުކުރަން މަސައްކަތް ކުރަމުންނެވެ. ޕެންޝަން އޮފީސް މެދުވެރިކޮށް ޗާޕު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދަނީ 2.5 ބިލިއަން ރުފިޔާ އެވެ.

ވިޔަފާރިވެރިންނަށް ނުދީ ހުރި ފައިސާ މިދިޔަ ނޮވެމްބަރު، 2024 ގެ ކުރިން ދީ ހަލާސް ކުރާނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ. އެ ވައުދު އެމަނިކުފާނު ނުފުއްދަވަ އެވެ. އޭގެފަހުން ވިޔަފާރިވެރިންނަށް ނުދީ ހުރި ފައިސާ މިދިޔަ ރޯދަ މަހުގެ ކުރިން ދޫކުރާނެ ކަމަށް ވެސް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ. ނަމަވެސް އެ ފަހަރުވެސް އެ ވައުދު ފުއްދަވައިފައެއް ނުވެ އެވެ.